ދުނިޔެ

ސޫރިޔާގައި ކިޔުބާ ސިފައިން ހަރަކާތްތެރިވާ ހަބަރު އުދޮގުކޮށްފި


ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދަށް އެހީތެރިވުމަށް ސިފައިން ފޮނުވާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ކިޔުބާ ސަރުކާރުން ދޮގުކޮށްފި އެވެ.ކިޔުބާގެ ޚާރިޖިއްޔާގެ އޮފިޝަލެއް ކަމަށްވާ ގެރާޑޯ ޕެނަލްވަރ ވިދާޅުވީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ކިޔުބާގެ ސިފައިން ފޮނުވާފަވާކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށާއި އެއީ ވަރަށް ޒިންމާދާރު ކުޑަ ހަބަރުތަކެއް ކަމަށެވެ.ސޫރިޔާގައި ކިޔުބާގެ ސިފައިން ބައިވެރިވަމުންދާކަމުގެ ހެކި ލިބިފައިވާ ކަމަށް އިންސްޓިޓިއުޓް ފޯ ކިޔުބަން އެންޑް ކިޔުބަން އެމެރިކަން ސްޓަޑީޒް އާއި ފޮކްސް ނިއުސް އިން ބުނެފައިވެ އެވެ. އެމެރިކާގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ އިދާރާއެއްގެ އޮފިޝަލެއް މިކަން ޔަގީންކޮށްދީފައިވާ ކަމަށް ފޮކްސް ނިއުސް އިން ބުނެފައިވެ އެވެ.ސޫރިޔާގައި ކިޔުބާގެ ސިފައިން ހަރަކާތްތެރިވާކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައިނުވާ ކަމަށް ވައިޓްހައުސްގެ ތަރުޖަމާނު ޖޯޝް އާނަސްޓް ވަނީ ވިދާޅުވެފަ އެވެ.