ޚަބަރު

ކަސްޓަމަރުންނަށް ފަސޭހަކޮށްދޭން ސްޓެލްކޯއިން "އީކުއަލް ޕޭމަންޓް ޕްލޭން" ތަޢާރަފްކޮށްފި


ގްރޭޓަރ މާލެގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯއިން ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް ޚާއްސަ ޕްލޭނެއް ތަޢާރަފްކޮށްފިއެވެ.

އީކުއަލް ޕޭމަންޓް ޕްލޭންގެ ސަބަބުން މިޕްލޭންގައި ބައިވެރިވާ ކަސްޓަމަރުން ކޮންމެ މަހަކުވެސް ކަރަންޓު ބިލަށް ދައްކަންޖެހޭނީ ދެފަރާތުން އެއްބަސްވާ އެގޭބިސީއެއްގެ ކަރަންޓު ޔޫސޭޖް ނުވަތަ ކަރަންޓު ބޭނުންކުރާ މިންވަރުގެ އެވްރެޖް ޢަދަދުކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އެގޮތުން ކަރަންޓު ބިލު ބޮޑުވާ މަސްމަހުގައިވެސް ދައްކަންޖެހޭނެ މިންވަރު ދުރާލާ ކަސްޓަމަރުންނަށް އެނގިގެންދާނެކަމަށާއި އޭގެ ސަބަބުން ދިރިއުޅުމުގެ ކަންކަމަށް ބަޖެޓްކުރުމުގައި ރައްޔިތުންނަށް ފަސޭހަ ވެގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

އީކުއަލް ޕޭމަންޓް ޕްލޭން އިފްތިތާޙްކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސްޓެލްކޯއގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ މިއީ ރައްޔިތުންގެ ފަރާތުން ލިބެމުންދިޔަ ޚިޔާލުތަކަށް ބެލުމަށްފަހު ތައްޔާރުކޮށްފައިވާ ޕްލޭނެއް ކަމަށެވެ. އަދި ރާއްޖޭގައި މިފަދަ ޚިދުމަތެއް ޔޫޓިލިޓީ ކުންފުންޏަކުން މީގެކުރިން ދީފައިނުވިނަމަވެސް މިއީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި ދެމުން އަންނަ ޚިދުމަތެއްކަމަށް މުޣުނީ ވިދާޅުވިއެވެ.

"ވޭތުވެދިޔަ 2 އަހަރު ކަސްޓަމަރުންގެ ފަރާތުން ލިބުނު ފީޑްބެކަށް ބެލުމަށްފަހު އަޅުގަނޑުމެން މިޕްލޭން އެކުލަވާލީ. މިއާއެކު ހޫނުމޫސުމުގައި ޢާއްމުކޮށް ބިލް ބޮޑުވެގެންދާ މަސްމަހުވެސް ދައްކަންޖެހޭނީ އެހެން މަސްމަހުވެސް ދައްކާވަރަށް ފައިސާ. މީގެ ސަބަބުން ބަޖެޓް ދިރިއުޅުމުގެ އުޅުމަށް ވަރަށްބޮޑަށް ފަސޭހަ ވެގެންދާނެ." ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

ސްޓެލްކޯގެ އީކުއަލް ޕޭމަންޓް ޕްލޭންގައި ބައިވެރިވެވޭނީ މީގެކުރިން ނުދައްކާ ހުރި ބިލްތަކަށްވާ ފައިސާ ދައްކާ ޚަލާސްކުރުމަށްފަހުގައެވެ. އަދި ޚިދުމަތް ހޯދޭނީ ކަރަންޓުގެ ޚިދުމަތަށް ގޭބިސީއަކުން މަސްއޫލުވެރިވާ ފަރާތެއް ނުވަތަ ޢިމާރާތުގައި ކުއްޔަށް އުޅޭ ފަރާތެއްނަމަ ޢިމާރާތުގެ ވެރިފަރާތުގެ ހުއްދާއާއެކުގައެވެ. އަދި މީގެ ދަށުން ދިގުމުއްދަތަކަށް ބިލްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއްވެސް ޤައިމުވެގެން އަންނާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

ސްޓެލްކޯއާއި ކަސްޓަމަރު ބޭނުންވެއްޖެ ހިނދެއްގައި މި ޕްލޭން އަލުން މުރާޖާކުރުމުގެ އިޚްތިޔާރު ދެފަރާތަށްވެސް ކޮންމެ 6 މަހަކުން ލިބިގެންދާނެކަމަށް ސްޓެލްކޯއިން ހާމަކުރައްވައެވެ. މިޚިދުމަތަށް ފައިސާ ނަގާނެ މިންވަރު ބެލުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރުގެ ގޭބިސީތަކުގެ ކަރަންޓު ބޭނުންކޮށްފައިވާ އިންސައްތައަށް ބެލުމަށްފަހުގައިކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. ސްޓެލްކޯއިން މިޚިދުމަތް ފަށަން ނިންމާފައިވާއިރު ވޭތުވެދިޔަ މަސްތަކުގެ ތެރޭގައި އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކޭނެ އިންތިޒާމު އެކުންފުނީގެ ތިންހާހަށްވުރެ ގިނަ ކަސްޓަމަރުންނަށް ހަމަޖައްސައިދީފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އެހެންކަމުން މިޕްލޭނާއެކު ކަސްޓަމަރުންނަށް ފަސޭހަވަގެން ދާނެކަމަށް ސްޓެލްކޯއިން ޤަބޫލުކުރެއެވެ.