މެކްސިކޯގެ ޓިގްރޭސް ވޯލްޑްކަޕްގެ ސެމީފައިނަލުގައި ވަރަށް މޮޅަށް ކުޅުކަމަށް ބަޔާން މިއުނިކްގެ ކޯޗު ހަންސީ ފްލިކްސް ބުނެފިއެވެ.
ކުލަބު ވޯލްޑްކަޕްގެ ފައިނަލުގައި މެކްސިކޯގެ ޓިގްރޭސްއާ ދެކޮޅަށް ނުކުންނައިރު މުބާރާތުގެ ފައިނަލަށް ނުކުތުމުގެ ކުރިން ވާހަދައްކަމުން ފްލިކް ބުނީ އެޓީމުން ސެމީ ފައިނަލުގައި ކުޅުނު މެޗު އޭނާ ބެލިކަމަށާއި އެޓީމުން އެމެޗުގައި ކުޅުނީ ވަރަށް މޮޅު ފުޓްބޯޅައެއް ކަމަށެވެ. އަދި އެޓީމުގެ ދެ އަރިމަތީގެ އިތުރުން ކުރިޔަށް ކުޅޭ ކުޅުންތެރިން ނުރައްކާތެރިކަން ފާހަގަވިކަމަށާއި މިމެޗަކީ މޮޅު ފުޓްބޯޅައެއް ފެންނާނެ މެޗެއްކަމަށެވެ. އޭނާ ބުނީ ބޭނުންވަނީ ހުރިހާ ގޮތަކުން ވެސް މެޗުގައި މޮޅަށް ކުޅެ މޮޅުވާން ކަމަށެވެ.
މެޗުގެ ކުރިން ވާހަކަ ދައްކަމުން ފްލިކް އިތުރަށް ބުނީ މި މެޗުގައި ބަޔާން އިން ސަމާލު ނުވެއްޖެނަމަ އިތުރަށް ނުރައްކާތެރިވެދާނެ ކަމަށާއި އެޓީމުގެ އެޓޭކަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެކަމަށެވެ. މެޗުގެ ކުރިން ބަޔާން މިއުނިކް ފޯވާޑް ރޮބާޓް ލެވޮންޑެސްކީ ބުނީ ބޭނުންވަނީ މުބާރާތުގެ ތަށި ކާމިޔާބުކޮށް ހަ ތަށްޓާއެކު ތާރީހުން ޖާގަ ހޯދަންކަމަށް ވެސް ފްލިކްސް ބުންޏެވެ. މުބާރާތަށް ބަޔާން އައީ ކަރަންޓީނުގެ ސަބަބުން ލިއޯން ގޯޓްޒާ އާއި ހާވިޔޭ މާޓިނޭޒް ނުލައެވެ. މިރޭގެ މެޗުގައި އަމިއްލަ ސަބަބަކާ ހުރެ ޖެރިމް ބޯޓެންގް ވެސް ނުކުޅޭނެއެވެ. މިއީ އުތުރު އެމެރިކާގެ ކުލަބެއް މުބާރާތުގެ ފައިނަލުގައި ކުޅޭ ފުރަތަމަފަހަރެވެ.