ޚަބަރު

ކޯވިޑް-19އިގެ ވެކްސިނަށް ހޭލުންތެރިކުރުމުގެ ހަރަކާތެއް އެމްއާރުސީން ފަށަނީ


ކޯވިޑް-19ގެ ވެކްސިން އަށް މީހުން ހޭލުންތެރިކުރުމުގެ ހަރަކާތެއް އަންނަ މަހު ފަށާނެކަމަށް ދިވެހި ރެޑްކްރެސެންޓުން ބުނެފިއެވެ.

ކޯވިޑް-19އާ ގުޅިގެން ދިވެހި ރެޑްކްރެސެންޓް (އެމްއާރްސީ)ން މިހާރު އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ މައުލޫމާތު ހިއްސާކުރަމުން އެޖަމާޢަތުގެ މާލެ ބްރާންޗުގެ މެނޭޖަރ މުޙައްމަދު އަދީލް ބުނީ ވެކްސިންޖަހަން ފަށަންވާއިރަށް ގްރޭޓަރ މާލެ ސަރަހައްދުގެ އާންމުން ވެކްސިނަށް ހޭލުންތެރިކުރުމަށްޓައި ރާއްޖޭގައި ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ ޖަމިއްޔާ ޖަމާޢަތްތަކާއި ކަމާގުޅުން ހުރި އިދާރާތައް ގުޅިގެން ވެކްސިންގެ މައުލޫމާތު ދިނުމަށް ހަރާކާތްތަކެއް ހިންގުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން ވެކްސިންގެ މައުލޫމާތު ފޯރުކޮށްދޭނީ ގޭބިސީތަކަށްކަމަށާއި، އެކަމުގައި ދިވެހި ރެޑްކްރެސެންޓުގައި މަސައްކަތްކުރާ ފަސްދޮޅަހެއްހާ ދަރުމަވެރިން ހަރަކާތްތެރިވެެ މައުލޫމާތުދޭނެކަމަށް އެމްއާރްސީގެ މާލޭ ބްރާންޗުގެ ހެޑް ވިދާޅުވިއެއެވެ. އަދި އެޗްޕީއޭއިން ހުއްދަ ދިނުމާއެކު މާލޭ، ވިލިމާލެ އަދި ހުޅުމާލޭގައި ވެކްސިނަށް ހޭލުންތެރިކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ބޮޑަށް ރާވާފައި މިއޮތީ އިރާދަކުރެއްވިއްޔާ އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ޓީމްތައް މާލޭ އޭރިއާއަށް ފޯކަސްކޮށްގެން މިސަރަޙައްދުން ފައްޓަން. އޭގެ އިތުރުން އަޅުގަނޑުމެންގެ ބްރާންޗްތައް ހުރި ސަރަހައްދުތަކުގައާ ބްރާންޗްތައް ނެތް ސަރަހައްދުތަކުގައި މަސައްކަތް ކުރިއަށްގެންދާނީ ކޮންގޮތަކަށްތޯ ބަލަން ދެނެގަތުމުގެ މަސައްކަތްތައް މިދަނީ ކުރަމުން" މުޙައްމަދު އަދީލް ބުންޏެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖޭގައި ކޯވިޑް-19އިގެ ވެކްސިން ޖަހަން ފަށާނެކަމަށް ޤައުމީ ވެކްސިން ޕްރޮގްރާމުންވަނީ ހާމަކޮށްފައެވެ. އަދި ކޯވިޑް-19އިން ރައްކާތެރިވުމަށް ދޭ ވެކްސިން ރާއްޖޭގައި ޢުމުރުން 50 އަހަރާއި 50 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ދިނުމަށް ނިންމާފައިވާއިރު، މި ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ވެކްސިންގ ގަތުމަށް ނިންމާފައިވަނީ ސިންގަޕޫރުގެ އެސްޓްރާޒެނެކާއިން ކަމަށް މިނިސްޓްރީ އޮފް ފިނޭސުންވަނީ ހާމަކުރައްވާފައެވެ.

އަދި ޑަބްލިއުއެޗްއޯގެ އެހީގައި ބައިނަލްއަޤުވާމީ ވެކްސިން ޕްރޮގްރާމް ކޯވެކްސްގެ ދަށުން ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ހިލޭ ވެކްސިން ލިބޭނެ ގޮތްވެސް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.