ސޫރިޔާއަށް އެމެރިކާގެ ކޯލިޝަން އިން ދިން ހަމަލާއެއްގައި އަލްގައިދާއަށް ފަންޑުކުރާ މީހެއް ކަމަށްވާ ސަނަފީ އަލް ނަސްރް މަރާލެވިފައިވާކަމަށް ޕެންޓަގަން އިން ބުނެފި އެވެ. ޕެންޓަގަން އިން ބުނީ އަލް ނަސްރް އަކ ސައުދީ އަރަބިއްޔާގެ ރައްޔިތެއް ކަމަށާއި އަލްގައިދާ އާއި ޚުރާސާން ގްރޫޕަށް ފައިސާ ހޯދައިދީ އާ މެންބަރުން ވެއްދުމަށް މަސައްކަތް ކުރި މީހެއް ކަމަށެވެ. އަދި، އޭނާ މަރުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ސޫރިޔާގެ އުތުރުގެ ސަރަހައްދަކަށް ދިން ހަމަލާއެއްގައި ކަމަށްވެސް ޕެންޓަގަން އިން ބުނެފައިވެ އެވެ. ޕެންޓަގަން އިން ބުނާ ގޮތުގައި މިއީ މިދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި ޚުރާސާން ގްރޫޕްގެ އިސް ލީޑަރުންގެ ތެރެއިން މަރާލެވުނު ފަސްވަނަ މީހާ ކަމަށެވެ. އަދި، އޭނާ އަކީ ސައުދީ އަރަބިއްޔާ އިން ހޯދަން ބޭނުންވެފައިވާ މީހެއް ކަމަށާއި އޭނާ ޓެރަރިސްޓުންގެ ލިސްޓަށް އަރުވާފައިވަނީ މިދިޔަ އަހަރު ކަމަށްވެސް ޕެންޓަގަން އިން ބުނެފައިވެ އެވެ.އެމެރިކާގެ ޑިފެންސް ސެކެޓްރީ އޭޝް ކާޓަރ ނެރުއްވާފައިވާ ބަޔާނެއްގައި، މިދިޔަ ބުރާސްފަތިދުވަހު ސޫރިޔާގައި ހިންގި އޮޕަރޭޝަނަކީ ކާމިޔާބު އޮޕަރޭޝަނެއް ކަމަށާއި ޚުރާސާން ގްރޫޕުން އެމެރިކާއަށް ދިނުމަށް ރާވާފައިވާ ހަމަލާތައް ހުއްޓުމަކަށް ގެނެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. މި ހަމަލާއާ ގުޅޭ އިތުރު މައުލޫމާތު ޕެންޓަގަން އިން އާންމުކޮށްފައެއް ނުވެ އެވެ.