ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި މިއަދުން ފެށިގެން ކޯވިޑް ވެކްސިން ޖަހަން ފަށައިފިއެވެ.
ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައިކޯވިޑް ވެކްސިން ޖަހަން ފަށާފައިވާއިރު ސަރުކާރުގެ އަމާޒަކީ ކުރިއަށްއޮތް ހަމަސްދުވަހުގެ ތެރޭގައި މުޅި އާބާދީގެ ވެކްސިންދޭންޖެހޭ ފަރާތްތަކަށް ވެކްސިންދީ ނިންމުމެވެ.
ރާއްޖޭގައި ރަސްމީކޮށް ވެކްސިންދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގައެވެ. ފުރަތަމަ ވެކްސިން ދޭންފެށީ މާލޭގެ ސިއްޙީ ޚިދުމަތްދޭ 6 ތަނަކާއި އައްޑޫސީޓީއާއި ކުޅުދުއްފުށީ ސިޓީގައެވެ. އެހެންނަމަވެސް އެޗްއީއޯސީން ވިދާޅުވީ މިއަދުން ފެށިގެން ރައްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި ވެކްސިން ދިނުމުގެ މަސައްކަތް ފަށާނެކަމަށެވެ. އަދި ހަމައެއާއެކު ގްރޭޓަރ މާލެ ސަރަޙައްދުގައި ދިރިއުޅޭ އުމުރުން 70 އަހަރުން މަތީގެ ހުރިހާ މީހުނަށްވެސް ވެކްސިންޖެހުމުގެ ފުރުސަތު މިއަދުވަނީ ހުޅުވާލާފައެވެ.
ރާއްޖެ މިވަގުތު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި އޮތުމުގެ ސަބަބުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. އަދި ވެކްސިން ދެމުންގެންދާނީ ވެކްސިން ޖެހުމަށް ޚާއްސަ "މައިހެލްތު އެމްވީ" ޕޯޓަލްގައި ރަޖިސްޓްރީވަމުންދާ ފަރާތްތަކަށްކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.
އަލަށް ދެމުންދާ ވެކްސިނެއްކަމަށްވުމުން ވެކްސިންޖެހުމަށް ރަޖިސްޓަރވުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް އެޗްއޯސީން ވިދާޅުވެއެވެ. ސަބަބަކީ ވެކްސިންދޭ މީހާގެ ހެލްތު ރިކޯޑުތަކާއި ސިއްޙީ ޙާލަތު ހުރިގޮތް ދެނެގަތުމާއި އެންމެން އެއްތަނަކަށް އެއްނުކޮށް ވީހާވެސް ބޮޑަކަށް ގައިދުރުވާނެހެން ވެކްސިންޖެހޭނެ ފުރުސަތު ހޯދަންޖެހޭކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ބަލީގެ އެއްވެސް އަލާމާތެއް ނެތް މީހުންނަށެވެ. އަދި ޕޮޒިޓިވްވެ ނުވަތަ ކަރަންޓީނުގައި ހުރި ފަރާތްތަކަށްވެސް، ބަލިން ރަނގަޅުވުމުން ނުވަތަ ކަރަންޓީނުން ދޫކޮށްލުމުން ވެކްސިން ދެމުންގެންދާނެކަމަށް ހެލްތު އެމަރޖެންސީ ސެންޓަރުން ވިދާޅުވެއެވެ.
ވެކްސިންދިނުމަށް ވެކްސިންދޭ ސެންޓަރަކުން ގުޅުމުން ވެކްސިންޖެހުމަށް ފަސޭހަ ހެދުމެއްގައި ދިޔުމަކީ މުހިއްމުކަމެކެވެ. އަދި ވެކްސިން ޖަހަންދާއިރު އެހީތެރިންގެ ގޮތުގައި އެކަކަށްވުރެ ގިނަ މީހުން ނުގެންދިޔުމަކީވެސް ރައްކާތެރިކަމަށްޓަކާ ކުރަންޖެހޭކަމެކެވެ.
އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް-19ގެ ވެކްސިންގެ ސަބަބުން ދިފާއި ނިޒާމު ފުރިހަމައަށް ބައްޔާ ދެކޮޅަށް މަސައްކަތްކުރާނީ ދެ ޑޯޒަށް ފަހުންނެވެ. އެހެންކަމުން ވެކްސިންގެ ފުރަތަމަ ޑޯޒަށްފަހުވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވާނެއެވެ. ވެކެސިންގެ ދެވަނަ ޑޯޒްދޭނީ ފުރަތަމަ ވެކްސިނަށްފަހު ހަތަރު ހަފްތާފަހުންކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ. އެހެންނަމަވެސް ދެ ވަނަ ޑޯޒް ޖެހުން ލަސްކުރި ނަމަވެސް އެންމެ ލަސްކުރެވޭނީ 12 ހަފްތާ ވަންދެންކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.
ކޯވިޑް-19 ވެކްސިން ރާއްޖޭގައި އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ ބައްޔާއި ދެކޮޅަށް ކުރީސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށެވެ. ވެކްސިންދޭން ފެށިފަހުން މިހާތަނަށް 880 މީހަކަށް ވެކްސިން ދީފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.