ކުޅިވަރު

އޭސީސީގެ އެގްޒެކުޓިވް ބޯޑުގެ ޑައިރެކްޓަރަކަށް ފައިޞަލް އިންތިހާބުކޮށްފި


އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ)ގެ އެގްޒެކެޓިވް ބޯޑުގެ ޑައިރެކްޓަރަކަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ފައިޞަލް އިންތިހާބުކޮށްފިއެވެ. މިމަގާމަށް ފައިސަލް ހޮވިފައިވަނީ އޭސީސީގެ އަހަރީ އާންމު ޖަލްސާގެ ކުރިން ބޭވި އެސޯސިއޭޓް މެންބަރުންގެ ބައްދަލުވުމުގައި، ބައިވެރިވެފައިވާ ހުރިހާ ގައުމެއްގެ ތާއީދާއެކުއެވެ. އޭސީސީގެ އެގްކެޓިވް ބޯޑުގެ ޑައިރެކްޓަރަކަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ފައިޞަލް މިމަގާމަށް ހޮވުނީ އޭސީސީގެ އެސޯސިއޭޓް މެންބަރު ގައުމުތަކުގެ ތެރެއިންނެވެ.

އެސޯސިއޭޓް މެންބަރުގެ ތެރެއިން ޑައިރެކްޓަރަކު އިންތިހާބް ކުރުމުގެ އިތުރުން އޭސީސީގެ ރައީސްކަމާއި އިންޑިޔާއިންވަނީ ހަވާލުވެފައެވެ. އޭސީސީގެ ހިންގާ ގަވާއިދުގައި ބުނާގޮތުން އޭސީސީގެ ރައީސް ހޮވެނީ ޓެސްޓް ކުޅޭ ގައުމުތަކުގެ ތެރެއިން ދައުރުވާ ގޮތަށެވެ.

އެންމެ ފަހުން އޭސީސީގެ ރައީސްކަން ކުރީ ބަންގްލަދޭޝްއިންނެވެ. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ފައިޞަލް ވިދާޅުވީ އެސޯސިއޭޓް މެންބަރުންގެ ޑައިރެކްޓަރަކަށް ހޮވުމާއެކު އެސޯސިއޭޓް މެންބަރުންގެ ހުރިހާކަމެއް އެސީސީއާ ހަމައަށް ގެންދިއުމާއި އެގައުމުތަކަށް ދިމާވެފައިވާ މައްސަލަތަކުގެ އިތުރުން ކްރިކެޓް ކުރިއެރުވުމަށް އެގައުމުތަކަށް ބޭނުންވާ އެހީވެސް ހޯދުމުގެ މަސައްކަތްކޮށްދޭން ޖެހޭނެކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި އެސޯސިއޭޓް މެންބަރުންގެ ފަންޑިންއާއި މައްސަލަތަށްވެސް އެސީސީއާހަމައަށް ގެންދިއުމާއި އެގައުމްތަކުގައި ކްރިކެޓް ކުރިއެރުވުމަށް މަސައްކަތް ކުރުމަށްވެސް ހަމަޖެހިފައިވާކަމަށް ފައިސަލް ވިދާޅުވިއެވެ.

އެސީސީގެ އަހަރީ އާންމު ޖަލްސާގައި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ފަރާތުން ބައިވެރިވީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ފައިޞަލް އާއި އެސޯސިއޭޝަންގެ ނައިބް ރައީސް އަހުމަދު ހުސައިނެވެ.

އޭސީސީގެ މެންބަރު ގައުމްތަށް ބެހިފައިވަނީ 3 ބަޔަކަށެވެ. އެއީ ފުލް މެންބަރުންނާއި ހާފް މެންބަރުންގެ އިތުރުން އެސޯސިއޭޓް މެންބަރުންނެވެ. ފުލް މެންބަރުންކަނީ ޓެސްޓް ކްރިކެޓް ކުޅޭ ގައުމުތަކެވެ. ހާފް މެންބަރުންނަކީ ވަންޑޭ ކްރިކެޓް ކުޅޭ ގައުމުތަކެވެ. އަދި އެސޯސިއޭޓް މެންބަރުންވަނީ ޓެސްޓްވެސް ނުކުޅޭ އަދި ވަންޑޭވެސް ނުކުޅޭ ގައުމުތަކެވެ.

މުހައްމަދު ފައިސަލް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސްކަމަށް އިންތިހާބްކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައިއެވެ. ފައިސަލް އިންތިހާބްވީ ފަހުން ކްރިކެޓް ބޯޑުގެ ހިންގާ ކޮމިޓީން ކުރިއަށް އޮތް ހަތަރު އަހަރުގެ މަސައްކަތްތައް ބައްޓަންކުރާނެ ގޮތްތަކެއް ކަނޑައެޅުމަށް ޕްލޭން 120 ގެ ނަމުގައި ކުރު މުއްދަތުގެ ޕްލޭނެއް އެކުލަވާލާފައިވެއެވެ. ފައިސަލްވަނީ މިގެ ކުރިން އެސޯސިއޭޝަންގެ ނައިބް ރައީސްކަމުގެ އިތުރުން ޖެނަރަލް ސެކްރެޓަރީގެ މަގާމުވެސް ފުރުއްވާފައެވެ.