ޚަބަރު

ސަސްއަށް ޔޫވީ ބަލިކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް - ނާޝިދު


ޔުނައިޓަޑް ވިކްޓްރީ މެޗަށް ޓީމްގެ ކުޅުންތެރިން ފިޓްކަމަށާއި މިމެޗްގައި ނުކުޅެވޭ ވަރުގެ ކުޅުންތެރިއަކު ސަސް ޓީމުގައި ނެތްކަމަށް ސުޕަރ ޔުނައިޓަޑްގެ ކޯޗް އަހުމަދު ނާޝިދު ބުނެފިއެވެ. އެންމެ ފަހުން ލީގުގައި މާޒިޔާ އަތުން ބަލިވިނަމަވެސް އޭގެ އަސަރު ކުޅުންތެރިނަށް ނުކުރާކަމަށާއި ލީގަށް ތައްޔާރުވުމުގެ ގޮތުން އެކުވެރިކަމުގެ 13 މެޗް ކުޅެފައިވާއިރު، މިމެޗުތަކުގެ ތެރެއިން ބަލިވެފައިވަނީވެސް ހަމައެކަނި މާޒިޔާއަތުންނެވެ. ސަސްގެ ކޯޗުބުނީ މާޒިޔާ އަތުން ބަލިވިޔަސް، ޔުނައިޓަޑް ވިކްޓްރީއާއި ދެކޮޅަށް ނިކުންނަ މެޗުގައި އޭގެ އެއްވެސް އަސަރެއް ޓީމަށް ނުކުރާނެކަމަށެވެ. އެކުވެރިކަމުގެ މެޗުތަކުގައި މާޒިޔާ ނޫން އެހެން ހުރިހާ ޓީމެއް ބަލިކުރެވިފައި އޮތުމުން ކުޅުންތެރިންނަށް ވަރަށް ބޮޑު ހިއްވަރެއް ލިބިފައިވާކަމަށާއި ކޮންމެ ޓީމަކާއި ދެކޮޅަށްވެސް ކުޅެވިދާނެކަމުގެ ޔަގީންކަން ސަސްގެ ކުޅުންތެރިންނަށް އޮންނާނެކަމަށް ޓީމުގެ ކޯޗް އަހުމަދު ނާޝިދު ބުންޏެވެ.

"ސަސްއިން މަސައްކަތްކުރާނީ ލީގް ފުރަތަމަ ބުރުގައި ބާކީ މިއިން ދެ މެޗުންވެސް މޮޅުވާން. ޔޫވީ މެޗަކީ މޮޅު ނުވެވޭވަރުގެ މެޗެއްނޫން. މަސައްކަތްކޮށްލީމަ މޮޅުވެވޭނެ. އެންމެ ފަހުން މާޒިޔާއާއި ދެކޮޅަށް ކުޅުނު މެޗްގެ ދެވަނަ ހާފްގައި ސަސްގެ ފަރާތުން ފެނުނު ކުޅުމަށް ބަލާއިރު، ލަފާކުރެވެނީ ޔޫވީ މެޗުގައި ނަތީޖާ ނެރެވޭނެކަމަށް. އެވަރަކަށް ތައްޔާރު ވެވިއްޖެކަމަށްވާނަމަ، ތިން ޕޮއިންޓްވެސް ލިބުން ވަރަށް ގާތް. ހުރިހާ ކުޅުންތެރިންވެސް ބޭނުންވަނީ ބޭނުންވަނީ މިމެޗުން ތިން ޕޮއިންޓްނަގަން." ސަސްގެ ކޯޗް އަހުމަދު ނާޝިދު ބުންޏެވެ.

މެޗްގެ ކުރިންވާހަކަދައްކަމުން ޔުނައިޓަޑް ވިކްޓްރީގެ ކޯޗް މުހައްމަދު އާދަމްބުނީ މެޗުތަކުން ޔޫވީ މިހާތަނަށް ބަލިވެފައިވަނީ މޮޅު ވުމުގެ ރޫހް ކުޅުންތެރިންގެ ކިބައިގައި ނެތުމުގެ ސަބަބުންކަމަށާއި އެންމެފަހުން ކުލަބް އީގަލްސް މެޗުގައި އެޓީމުން 3 ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރާ ޔޫވީއިން 2 ލަނޑު ޖެހުމަކީ ކުޅުންތެރިން މެޗުން މޮޅުވުމަށް ބޭނުންވާ މިންވަރު ފެނުނު އެންމެ ރަގަނޅު އެއް މެޗުކަމަށް ޔޫވީގެ ކޯޗް މުހައްމަދު އާދަމް ބުންޏެވެ. ކުރިއަށްއޮތް ސަސް މެޗަކީ ވަރަށް މުހިންމު މެޗެއްކަމަށާއި މިއީ މަރުގެ މެޗެއްކަމަށްވެސް ޔޫވީގެ ކޯޗު މުހައްމަދު އާދަމް ބުންޏެވެ.

"ސަސް މެޗަކީ ޔޫވީއަށް ވަރަށް މުހިންމު މެޗެއް. މިހާރު ޕޮއިންޓް ޓޭބަލް އިން ގޮތުން، މިއީ ނުނަގާ ނުވާނެ މެޗެކޭ ބުންޏަސް ރަގަނޅުވާނެ. މިއީ ވަރަށް ޕްރެޝަރު މެޗެއް. މިއީ މަރުގެ މެޗެއް. މިއަހަރު ޓީމުގެ މެނޭޖްމަންޓުން ކޯޗަށް ދީފައިވާ ޓާގެޓަކީ ލީގްގެ ގަދަ 4ރަކަށް ވަނުން. ޓީމުގެ ފުރަތަމަ 11 އަދި ޓީމުގެ ބެންޗަށް ބެލިނަމަވެސް މިއީ ނުވާވަރުގެ ކަމެއް ނޫން. މިލީގްގައި މިހާރު މާޒިޔާ ނަގާފައި ޔޫވީއަށް ވާދަ ނުކުރެވޭ ވަރުގެ ޓީމެއް ނެތް. ޔޫވީގެ ކުޅުންތެރިންގެ މޮޅުވުމުގެ ރޫހާއެކު ކުޅެފިނަމަ، މަޒިޔާ ނޫން ކޮންމެ ޓީމެއްވެސް ބަލިކުރެވޭނެކަމަށް އަހަރެން ދެކެނީ. މޮޅުވުމުގެ ރޫހް ޓީމަށް ގެންނަން ކުރަންޖެހޭ މަސައްމަތް މިހާރު މިކުރަނީ. ވިނިންގް ސްޕްރިޓް މިހާރު ޔޫވީއަށް ބޭނުންވަނީ." ޔޫވީގެ ކޯޗު މުހައްމަދު އާދަމް ބުންޏެވެ.