ކުޅިވަރު

އޭއެފްސީއާއި ދެކޮޅަށް މާޔަން ހުށައެޅި މައްސަލަ މާޔަން ކާމިޔާބުކޮށްފި


އޭއެފްސީއާއި ދެކޮޅަށް ކޯޓު އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއަށް ރާއްޖޭގެ މަރްޔަމް މާޔަން ހުށައެޅި މައްސަލަ މާޔަންއާއި އެއްކޮޅަށް ނިމިއްޖެއެވެ.

މާޔަން މިމައްސަލަ ހުށައަޅާފައިވަނީ އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބަށް ނުފޫޒު ފޯރުވައި، ތަފާތު ކުރުން ގެންގުޅުން ކަމަށް ބުނެއެވެ. ގައުމީ އަންހެން ފުޓްބޯޅަ ޓީމްގައިވެސް މުހިންމު ދައުރެއް އަދާކޮށްފައިވާ މަރްޔަމް މާޔަން 2019ވަނަ އަހަރު އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާ، ނާކާމިޔާބުވުމާއެކު މާޔަން ސީއޭއެސްއަށް މައްސަލަ ހުށަހަޅައި، އެޖަމިއްޔާގެ މެންބަރުކަމަށް ވަކި ކެންޑިޑޭޓެއް ހޮވުމަށް ބާރުގަދަ ފަރާތްތަކުން އެ އިންތިހާބަށް ނުފޫޒް ފޯރުވައި ޖިންސީ ތަފާތު ކުރުން ގެންގުޅުމުގެ އިތުރުން އަންހެނުންނަށް ކުރިމަތިލެވޭ މަގާމުތައް މަދުކުރިކަމަށް ބުނެ އަކަމަށް ތުހުމަތުކޮށްފައެވެ. އަދި މިއިންތިހާބްގައި މާޔަންގެ ނަން އަބުރާ ނެގުމަށް ބަޔަކު ނުފޫޒް ފޯރުވަން މަސައްކަތް ކުރިކަމަށްވެސް މާޔަން ތުހުމަތުކޮށްފައިވެއެވެ. ވަކި ކެންޑިޑޭޓެއް ހޮވުމަށް ނުފޫޒު ފޯރުވާފައިވާކަމަށް މާޔަން ތުހުމަތުކޮށްފައިވަނީ އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ކުވޭތުގެ އަހުމަދު އަލް-ސަބާހް އަށެވެ. އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ ސައުތު ޒޯންގެ ގޮނޑިއަށް މާޔަންއާއެކު ވާދަކުރީ ބަންގްލަދޭޝްގެ މަހްފޫޒާ އަހުތަރު ކިރަންއެވެ. މަހްފުޒާ އަހުތަރު ގޮޑި ކާމިޔާބުކޮށްފައިވަނީ ޝެއިޚް އަހުމަދު ނުރަނގަޅު ނުފޫޒު ބޭނުންކޮށްގެންކަމަށްވެސް މާޔަން ތުހުމަތުކޮށްފައިވެއެވެ.

މިމައްސަލަ މާޔަންއާއި އެއްކޮޅަށް ނިމިފައިވާއިރު، އެ ޓްރައިބިޔުނަލުން ބުނެފައިވަނީ އިންތިހާބުގެ ތެރޭގައި އޭއެފްސީން ޖިންސީ ތަފާތު ކުރުން ގެންގުޅުނު ކަމަށާއި އަދި އެ އިންތިހާބަށް ނުފޫޒް ފޯރުވި ކަމަށް މާޔަން ކުރާ ތުހުމަތުތައް ޓްރައިބިޔުނަލަށް ސާބިތުވާ ކަމަށެވެ. މާޔަންގެ ތުހުމަތުތައް ޓްރައިބިއުނަލަށް ސާބިތުވި ނަމަވެސް އިންތިހާބުގެ ނަތީޖާތައް ބާތިލް ކުރުމުގެ ބާރު ސީއޭއެސްއަށް ނެތް ކަމަށް ވެސް އެ ނިންމުމުގައި ބުނެފައިވެއެވެ. އަދި އިންތިހާބެއް ބާތިލްކޮށް އަލުން އިންތިހާބު ބޭއްވުމަކީ އޭއެފްސީއަށް އޮތް ބާރެއް ކަމަށް ވެސް ޓްރައިބިއުނަލުން ވަނީ ފާހަގަކޮށްފައެވެ. އަދި މީގެ އިތުރުން މާޔަންގެ ޝަކުވާތައް އޭއެފްސީއިން ބަލައި ވަކި ގޮތެއް ނިންމާފައި ނުވާތީ އިންސާފަށް ހުރަސް އެޅިފައިވާކަމަށެވެ. އަދި ނަން ނެގުމަށް މާޔަންއަށް ބަޔަކު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި ސީއޭއެސްއިން ވަނީ މާޔަން ދިން ހެކިބަހަކީ ގަބޫލުކުރެވޭ ހެކިބަހެއް ކަމަށާއި، އެ މައްސަލައިގައި އޭއެފްސީއިންވެސް މާޔަންގެ ވާހަކަތަކަށް ދެކޮޅު ހަދާފައިނުވާކަންވެސް ކޯޓު އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއަށް މާޔަން ހުށައެޅި މައްސަލަ މާޔަންއާއި އެއްކޮޅަށް ނިންމާފައިވާ ބަޔާންގައި ބުނެފައިވެއެވެ.

މިކާމިޔާބީއާއި ގުޅިގެން މާޔަން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސީއޭއެސްގެ ނިންމުމުން އެނގިގެން ދަނީ އޭއެފްސީއަށް އިންތިހާބުވެވަޑައިގެން ތިއްބެވި ފަރާތްތަކާ މެދު ސުވާލު އުފެދޭކަމަށާއި، އަލުން އިންތިހާބު ބޭއްވުމަށާއި އޭއެފްސީގެ ތެރޭގައި ހުރި ކޮރަޕްޝަނާއި ފަސާދައިގެ ކަންކަން އިސްލާހު ކުރަން އެ ޖަމާއަތުން އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމަށް މާޔަން ގޮވާލާފައިވެއެވެ. މި ތުހުމަތުތަކާއި ގުޅިގެން މާޔަން ހުށަހެޅުއްވި މައްސަލަ ފީފާގެ އެތިކްސް ކޮމިޓީއިން ދަނީ އަދިވެސް ބަލަމުންނެވެ.

މާޔަންގެ މިތުހުމަތުތަކާއި ގުޅިގެން ޝެއިޚް އަހުމަދު ވަނީ މީގެ ކުރިންވެސް މި ތުހުމަތުތަކަށް ދެކޮޅު ހަދާ އެއްވެސް ނުފޫޒެއް ބޭނުންކޮށްގެން ވަކި މީހަކަށް ގޮނޑި ހޯދައިދިނުމަށް މަސައްކަތް ކޮށްފައިނުވާކަމަށް ބުނެފައެވެ.