ކޯވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިނަށް ރެޖިސްޓްރީ ކުރަން މާދަމާ ހުޅުވާލަން ނިންމައިފިއެވެ.
ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި ޤައުމީ ވެކްސިން ޕްރޮގްރާމުގެ ހެޑް ޑރ.ފާޠިމަތު ނަޒްލާ ރަފިޤު ވިދާޅުވީ ކޯވިޑްގެ ވެކްސިނަށް ރަޖީސްޓްރީ ކުރާ ޕޯޓަލްގައި ފުރަތަމަ ރަޖިސްޓްރީ ކުރުމަށް ހުޅުވާލާނީ ސިއްޙީ ޚިދުމަތްތެރިންނަށާއި ސޯޝަލް ކެއަރ ވޯކަރުންނަށްކަމަށެވެ.
ފުރަތަމަ މި ފަރާތްތަކުން ރަޖިސްޓްރީވުމަށް ހުޅުވާލިނަމަވެސް ވީ އެންމެ އަވަހަކަށް އެހެން މީހުންނަށްވެސް ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް ހުޅުވާލާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ޑރ.ނަޒްލާ ވިދާޅުވީ ރަޖިސްޓްރީ ކުރުމަށް ޚާއްސަ ޕޯޓަލެއް ތައްޔާރުކޮށްފައިވާކަމަށެވެ. ކޯވިޑްގެ ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރުމަށް ތައްޔާރުކޮށްފައިވާ ޚާއްސަ ޕޯޓަލްއަކީ my.health.mv އެވެ.
*️⃣ Registration for COVID19 vaccination is now open at https://t.co/EQ4zqj3X4E
— Health Protection Agency (@HPA_MV) January 17, 2021
▫️We are currently focusing on registering healthcare personnel in the Maldives.
◾️Please register and provide us with your most up-to-date information. pic.twitter.com/OSCfl6Oaei
"މާދަމާއިން ފެށިގެން ހުރިހާ، ސިއްޙީ ޚިދުމަތްތެރިން މިޕޯޓަލުގައި ރަޖިސްޓްރީވުމަށް އެދެން. ކުރު މުއްދަތުގެ ތެރޭގައި ވެކްސިން ޖެހުމަށް ނިންމާފައިވާ ތަރުތީބުން ރަޖިސްޓްރީ ކުރުމަށް ހުޅުވާލާނަން."ޑރ.ފާޠިމަތު ނަޒްލާ ވިދާޅުވިއެވެ.
ރާއްޖޭގައި ކޯވިޑަށް ވެކްސިން ޖެހުމަށް ތައްޔާރުވަމުން އަންނައިރު ވެކްސިން ޖަހާއިރުވެސް ސާފުތާހިރުކަމަށް އިސްކަން ދިނުމަކީ މުހިއްމުކަމެކެވެ. ވެކްސިނާ ގުޅޭގޮތުން ވާހަކަދައްވަމުން މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނިޒޭޝަންގެ ޗެއަރ ޑރ.އަޙްމަދު ފައިޞަލް ވަނީ ދުނިޔޭގައި މިހާރު ނައްތާލެވިފައިވާ ބަލިތައް ނައްތާލާފައިވަނީ ވެކްސިން ޖަހައިގެންކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ކޯވިޑްގެ ވެކްސިންގެ ޒަރިއްޔާއިން އެ ބަލި ނައްތާލެވިދާނެކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ.
ވެކްސިން ޖެހުމުގެ ކުރިން ތައްޔާރުވާންޖެހޭކަން ފާހަގަކުރައްވާ ޑރ.ފައިސަލް ވިދާޅުވީ މިވެކްސިނަކީ އައު ވެކްސިނަކަށްވުމާއެކު ބޭނުން ވާވަރަށް ވެކްސިން ނުލިބުން އެކަށީގެންވާކަމަށެވެ. އެހެންކަމުން ވެކްސިން ދޭންޖެހޭ ބަޔަކު ކަނޑައެޅުމަކީ މުހިއްމު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
"ވެކްސިން އުފައްދާއިރު އެންމެ ބޮޑަށް ބަލަނީ ރައްކާތެރި އަދި އޭގެ ސަބަބުން ރަނގަޅު ނަތީޖާއެއް ނުކުމޭތޯ. ކޯވިޑްގެ ވެކްސިން 1 އަހަރު ދުވަހުގެ ތެރޭގައި އުފެއްދިނަމަވެސް ރައްކާތެރިކަން ރާއްޖެއިންވެސް ކަށަވަރު ކުރާނެ. ވެކްސިން ޖަހަން ޖެހެނީ ވަރަށް ރައްކާތެރިކަމާއެކު."ޑރ.ފައިޞަލް ވިދާޅުވިއެވެ.
ކޯވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން މިމަހުގެ 26ވަނަ ދުވަހު ރާއްޖެއަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަން އެޗްއީއޯސީގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.
ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ވެކްސިން ގަތުމަށް ނިންމާފައިވަނީ ސިންގަޕޫރުގެ އެސްޓްރާޒެނެކާއިން ކަމަށް މިނިސްޓްރީ އޮފް ފިނޭސްއިން މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ ހާމަކުރައްވާފައެވެ. އަދި މިކަމާގުޅޭ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ސަރުކާރުން ވަނީ ވިދާޅުވެފައިވެއެވެ.
މިނިސްޓްރީން ވިދާޅުވެފައިވަނީ ރާއްޖޭގެ މުޅި އާބާދީއަށް ބޭނުންވާ މިންވަރަށް ސަރުކާރުން ވެކްސިން ގަތުމަށް ނިންމާފައިވާކަމަށެވެ. ރާއްޖެއިން މި ވެކްސިން ގަތުމަށް ނިންމާފައިވަނީ މިވެކްސިންއަކީ މިވަގުތު ތައްޔާރުކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން އެންމެ އެކަށޭނެ އަދި ރައްކާކުރުމަށް އެންމެ ފަހި ވެކްސިން ކަމުގައި ދުނިޔޭގެ ގިނަ ޤައުމުތަކުންވެސް ފާހަގަކުރާތީކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ވެކްސިން ރައްކާކުރުމަށް ބޭނުންވާ ފިނި ކޮށާރުތަކެއް ހެދުމުގެ މަސައްކަތްވެސް މިހާރުދަނީ ކުރަމުންނެވެ. ޑަބްލިއުއެޗްއޯގެ އެހީގައި ބައިނަލްއަޤުވާމީ ވެކްސިން ޕްރޮގްރާމް ކޯވެކްސްގެ ދަށުން ރާއްޖޭގެ އާބާދީގެ %20އަށް ހިލޭ ވެކްސިން ލިބޭނެ ގޮތް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.
ރާއްޖޭގައި ފުރަތަމަ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ފްރަންޓްލައިންގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންނާއި ސިއްޚީ ގޮތުން އެންމެ ނާޒުކު ހާލަތުގައި ތިބި މީހުންނަށެވެ. އެގޮތުން ވެކްސިންގެ %3 ޚާއްޞަކޮށްފައިވާނީ ކޯވިޑްގެ ޙާލަތާއި ގުޅިގެން ކުރީސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށެވެ. އަދި 17 އިންސައްތަ ޚާއްޞަކުރާނީ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.