ކުޅިވަރު

މާޒިޔާއިން އެއްވަނައިގަ 6 ޕޮއިންޓުގެ ލީޑެއް


ދިރާގު ދިވެހި ޕްރިިމިއާ ލީގުގައި ކްލަބް ވެލެންސިއާ އަތުން 2-1 އިން މޮޅުވެ، މާޒިޔާއިން ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓަށް ލީޑުފުޅާކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އޭރިއާތެރެއިން ހަމްޕު ފޮނުވާލި ބޯޅަ ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފައެވެ. ވެލެންސިއާގެ ފުރަތަމަ ފުރުސަތު ލިބުނީ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އަށެވެ. ފުރަތަމަ ހާފުގައި ލަނޑުޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށެވެ.

މެޗުގެ 20 ވަނަ މިނިޓްގައި މެދުތެރެއިން ހަމްޕު ދިން ބޯޅައެއް ހޯދައި ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ހުސްކޮށްލާފައި އަސަދުﷲ އަށް ޖައްސާލި ބޯޅަ ފޮނުވާލުމުން ކީޕަރު ފައިސަލް ވަނީ ހުށިޔާރުކަމާ އެކު އެ ބޯޅަ މަތަކޮށްފައެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން 11 މިނިޓް ތެރޭ މާޒިޔާ އިން ވަނީ ލީޑުނަގައިފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން ނުކުތް މުހައްމަދު އިރުފާން (އިރޭ)، މި ގޯލުގައި މުހިންމު ދައުރެއް އަދާކުރިއެވެ. ކޯނަރަކުން ހަމްޕު ނެގި ބޯޅަ އިރޭ ބޮލުން ފޮނުވާލުމުން ކީިޕަރު ފައިސަލް އަތުގައި ޖެހިފައި ގޯލު ކުރިމައްޗަށް ވެއްޓެން ދިޔަ ބޯޅަ ޕީޓަ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

މާޒިޔާ އިން ލީޑުފުޅާކުރީ މެޗުގެ 68 ވަަނަ މިނިޓްގައި ކޯނޭ ޖެހި ގޯލުންނެވެ. ވެލެންސިއާ ޑިފެންޑަރުން ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި އޭރިއާތެރެއިން ލިބުނު ބޯޅަ ކޯނޭ ވަނީ ކީޕަރު ފައިސަލަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ކަނަށް އަމާޒުކޮށްލައިފައެވެ.

ވެލެންސިއާ އިން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 80 ވަަނަ މިނިޓްގައެވެ. އޭރިއާތެރެއިން ސެންޓޭ އަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފައެވެ. މާޒިޔާ އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން ކޯނޭ ފޮނުވާލި ޕެނަލްޓީ ކީޕަރު ފައިސަލް ވަނީ މަތަކޮށްފައެވެ. މިއީ އޭރިއާތެރެއިން ވެލެންސިއާ ޑިފެންޑަރެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި މާޒިޔާ މި ހޯދި މޮޅާ އެކު އެ ޓީމު އެއް ވަނައިގައި އޮތީ އަށް މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ނުލިބި ވެލެންސިއާ ދެ ވަނައިގައި އޮތީ އަށް މެޗުން 12 ޕޮއިންޓާ އެކުގައެވެ.

ތިން ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ހަތް މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ޓީސީއާ ދެކޮޅަށް ކުޅޭ މެޗުން ދަ ގްރާންޑޭ ބަލިނުވެ ފަރުޖައްސާލައިފިނަމަ އެ ޓީމަށް ދެ ވަނަ އަށް އެރޭނެއެވެ.