މެޗްގެ 90 މިނެޓް އެއްވަރެއްގައި ކުޅުން މުހިންމުކަމަށް މާޒިޔާގެ ކޯޗް ސާބިޔާގެ ވިޑަކޮވިޗް ބުނެފިއެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ސުޕަރ ޔުނައިޓަޑް ވާދަކުރި މެޗް މާޒިޔާ ކާމިޔާބުކޮށްފައިވަނީ 3 ލަނޑު 0 ލަނޑުންނެވެ.
މިއީ އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ސަސް ދިރާގު ދިވެހި ޕްރިމިއަރ ލީގްގައި ބަލިވި ފުރަތަމަ މެޗެވެ. މާޒިޔާގެ ކޯޗު ވިޑަކޮވިޗް ބުނީ މެޗްގެ ފުރަތަމަ ހާފްގައި ކޯޗު ބޭނުންވި ގޮތަށް ޓީމް ކުޅުނުކަމަށާއި ނަމަވެސް ދެވަނަ ހާފްގައި މެޗްގެ ކޮންޓްރޯލް މާޒިޔާއަށް ގެއްލިގެންދިޔަކަމަށެވެ. އަދި ދެވަނަ ހާފްގައި ކުޅުންތެރިން މާގިނައިން ދިގު ބޯޅަތަށް ކުޅެންފެށިކަމަށާއި މިއީ ކޯޗުގެ ސްޓައިލްވެސް ނޫންކަމަށް ސާބިޔާގެ ކޯޗް ވިޑަކޮވިޗް ބުންޏެވެ. އަދި އާ ކޯޗްއާއެކު 2 ދުވަހުގެ ފަރިތަކުރުންތަކަށްފަހު، ނިކުމެ 3 ޕޮއިންޓާއެކު ފެށުން ރަގަނޅުކަމަށްވެސް ކޯޗް ވިޑަކޮވިޗް ފާހަގަކުރިއެވެ. އަދި ކުރިއަށް ހުރި މެޗުތަކުގައި ކުޅުމުގެ ސްޓައިލާއި އެއްވާނެއްގައި 90 މިނެޓް ހިފެހެއްޓުންވެސް މުހިންމުކަމަށް މާޒިޔާގެ ކޯޗް ވިޑަކޮވިޗް ބުންޏެވެ.
"މެޗްގެ 90 މިނެޓް އެއްވާނެއްގައި ކުޅުން ވަރަށް މުހިންމު. ދެވަނަ ހާފްގައި ކުޅުމަށް ބަދަލްތަކެއް އައި. ޓީމުގެ ތެރެއިން ބޮޑެތި ގެޕްތަކެއްވެސް ފެނިގެންދިޔަ. އަދި ދެ ކުޅުންތެރިންގެ މެދުގައި މާބޮޑު ޖާގަތަށްވެސް ފެނިގެންދިޔަ. މިއީ އަހަރުން ކުޅެން ބޭނުންވާ ގޮތެއްނޫން. ފުރަތަމަ ހާފްގައި ކުޅުންތެެރިން މޮޅަށް ކުޅުނު، ފުރަތަމަ ހާފްގައި 3 ލަނޑު ޖެހުމުން ކުޅުންތެރިން މާބޮޑަށް ފަސޭހަކޮށްލީކަމަށް ބެލެވެނީ. އަދި ކުރިން މާޒިޔާ ކުޅެފައި ހުރި ގޮތްތަކަށް ކުޅުންތެރިން ކުޅެންފެށި. އާ ކޯޗާއެކު މިއީ އަދި ފެށުމެއް. ކުރިއަށް ހުރި މެޗްތަކުގައި ރަގަނޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި." މާޒިޔާގެ ކޯޗް ވިޑަކޮވިޗް ބުންޏެވެ.
ސަސްގެ ކޯޗް އަހުމަދު ނާޝިދުބުނީ މެޗުއެއްކޮށް ބަލާއިރު ސަސް ޓީމުގެ ކުޅުން ގޯސްނޫންކަމަށާއި މެޗުގެ ފުރަތަމަ ހާފްގައި މާޒިޔާއިން ޖެހި ގޯލްތަކަކީ ކޯޗުގެ ގޭންމް ޕްލޭންއާއި އެއްގޮތަށް ކުޅުންތެރިންނަށް މަސައްކަތް ނުކުރެވިގެން މާޒިޔާއިން ޖެހި ގޯލްތަކެއްކަމަށެވެ. އަދި ފަހުން ސަސްގެ ކުޅުންތެރިން ވަރަށް ހިއްވަރުކޮށްގެން ގޯލެއް ޖެހުމަށް މަސައްކަތް ކުރަމުންދިޔަތަން ފެނިގެންދިޔަކަމަށް ކޯޗް ނާޝިދު ބުންޏެވެ. އަދި ފުރަތަމަ ހާފްގައި އެންމެ ބޮޑަށް ދިމާވި މައްސަލައަކީ ފުރަތަމަ ގޯލާއެކު ކުޅުންތެރިންގެ ހިއްވަރު ދަށްވެގެން ދިއުންކަމަށް ސަސްގެ ކޯޗް ބުންޏެވެ.
"އަސްލުގައި މާޒިޔާއަތުން ޕޮއިންޓެއް ލިބުމަކީ ބޯނަސް ޕޮއިންޓެއް. ވަރަށް ބޮޑަށް ވިސްނައިގެން މިނިކުތީ ބައެއް ކުޅުންތެރިން އަނިޔާނުވެ، ކާޑް ދައްކާފައި ތިބި ކުޅުންތެރިންވެސް ކާޑެއް ނުހޯދާ މިމެޗުން ސަލާމަތްވޭތޯ. އެކަންކަން ޕްލޭންއާއި އެއްގޮތަށް ކުރިއަށްދިޔަ، އެހެންނަމަވެސް މެޗްގެ ފުރަތަމަ ހާފްގައި ކޯޗްގެ ޕްލޭންއާއި އެއްގޮތަށް ކުޅުމެއް ނުދިޔައޭ ބުނެވޭނީ. އެހެންވެގެން ފުރަތަމަ ހާފް އެހާ ދަށްކޮށްދިޔައީ." ސަސްގެ ކޯޗް އަހުމަދު ނާޝިދު ބުންޏެވެ.