ޖަރުމަނު ބުންޑަސްލީގާގައި އެއްވަނައަށްޖެހިލަން ލިބުނު ފުރުސަތު ލީޕްޒިގުން ނަގާލައިފިއެވެ. ރަށުން ބޭރުގައި ކުޅެ ލީޕްޒިގް އެއްވަރުވީ ވުލްފްބާގްއާ ވަދަކޮށް 2-2 ލަނޑުންނެވެ.
މި ހަފްތާގައި ކުޅުނު ފުރަތަމަ މެޗުން ލެވަކޫސަން ބަލިވިއިރު ޑޯޓްމަންޑް ވެސް ވަނީ އިއްޔެ ލީގުގައި ކުޅުނު މެޗުން އެއްވަރުވެފައެވެ. ލީޕްޒިގާ ވުލްފްބާގް ވެސް އެއްވަރުވުމުން ލީގުގައި މިރޭ ފްރެއިބާގް ބަލިކޮށްގެން ބަޔާން މިއުނިކަށް ލީގުގެ އެއްވަނައިގަ ލީޑް ފުޅާކުރުމުގެ ފުރުސަތުވަނީ ލިބިފައެވެ.
ލީގުގައި ރޭ އަރްމީނިޔާ ބެއިލަފީލްޑް އާއި ހޮފެންހަމް ވާދަކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު ކުލޯން އާއި ހާތާބާލިން ކުޅުނު މެޗުވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ސްޓުޓްގާޓާއި މޮންގަލްބެކް ވަދާކުރި މެޗު ނިމުނީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. ވާޑާ ބްރޭމަން ވަނީ 2-0 ލަނޑުން އޮގްސްބާގް އަތުން މޮޅުވެފައެވެ. މި ނަތީޖާއާ އެކު އެއް މެޗު މަދުން ކުޅެންގެން އެއްޕޮއިންޓްގެ ތަފާތުން ލީގުގެ ކުރީގައި ބަޔާން މިއުނިކް އޮތީ 33 ޕޮއިންޓް ހޯދައިގެންނެވެ. 16 މެޗުން 32 ޕޮއިންޓް ހޯދައިގެން ލީޕްޒިގް ދެވަނައިގަ އޮތްއިރު ތިންވަނައިގަ ލެވަކޫސަން އޮތީ 29 ޕޮއިންޓާއެކުގައެވެ. ހަތަރުވަނައިގަ އޮތް ބްރޫޝިޔާ ޑޯޓްމަންޑް ވެސް ވަނީ ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިފައެވެ.