ޚަބަރު

ނަބީލުގެ އިސްތިއުނާފް މައްސަލައިގެ އަޑު އެހުންތައް ނިންމާލައިފި


ސ ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހާދް މަރާލިކުށް ސާބިތުވެ މެރުމަށް
ހުކުމްކޮށްފައިވާ ގ ރީފް މުހައްމަދު ނަބީލްގެ އިސްތިއުނާފް މައްސަލަ ނިންމާ އަންނަ
މަހުގެ ފުރަތަމަ ހަފްތާގައި ހުކުމްކުރާނެކަމަށް ހައިކޯޓުން  ބުނެފިއެވެ. 



ނަބީލްގެ މައްޗަށް ދަށުކޯޓުން އިއްވި
ހުކުމްގެ އިސްތިއުނާފް އަޑުއެހުންތައް އެއްކޮށް ނިންމާލާފައިމިވަނީ އެ މައްސަލަ
ހައިކޯޓްގައި އޮންނަތާ ހަތަރު އަހަރަށްވުރެވެސް ގިނަ ދުވަސްވީފަހުންނެވެ.



މި މައްސަލާ ބަލާ ބެންޗަށް ބަދަލު
އައުމުން މިއަދު އަޑުއެހުމެއް ބާއްވާފައިވެެއެވެ. 



މިއަދުގެ އަޑުއެހުން ނިންމާލީ
މައްސަލައިގެ ހުކުމަށް ދިރާސާކުރަމުންދާއިރު އިތުރު ކަމެއް ސާފުކުރަން
ނުޖެހޭކަމަށް ވަނީ ނަމަ ދެން އޮންނާނީ ހުކުމް ކަމަށް ބެންޗުން
އިއުލާންކުރެއްވުމަށްފަހުއެވެ. 



ރޭގަޑުގެ އަށްގަޑި ބައިކަންހާއިރު
މާލޭގެ އެންމެ ބައިބޯ މަޖީދީމަގުގައި ތޫނު އެއްޗަކުން ސ.ހުޅުދޫ ލީލީމާގޭ އަބްދުﷲ ފަރުހާދަށް
ނަބީލް ހަމަލާދީފައިވަނީ ދެހާސް ނުވަވަނަ އަހަރުގެ މާރޗް ތެރޭގައިއެވެ. 



މި މައްސަލ ނިންމާ ދެހާސް ދިހަވަނަ
އަހަރު ނަބީލު މެރުމަށް  ކުރިމިނަލްކޯޓުން
ހުކުމްކޮށްފައިވަނީ ގާނޫނޫ އަސާސީ މާނަކުރުމަށްފަހު ތަހްގީގުގައި ނަބީލް ވެފައިވާ
އިއުތިރާފްގެ މައްޗަށް ރިއާޔަތްކޮށެވެ. އަދި އެ ހުކުމް ވެގެންގޮސްފައިވަނީ ގާނޫނީ
އަސާސީ މާނަކޮށް ދަށުކޯޓުން މައްސަލަ އެއް ނިންމާ އިއްވި ފުރަތަމަ ހުކުމަށެވެ.