އަބަދުވެސް މާޒިޔާއަށް ކުލަބް އީގަލްސްއާއި ދެކޮޅަށް ކުޅެން އުނދަގޫވާކަމަށް މާޒިޔާގެ ކޯޗް ސާބިޔާގެ ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ވާދަކުރަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާއި ކުލަބް އީގަލްސްއެވެ. މެޗްގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން މާޒިޔާގެ ކޯޗް ވިޑަކޮވިޗްބުނީ އަބަދުވެސް މާޒިޔާއަށް ކުލަބް އީގަލްސްއާއެކު ކުޅޭ މެޗުތަށް އުނދަގޫވާކަމަށާއި އީގަލްސްއަކީ ވަރަށް ތަފާތު ޓީމެއްކަމަށެވެ. އެހެންކަމުން މެޗުން މޮޅުވުމަށް މާޒިޔާއިން ވަރަށް ރަގަނޅަށް ތައްޔާރުވާންޖެހޭއިރު، މާޒިޔާއިން ކޯޗް ބޭނުންވާގޮތަށް މަޑުމަޑުން ހޭނެމުންދާކަމަށް ވިޑަކޮވިޗް ވަނީ ބުނެފައެވެ.
ވިޑަކޮވިޗް ބުނީ ކުލަބް އީގަލްސްގެ ކޯޗް މުޙައްމަދު ޝިޔާޒް (މޯހަން) އިސްތިޢުފާދިނުމާއެކު ކޯޗިން ސްޓާފުންނަށް ބަދަލުތަކެއް އައުމަކީ މާޒިޔާއިން ވިސްނަންޖެހޭކަމެއް ނޫންކަމަށާއި މާޒިޔައިން ބޭނުންވަނީ މެޗް ކާމިޔާބުކުރުމަށް ކަމަށެވެ. އަދި އީގަލްސްގެ ކޯޗިން ސްޓާފުން ބަދަލްވީކަމުގައި ވީނަމަވެސް، އެޓީމް ނިކުންނާނީ މާޒިޔާ ބަލިކުރަންކަމަށް ގަބޫލް ކުރާކަމަށްވެސް މަޒިޔާގެ ކޯޗް ވިޑަކޮވިޗް ވަނީ ބުނެފައި. އަދި މިއީ ފަސޭހަކޮށް ނައިގެން ކުޅެވޭނެ މެޗްއެއް ނޫންކަމަށާއި މާޒިޔާގެ ކޮންމެ ކުޅުންތެރިއެއްވެސް މެޗް ވަރަށް ސީރިއަސްކޮށް ނަގަންޖެހޭކަމަށްވެސް އޭނާ ބުންޏެވެ.
"ލީގުގެ އެއްވަނާގައި އޮތުމަކީ ވަރަށް މުހިންމުކަމެއް. އަދި އެއްވަނާގައި އޮތުމުން ކުޅުންތެރިންނަށްވެސް ވަރަށް ބޮޑު އިތުބާރެއް ލިބިގެންދާނެ. ފުޓްބޯޅައިގައި އިތުބާރަކީ ވަރަށް އަވަހަށް ކުޅުންތެރިންގެ ކިބައިން ދާ އެއްޗެއް. މާބޮޑަށް އިތުބާރު ކުރުމަކީވެސް ވަރަށް ފަސޭހައިން މެޗްތަކުން ބަލިވާ ސަބަބެއް. މެޗުން ބަލިވުމާއެކު އެޕްރެޝަރު ކުރިމަތިވާނެ. އެއާއެކު އިތުބާރުވެސް ގެއްލިގެންދާން. އެހެންވީމަ ހުރިހާ މެޗްއަކީވެސް ވަރަށް މުހިންމު އަދި ކޮންމެ މެޗްއެއްގައިވެސް 100 ޕަސެޓް ދޭންއެބަޖެހޭ" މާޒިޔާގެ ކޯޗް ވިޑަކޮވިޗް ބުންޏެވެ.
ކުލަބް އީގަލްސްގެ އެސިސްޓެންޓް ކޯޗް އަޙްމަދު ނިމާދުބުނީ ޓީމުގެ ކޯޗް އިސްތިޢުފާ ދިނުމާއި ޓީމަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތާކާއެކު ވާދަކުރަންޖެހިފައި މިވަނީ މިސީޒަންގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމާއި ދެކޮޅަށްކަމަށެވެ. އަދި ޓީމުގައި ފޫނުބެއްދޭވަރުގެ އަނިޔާގެ މައްސަލަތައް ޓީމުގައި އެބަހުރިކަމަށް ވެސް ނިމާދު ވަނީ ބުނެފައެވެ. މިއަހަރުގެ ސީޒަންއަށް ކުލަބް އީގަލްސް ކުރިމަތިލީއިރު، ޓީމުގެ ސްކޮޑް އެހާ ވަރުގަދަ ނޫންކަމަށާއި ޓީމުގައި ތިބީ އެއްފެންވަރެއްގައި ކުޅޭވޭ 11 ނުވަތަ 12 ކުޅުންތެރިންކަމަށާއި ޓީމުގައި ދެން ތިބި ވަރަށް ޒުވާން ކުޅުންތެރިންނަށް ވާއިރު އެކުޅުންތެރިންގެ ތަޖުރިބާ މަދުކަން ވަރަށް ބޮޑަށް މެޗްތަކުގައި ދައްކަމުންދާކަމަށް ކުލަބް އީގަލްސްގެ އެސިސްޓަންޓް ކޯޗް އަޙްމަދު ނިމާދު ވަނީ ބުނެފައެވެ.
"މިދިމާވި މައްސަލައަކީ އަނިޔާގެ މައްސަލައާއި ރާއްޖެއިން ބޭރުން ގެނެވުނު ބިދޭސީ ކުޅުންތެރިންވެސް ގެނެވުން ލަސްވުމުގެ އިތުރުން މިފަހަރު ގެނެވުނީ ރާއްޖޭގެ ލީގްއަށް ވަރަށް އާ ކުޅުންތެރިން. އެންމެ އެދެވޭ ކުޅުމެއް އަދި އެކުޅުންތެރިންގެ ފަރާތުން ފެނިގެން ގޮސްފައެއް ނުވޭ. އެހެންނަމަވެސް މާޒިޔާއާއި އިދިކޮޅަށް މިނިކުންނަނީ 3 ޕޮއިންޓްއަށް. މިއީ ކުލަބް އީގަލްސްއަށް ނުވާވަރުގެ ކަމެއްނޫން، އެކަން ކުލަބް އީގަލްސްއިންވަނީ މީގެ ކުރިން ސާތިބުވެސް ކޮށްދީފަ. މިއަހަރު އެކަންޏެއްނޫން ވޭތުވެދި އަހަރުތަކުގައިވެސް އެކަންވަނީ ސާބިތުކޮށްދީފަ" ކުލަބް އީގަލްސްގެ އެސިސްޓަންޓް ކޯޗް އަހުމަދު ނިމާދު ބުންޏެވެ.