ޚަބަރު

ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި ހަރަކާތްތެރިވުމަށް ސައުދީއަށްދާ ސިފައިންނާ މިނިސްޓަރު ބައްދަލުކުރައްވައިފި


ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށްޓަކައި ސައުދީ އަރަބިއްޔާއިން އުފައްދާފައިވާ "އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން"ގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި ޙަރަކާތްތެރިވުމަށްޓަކައި ސައުދީ އަރަބިއްޔާއަށްދާ ސިފައިންނާއި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ބައްދަލުކުރައްވައިފިއެވެ.

ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި މަސައްކަތްކުރުމަށްދާ ސިފައިންގެ ތެރޭގައި ހިމެނެނީ ކާނަލް މުޙައްމަދު މުޚުތާރާއި، މޭޖަރ މުޙައްމަދު ޞާމިރާއި، ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ އާއި ވޮރަންޓް އޮފިސަރ ގްރޭޑް 1 މިފްތާޙް ޙުސައިނެވެ. މިޓީމުގައި އެންމެ އިސްކޮށް ހުންނަވާނީ ކާނަލް މުޙައްމަދު މުޚުތާރެވެ. މި ބޭފުޅުން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިއާދުގައި ޤާއިމްކޮށްފައިވާ ސެންޓަރުގައި 1 އަހަރު ދުވަހުގެ މުއްދަތަކަށް މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. މި ބޭފުޅުން ސައުދީ އަރަބިއްޔާގައި ތިއްބެވުމުގެ ޚަރަދުތައް ހަމަޖައްސަވައިދެއްވަނީ ސައުދީ އަރަބިއްޔާގެ ފަރާތުންނެވެ.

މި ބައްދަލުވުމުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެން.ސީ.ޓީ.ސީ)ގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި، ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީ (ޑީ.އައި.ޑީ.ސީ)ގެ ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް ކާނަލް ޢަބްދުލް މަތީން އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

އިސްލާމީ ޤައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި 2015 ވަނަ އަހަރު އުފެއްދި މި ކޯލިޝަންގައި 41 ޤައުމަކުން ވަނީ ބައިވެރިވެފައެވެ. މި ކޯލިޝަންގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިސްލާމީ ޤައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، މެމްބަރު ޤައުމުތަކުގެ މެދުގައި ޓެރަރިޒަމާ ގުޅުންހުރި މަޢުލޫމާތު ޙިއްސާކުރުން ހިމެނެއެވެ.