ދުނިޔޭގެ ޤައުމުތަކުގައި ކޯވިޑް-19 އެންމެ ހަލުވިކަމާއެކު ފެތުރެން ފެށުމާއެކު ޞިއްޙީ ޙިދުމަތްތެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެގެންދިޔައީ އެ ޤައުމުތަކުގެ ޞިއްޙީ ނިޒާމަށް ނުކަތާވަރަށް ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވެގެންދިއުމެވެ.
ރާއްޖެއަށްވުރެ ވަޞީލަތާއި ތަރައްޤީގެގޮތުންވެސް ކުރިއަރާފައިވާ އެތައް ޤައުމެއްގައި މިކަން މިހާރުވެސް ތަޖުރިބާކުރަމުންދާއިރު، ރާއްޖޭގެ ޞިއްޙީ ޙިދުމަތްތެރިންވެސް ދިޔައީ އެކަމުގެ އިންޒާރުދެމުންނެވެ. ދުވަސްތަކަކަށްފަހު ރާއްޖޭގައި އަނެއްކާވެސް ކޯވިޑް-19ގެ ކޭސްތައް އިތުރުވާން ފެށުމާއެކު އަނެއްކާވެސް ޞިއްޙީ ޙިދުމަތްތެރިން މިވަނީ އެ ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ.
2021 ވަނަ އަހަރު އަޅުގަނޑުމެން ފެށީ ކޯވިޑް-19ގެ ކޭސްތައް ވަރަށް ބޮޑަށް ކޮންޓްރޯލްވެ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިނުމުން، އެކަމުގެ ހިތްހަމަޖެހުމާއެކުއެވެ. އައު އާއްމު ޙާލަތަށް ވަރަށް ބޮޑަށް އަޅުގަނޑުމެން ފަރިތަވެއްޖެއެވެ. ސްކޫލުތަކާއި، ޓިއުޝަން ސެންޓަރުތަކާ ޤުރުޢާން ކްލާސްތައްވެސް ހުޅުވާލުމުގެ ހުއްދަދެވިގެންދިޔައެވެ. ވިޔަފާރިކުރުމަށާއި ކެފޭ ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތުތައް އިތުރުކުރިއެވެ. ކުޅިވަރު މުބާރާތްތަކާއި، ސިނަމާތައް އާއްމުކޮށް ހުޅުވާލުމުގެ ހުއްދަވެސް ދެވިގެންދިޔައެވެ.
ޖެނުއަރީމަސް ފެށުނު އިރުވެސް ޢަދަދުތައް ހުރީ ދާދި އެއް ހަމައެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް ބަލަބަލައި ތިއްބާ ކޯވިޑް-19ގެ ޢަދަދުތައް އަނެއްކާވެސް މިވަނީ އިތުރުވާން ފަށާފައެވެ. ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް ރިކޯޑްކުރެވޭ ޢަދަދު 100 އިން މައްޗަށް އަރާ، ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދުވެސް 100 އިން މައްޗަށް އަރައިފިއެވެ.
ޕީ.އެސް،އެމް ނިއުސްގެ ކޯވިޑް-19 ކަވަރޭޖުގައި ރާއްޖޭގައި ކޯވިޑުގެ ޙާލަތު އޮތް ގޮތާ ގުޅޭ މަޢުލުމާތު ހިއްސާކުރައްވަމުން އައި.ޖީ.އެމް.އެޗްގެ ޑިރެކްޓަރ އޮފް މެޑިކަލް ސަރވިސަސް ޑރ. ޔޫސުފް ޝާން ވަނީ ކޯވިޑް-19ގެ ޢަދަދުތައް މައްޗަށްގޮސް، ފަރުވާ ދިނުމުގައި ބޮޑެތި ގޮންޖެހުުންތަކަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު ރާއްޖެއިން އަނެއްކާވެސް ފެންނަމުންދާކަމަށް ވިދާޅުވެފައެވެ. ޑރ. ޝާން ވިދާޅުވީ، މިވަގުތުވެސް ދަރުމަވަންތަ ހޮސްޕިޓަލުގެ އައި.ސީ.ޔޫގެ 50 އިންސައްތަ ފުރިފައިވާކަމަށާއި، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ދުވަހުން ދުވަހަށް އިތުރުވާން ފަށާފައިވާކަމަށެވެ.
"އަޅުގަނޑުމެންނަށް ފެސިލިޓީތައް އިތުރު ކުރެވިދާނެ، އެކަމު ހިއުމަން ރިސޯސްއެއްނެތް. އެޑްމިޓްކޮށްގެން ފަރުވާ ދޭ އަދަދުތައް އިތުރުވާ ވަރަކަށް އިތުރު ޑޮކްޓަރުންނާއި ނަރުހުން އެބަ ޔޫޓިލައިޒްކުރަންޖެހޭ. އޭރުން ކޯވިޑް ނޫން ބަލިތަކަށް ފަރުވާދޭ ދިނުމަށްވެސް މަޑުޖެހުމެއް އަންނާނެ. ކޭސްތައް އިތުރުވެ، އެޑްމިޓްކުރަންޖެހޭ ޕޭޝަންޓުންގެ ޢަދަދު އިތުރުވެއްޖެނަމަ އައި.ޖީ.އެމް.އެޗްގެ ސްކޭލް ޑައުންކޮށް، ޑޮކްޓަރުންނާއި، ނަރުހުން އެކޮޅަށް ފޮނުވަން މަޖުބޫރުވާނެ. އޭރުން މުޅި ނިޒާމަށް ބުރުއަރާނެ. އެހެންވީމަ ޢަދަދުތައް މަދުކުރަން އެބަޖެހޭ" ޑރ. ޝާން ވިދާޅުވިއެވެ.
ކޯވިޑް-19ގައި ހާލުބޮޑުވާ ފަރާތްތަކަށް ފަރުވާދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ އައި.ޖީ.އެމް.އެޗްގެ ހެޑް އޮފް އިންޓަރނަލް މެޑިސިން ޑރ. މޫސާ މުރާދު ވިދާޅުވީ، ރާއްޖޭގައި ފަރުވާ ދެވޭ މީހުންގެ ތެރޭގައި ބައެއް މީހުންގެ ޙާލު ވަރަށް ކުއްލިއަކަށް ސީރިއަސްވުމާއި، އޮކްސިޖަން ދަށްވުންފަދަ ކަންކަން ވަރަށް ބޮޑަށް ތަޖުރިބާކުރެވުނުކަމަށެވެ. އަދި ޒުވާނުންނާއި ކުޑަކުދިންނަށްވުރެ، މި ބަލީގެ ނުރައްކަލަށް ހުށަހެޅި ބޮޑުވަރުވަނީ އެހެން ބަލިތައް ތަޙައްމަލުކުރާ ފަރާތްތައްކަންވެސް ޑރ. މުރާދު ފާހަގަކުރެއްވިއެވެ.
"ބޮޑަށް ބަލިވެގެން އައި.ސީ.ޔޫގައި ނުވަތަ ވެންޓިލޭޓަރަށްލާ ނުވަތަ ގިނަ ދުވަހު ފަރުވާ ދޭންޖެހުނީ ގިނަ ފަހަރަށް ކޮންމެވެސް ކަހަލަ ބަލިތަކެއްގައި ތަންކޮޅެއް ބޮޑުވަރުވެފައި ނުވަތަ ގިނަ ބަލިތަކެއް ތަހައްމަލު ކުރަމުންގެންދާ ބޭފުޅުން. އެފަދަ މީހުންނަށް ހަޤީޤަތުގައި ބަލީގެ އަސަރު އެންމެ ބޮޑަށް މިކުރަނީ. ރާއްޖޭގައި ނިޔާވި މީހުންގެ ތެރޭގައިވެސް ނިސްބަތުން ގިނައީ ކޮންމެވެސް ކަހަލަ ބައްޔެއްގެ ސަބަބުން އެމީހާގެ ދިފާޢީ ނިޒާމުގެ ބާރު ދަށްވެފައިވާ މީހުން" ޑރ. މުރާދު ވިދާޅުވިއެވެ.
ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާ ދިނުމަށް މާލޭ ސަރަހައްދާއި އަތޮޅުތަކުގައިވެސް ރީޖަނަލް ފެންވަރުގައި ފަރުވާދޭނެ ފެސިލިޓީތަކެއް ސަރުކާރުން ވަނީ ޤާއިމުކުރައްވާފައެވެ. އަތޮޅުތަކުގައި ބައްޔަށް ފަރުވާ ދިނުމުގެ ކަންކަން އެކަށީގެންވާގޮތެއްގައި މެނޭޖްކުރެވިފައިވީނަމަވެސް، މާލޭ ސަރަޙައްދުގައި ކޭސްތައް އިޔުރުވަމުންދާނަމަ، އެކަމުގެ އަސަރު މުޅި ޞިއްޙީ ނިޒާމަށްކޮށް، އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކުން ޑޮކްޓަރުންނާއި ނަރުހުން ގެންނަންޖެހޭ ޙާލަތަށް ދިއުމުގެ ކަންބޮޑުވުން ޞިއްޙީ ޙިދުމަތްތެރިން އަނެއްކާވެސް މިވަނީ ފާޅުކުރަން ފަށާފައެވެ. ހަމައެހެންމެ އިސްސަފުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުންވެސް މި ބަލީގެ ނުރައްކަލަ ހުށަހެޅިގެން ދިއުމަކީވެސް އޮތް ބޮޑު ގޮންޖެހުމެއްގެގޮތުގައި އެ ފަރާތްތަކުން ފާހަގަކުރެއެވެ.