ސިވިލް ސަރވިސް މުވައްޒަފުންގެ މަޢުލޫމާތު ހިމެނޭ ސީއެސް ވިއުގަ އިފްތިތާޙުކޮށްފިއެވެ. މި ވިއުގަ މެދުވެރިކޮށް، ރާއްޖޭގެ އެކި ރަށްރަށުގައި މަސައްކަތްކުރާ ހުރިހާ ސިވިލް ސަރވިސް މުވައްޒަފުންގެ މަޢުލޫމާތު ލިބޭނެކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ.
ރާއްޖޭގައި މަސައްކަތްކުރާ ސައްބީސްހާހެއްހާ ސިވިލް ސަރވިސް މުވައްޒަފުންގެ މަޢުލޫމާތު އެކަށީގެންވާ ރަނގަޅު ޑިޖިޓަލް ހިއުމަން ރިސޯސަސް މެނޭޖްމަންޓް ސިސްޓަމެއް މެދުވެރިކޮށް ބެލެހެއްޓުމަށް ސިވިލް ސަރވިސް ކޮމިޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ރާއްޖޭގައި މިހާރު ބޭނުންކުރަމުން އަންނަ ސީއެސް ސޮފްޓްވެއަރ އިތުރަށް ހަރުދަނާކޮށް ސީއެސް ވިއުގައިގެ ނަމުގައި އިފްތިތާޙްކޮށްފައިވަނީ، ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ކޮމިޝަނުގެ މެންބަރުންނެވެ.
އަލަށް އިފްތިތާޙްކުރި ވިއުގަ މެދުވެރިކޮށް މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމުގައި އިތުރު ކުރިއެރުންތަކެއް ލިބި މުވައްޒަފުންނަށް އަމިއްލަ ވަޒީފާއާއި ކުރިއެރުންތަކާއި ލިބޭ ތަޖުރިބާއާއި ތަމްރީނުތަކުގެ މަޢުލޫމާތު ފަސޭހައިން ލިބޭނެ ކަމަށްވެސް ސިވިލް ސަރވިސް އެކޮމިޝަނުން ވިދާޅުވެއެވެ. މީގެ އިތުރުން ކުރިއަށް އޮތްތަނުގައި މި ވިއުގަ މެދުވެރިކޮށް ސިވިލް ސަރވިސްގެ ވަޒީފާތަކަށް ކުރިމަތިލެވޭނެ ގޮތް ހެދުމަށްވެސް އެކޮމިޝަނުންގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
ސީއެސް ވިއުގަ އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިޙް ވިދާޅުވީ ރާއްޖޭގައި ތިބި ހުރިހާ ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމަށް ދައުލަތުން ކޮންމެ އަހަރަކުވެސް ބޮޑު ހޭދައެއް ކުރައްވާކަމަށެވެ. ނަމަވެސް އަލަށް ތަޢާރަފްކުރެވުނު މި ސީއެސް ވިއުގައިގެ ސަބަބުން މިކަމަށް ދައުލަތުންކުރާ ޚަރަދު ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެކަމަށް ނާސިޙް ވިދާޅުވިއެވެ.
"މިޕޯޓަލްއާއެކު ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ދުވަހުން ދުވަހަށް ބެލެހެއްޓި ރައްކާކުރެވޭނެ. އަދި ދައުލަތުން މުވައްޒަފުންގެ ފެންވަރު ބެލުމަށް ކުރާ ޚަރަދު މީގެ ސަބަބުން ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ." ނާސިހް ވިދާޅުވިއެވެ.
ކަރުދާހާ ނުލައި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް ރާއްޖޭގައި ޤާއިމުކުރި ފުރަތަމަ މިފަދަ ވިއުގައާއެކު ސިވިލް ސަރވިސްއިންވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެންމެ ފުރަތަމަ 1984 ވަނަ އަހަރުން ފެށިގެން މުވައްޒަފުންނާ ގުޅޭ މަޢުލޫމާތު ފޮތްތަކުގައި ރިކޯޑުކުރަމުން އައިސް 1993 ވަނަ އަހަރު ފުރަތަމަ ފަހަރަށް މުވައްޒަފުންގެ މަޢުލޫމާތު ސޮފްޓްވެއަރ މެދުވެރިކޮށް އަންނަނީ ބަލަހައްޓަމުންނެވެ. އެފަހުން މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރަމުން އަންނަ ސޮފްޓްވެއަރތައް އަޕްގްރޭޑް ކުރަމުން އައިސް މިއަދު ހުރިހާ ސިވިލް ސަރވަންޓުންގެ މަޢުލޫމާތު އެއްވިއުގައިން ބަލާލެވޭނެ ގޮތާއި މުވައްޒަފުންނަށް ބޭނުންވާ އެކި ޚިދުމަތްތައް މިވިއުގަ މެދުވެރިކޮށް ލިބިގެންދާނެމަގު ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ފަހިކޮށްދެއްވާފައެވެ.