ދުނިޔެ

ލަންޑަނުގައި ކޯވިޑް ފެތުރުން ކޮންޓުރޯލުން ނެއްޓި، ޚާއްޞަ ޙާލަތު އިޢުލާނުކޮށްފި


އިނގިރޭސިވިލާތުގެ ވެރިކަންކުރާ ސިޓީ، ލަންޑަންގައި ކޯވިޑުގެ އައު ވައްތަރު ފެތުރޭ މިންވަރު ކޮންޓްރޯލުން ނެއްޓިއްޖެއެވެ. ބަލި މީހުން ގިނަވެ އެޤައުމުގެ ހަސްފަތާލުތަކަށް ބާރު ބޮޑުވުމުގެ ސަބަބުން ލަންޑަންގައި ވަނީ ބޮޑު ކާރިޘާއެއް މެދުވެރިވެފައިވާކަމަށް އިޢުލާނުކޮށްފިއެވެ.

ކޯވިޑް ޖެހިގެން ފަސްވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ޤައުމުގެ ގޮތުގައި އޮތީ އިނގިރޭސިވިލާތެވެ. އެ ޤައުމުގައި މިހާތަނަށް 2.9 މިލިއަން މީހުންނަށް ކޯވިޑް ޖެހިފައިވާއިރު އެ ބަލީގައި 79،833 މީހުންވަނީ މަރުވެފައެވެ. އިނގިރޭސިވިލާތަށް ކުރިމަތިވެފައިވާ ޙާލަތުން އަރައިގަތުމަށް އެ ޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންވަނީ އެ ޤައުމުގެ އިޤްތިޞާދު މަޑުޖައްސާލައި، އެންމެ ކުރިން ވެކްސިން ދޭން ފެށި ޤައުމަށް އިނގިރޭސިވިލާތް ހަދާފައެވެ.

އިދިކޮޅު ލޭބާ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ލަންޑަންގެ މޭޔަރު ސާދިޤު ޚާން ވިދާޅުވީ ވައިރަހުގެ އައު ވައްތަރު އޮބި ނޯންނަ މިންވަރަށް ފެތުރެމުންދާތީ ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ލަންޑަނުގެ ހަސްފަތާލުތަކުގެ ހުރިހާ އެނދެއް ފުރޭނެކަމަށެވެ. އެހެންކަމުން ލަންޑަންގައި ވައިރަހުގެ ސަބަބުން ބޮޑު ކާރިޘާއެއް ހިނގުމުގެ ފުރުޞަތު އޮތްކަމަށެވެ.

ޚާން ވިދާޅުވީ ލަންޑަންގެ ބައެއް ސަރަޙައްދުތަކުގައި ކޮންމެ 20 މީހަކުން އެކަކަށް ކޯވިޑް ޖެހިފައިވާކަމަށާއި، އެމްބިއުލަންސުގެ ޚިދުމަތަށްވެސް ބުރޫއަރަމުންދާކަމަށެވެ. އެމަޖެންސީ ސާވިސަސް އަށް ދުވާލެއްގެ މައްޗަށް 9000އަށްވުރެ ގިނަ ކޯލު އަންނަމުންދާކަމަށާއި، މިޙާތަލުގައި އަލިފާން ނިއްވާ ފަރާތްތައްވެސް އެމަޖެންސީ އުޅަނދުތައް ދުއްވުމަށް ނެރެފައިވާކަމަށް ޚާން ވިދާޅުވިއެވެ.

'މޭޖާ އިންސިޑެންޓު'ގެ ޙާލަތު އާންމުކޮށް އިޢުލާނުކުރަނީ ބޮޑު ޙަމަލާއެއް ދިނުމުން ނުވަތަ ބޮޑެތި އެކްސިޑެންޓުތައް ކުރިމަތިވުމުންނެވެ. އެ ޙާލަތު އިޢުލާނުކުރަނީ އިންސާނުންގެ ފުރާނައަށާއ ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތަކަށާއި ތިމާވެއްޓަށް ނުވަތަ ޤައުމީ ސަލާމަތަށް ނުރައްކާވުމުންނެވެ.

ލަންޑަންގައި އެންމެ ފަހުން 'މޭޖާ އިންސިޑެންޓް'ގެ ޙާލަތު އިޢުލާނުކޮށްފައިވަނީ 2017ވަނަ އަހަރުގައި ގްރެންފެލް ޓަވަރުގައި އަލިފާނުގެ ނުރައްކާތެރި ހާދިޘާއެއް ހިނގުމުންނެވެ. އެ ހާދިޘާގައި 72 މީހުންވަނީ މަރުވެފައެވެ.

ދުނިޔޭގެ އެންމެ މުއްސަނދި އެއް ސިޓީކަމުގައިވާ ލަންޑަނުގައި 9 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ.