ކުޅިވަރު

ގްރީން މޮޅުވެ ލީގު ތާވަލުގެ ކުރިޔަށްޖެހިލައިފި


ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 2-0 އިން ބަލިކޮށް ކްލަބް ގްރީން ސްޓްރީޓްސް ލީގު ތާވަލުގެ ހަތަރު ވަނަ އަށް ކުރިއަށް ޖެހިލައިފިއެވެ.

މެޗުގެ ފުރަތަމަ ލަނޑު ހަތް ވަނަ މިނެޓުގައި ޖެހީ ހަސަން ނަޒީމް (ޗޯޓު) އެވެ. މިއީ ސަސްގެ ކުޅުންތެރިއަކު ކީޕަރަށް ޖައްސާލި ބޯޅަ ހޯދުމަށް ފަހު ޗޯޓު ޖެހި ލަނޑެކެވެ. މިއީ މި ސީޒަނުގައި ޗޯޓު ޖެހި ފުރަތަމަ ލަނޑެވެ. ގްރީން ސްޓްރީޓްސްގެ ދެ ވަނަ ލަނޑު 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަބްދުﷲ ޔާމީން (ޔާން) އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ސަސް އިން ކުރިއަށް ޖެހިގެން ކުޅުނުއިރު ކައުންޓަ އެޓޭކްގައި ގްރީން ސްޓްރީޓްސް އަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ. މެޗުގެ 89 ވަނަ މިނެޓުގައި ސަސް އަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރުވެފައެވެ. އެޓީމުގެ ހަސަން އަދުހަމް (ސަޑޭ) ޖެހި ޕެނަލްޓީ ގޯލުގެ ތިރީ ކަނަށް ފޮނުވާލި ނަމަވެސް ކީޕަރު ސާގިބް ވަނީ ހުށިޔާރުކަމާ އެކު އެ ބޯޅަ މަތަކޮށްފައެވެ.

މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނުނީ އެޓޭކިން ގޭމެކެވެ. ގިނަ ހަމަލާތަކެއް އުފެއްދިއިރު ދެޓީމަށް ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. ހަމަލާތައް ހުއްޓުވުމުގައި ދެޓީމުގެ ކީޕަރުން ވެސް މުހިއްމު ދައުރެއް އަދާކުރިއިރު ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު ހަނީފް ސާގިބް ވަނީ މޮޅު ކުޅުމެއް ދައްކާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. މިއީ މިފަހަރުގެ ލީގުގައި މެޗެއްގައި މޮޅުކުޅުންތެރިޔާގެ މަގާމް ކީޕަރަކު ހޯދި ފުރަތަމަ ފަހަރުއެވެ.

މި މޮޅާ އެކު ގްރީން ވަނީ 11 ޕޮއިންޓާ އެކު ހަތަރު ވަނަ އަށް ކުރިއަށް ޖެހިލާފައެވެ. ލީގުގެ އެއް ވަނައިގައި 18 ޕޮއިންޓާ އެކު މާޒިޔާ އޮތްއިރު ދެ ވަނައިގައި އޮތް ކްލަބް ވެލެންސިއާ އާއި ތިން ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. އަށް މެޗުން ލިބުނު އަށް ޕޮއިންޓާ އެކު ސަސް މިހާރު ވަނީ ހަ ވަނަ އަށް ވެއްޓިފައެވެ.