ޚަބަރު

ކޯވިޑް-19 : ވެކްސިން ޖެހުމަށް 19000އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފި


ކޯވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށްޓަކައި މިހާތަނަށް 19000އަށްވުރެ ގިނަމީހުން ރަޖިސްޓްރީކޮށްފައިވާކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ. ކޯވިޑް-19ގެ ވެކްސިން ޖެހުމަށް ރަޖީސްޓްރީ ކުރުމަށް ހުޅުވާލާފައިވަނީ މިމަހުގެ 18ވަނަ ދުވަހުގައެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި ޤައުމީ ވެކްސިން ޕްރޮގްރާމުގެ ހެޑް ޑރ.ފާޠިމަތު ނަޒްލާ ރަފިޤު ވިދާޅުވީ މިހާތަނަށް ކޯވިޑް-19ގެ ވެކްސިން ޖެހުމަށްޓަކައި 19666 މީހަކު ޕޯޓަލްގައި ރަޖިސްޓްރީ ވެފައިވާކަމަށެވެ. ނަޒްލާ ވިދާޅުވީ އެއީ ދުވާލެއްގެ މައްޗަށް ބަލާނަމަ ހާހެއްހައި މީހުންކަމަށެވެ. ނަޒްލާވަނީ ވެކްސިން ޖެހުމަށްޓަކައި ވީހާ ގިނަބަޔަކު ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް އެދިވަޑައިގެންފައެވެ.

ކޯވިޑް-19ގެ ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރުމަށް ތައްޔާރުކޮށްފައިވާ ޚާއްސަ ޕޯޓަލްއަކީ my.health.mv އެވެ. ކޯވިޑްގެ ވެކްސިނަށް ރަޖީސްޓްރީކުރާ ޕޯޓަލްގައި ފުރަތަމަ ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވަނީ ސިއްޙީ ޚިދުމަތްތެރިންނަށާއި ސޯޝަލް ކެއަރ ވޯކަރުންނަށެވެ.

ކޯވިޑް 19 އިން ރައްކާތެރިވުމަށްޓަކައި ޖަހާ ވެކްސިން އެންމެ ފުރަތަމަ ރާއްޖެއަށް ގެނެސްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އިންޑިއާއިންނެވެ. އެޗްޕީއޭއިން ވަނީ ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިން ޖެހުމަކީ މަޖުބޫރުކަމެއް ނޫންކަން ހާމަކުރައްވާފައެވެ. ނަމަވެސް ވެކްސިން ޖެހުމުގެ ސަބަބުން ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އިތުރު އެހީއަކަށްވާނެކަމަށާ، ގިނަ ބަޔަކު މި ވެކްސިން ޖަހައިފިނަމަ އާއްމު ޙާލަތަށް ރުޖޫއަވުން އަވަސްވާނެކަން އެއެޖެންސީން ވަނީ ފާހަގަކުރައްވާފައެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް މިހާތަނަށް އުފައްދާފައިވާ ވެކްސިންތަކަކީ ކަނޑައަޅާފައިވާ ވަކި އުމުރުފުރާއަކަށް ޓެސްޓްކޮށްފައިވާ ވެކްސިންތަކެކެވެ. މި ވެކްސިން ޓެސްޓުކުރުމުގައި 16 އަހަރުން ދަށުގެ ކުދިން ހިމެނިފައިނުވާތީ، މި އުމުރުފުރާގެ ކުދިންނަށް ވެކްސިން ނުޖަހާނެކަމަށް އެޗް.ޕީ.އޭއިން ވަނީ ހާމަކުރައްވާފައެވެ. އަދި ވެކްސިންގެ ޑޯޒު ރާއްޖެއިން ބޭރުން ފުރިހަމަކޮށްފައިވާ ފަރާތްތަކުންވެސް ރާއްޖެއައިސް އަލުން ވެކްސިން ޖަހަންނުޖެހޭނެކަމަށްވެސް އެ އެޖެންސީން ވިދާޅުވެފައިވެއެވެ.

ވެކްސިން ދިނުމުގައި 3 ބަޔަކަށް އިސްކަން ދިނުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޞިއްޙީ ޚިދުމަތުގައި އަދި އިޖްތިމާޢީ ޚިދުމަތުގައި އިސް ސަފުގައި މަސައްކަތްކުރާ މީހުންނާއި، އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ. އަދި އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން މި ބައްޔަށް ހުށަހެޅިއްޖެނަމަ އެކަމުގެ ނުރައްކާ އެންމެ ބޮޑުވާނެ މީހުންނާއި، އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނާއި، ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންވެސް ހިމެނެއެވެ.