ޚަބަރު

އަމިއްލަ ޑިވައިސް ކިޔެވުމުގައި ބޭނުންކުރާ ޕްރޮޖެކްޓެއް ފަށައިފި


ދަރިވަރުންގެ އަމިއްލަ ލެޕްޓޮޕާއި ޓެބްލެޓް ފަދަ ޑިވައިސްތައް ސްކޫލްގައި
ކިޔެވުމުގައި ބޭނުން ކުރުމުގެ ޕްރޮޖެކްޓެއް ޣިޔާސުއްދީން ސްކޫލާއި ދިރާގު ގުޅިގެން
ފަށައިފި އެވެ.

ޣިޔާސުއްދީން ސްކޫލުން އިސްނަގައިގެން ހަމަސްދުވަހުގެ ޕައިލެޓް
ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދާ މި ޕްރޮގްރާމަށް އިންޓަރނެޓްގެ ހިދުމަތް
ފޯރުކޮށްދިނުމަށް ދިރާގާއިއެކު މިއަދުވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. މި
އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން
ޑިރެކްޓަރު އިސްމާއިލް ރަޝީދެވެ. ޣިޔާސުއްދީން ސްކޫލުގެ ފަރާތުން ސޮއިކުރެއްވީ އެސްކޫލޫގެ
ޕްރިންސިޕަލް ޠާހާ ސަލީމެވެ.  

ދިރާގުން ބުނީ މި ޕްރޮޖެކްޓަށް އެކުންފުނިން
އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދޭނީ މުޅިން ހިލޭ ކަމަށެވެ. ޕްރޮޖެކްޓާއި ގުޅޭގޮތުން
ވާހަކަ ދައްކަވަމުން ޣިޔާސުއްދީން ސްކޫލުގެ ޕްރިންސިޕަލް  ތޯހާ ވިދާޅުވީ ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރަމުން އަންނަ
މިފަދަ ޒަމާނެއްގައި ކުދިންނަށް ކިޔަވައިދިނުމުގައި ވެސް ޓެކްނޮލޮޖީގެ ބޭނުން
ހިފަން ޖެހޭ ކަމަށެވެ.

 "ބްރިންގ ޔޯ އޯން ޑިވައިސް"ގެ ނަމުގައި
ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ކުދިން އިންޓަރނެޓް ބޭނުން ކުރުމުގައި އެންމެ
އެކަށޭނަ ސަލާމަތީ ފިޔަވަޅުތަށް އަޅާފައި ވާނޭކަމަށާއި ކުދިން އިންޓަރނެޓް ބޭނުން
ކުރާގޮތް ބަރާބަރަށް މޮނިޓަރ ކުރެވޭނެ ކަމަށް ތޯހާ ވިދާޅުވިއެވެ.

ބްރިންގ ޔުއަރ އޯން ޑިވައިސް ބީ.ވައި.އޯ.ޑީ އަކީ ދުނިޔޭގެ ކުރިއަރާފައި ވާ
ޤައުމުތަކުގައި ކިޔަވައިދިނުމުގެ ތެރޭގައި ގެންގުޅޭ އާންމު އުކުޅެކެވެ.