ކޯވިޑް-19ގެ ޙާލަތު ގޯސްވެ ޕޮޒިޓިވްވާ މީހުންގެ ޢަދަދުތައް މައްޗަށް ގޮސްފައިވާތީ، މާލޭ ސަރަޙައްދުގައި އިޢުލާންކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރު 2 ހަފްތާއަށް ދެމެހެއްޓުމަށް ނިންމައިފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވާފައިވާ އެންގުމުގައި ވަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކަށް ބަދަލުގެނައުމަށް އެންގި އެންގުމުގެ މުއްދަތު އިތުރުކޮށްފައެވެ. އެގޮތުން މިމަހުގެ 2ވަނަ ދުވަހުން ފެށިގެން 14 ދުވަހަށް މުއްދަތަކަށް އަޅާފައިވާ ފިޔަވަޅުތައް މިމަހުގެ 17އިން ފެށިގެން އިތުރު 14 ދުވަހުގެ މުއްދަރތަކަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސޮއިކުރައްވައި ނެރުއްވާފައިވާ ބަޔާނުގައިވާގޮތުން ކުރިއަށް އޮތް 2 ހަފްތާގައިވެސް ރޭގަނޑު 23:00އިން ފެށިގެން ފަތިހު 4:30އަށް މާލެ ސަރަޙައްދުގައި ވަނީ ކާފިއު އިޢުލާންކޮށްފައެވެ. އަދި އިރުއޮއްސި 18:00 އިން ފެށިގެން ހެނދުނު 6:00އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުމަކީވެސް މަނާ ކަމެކެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ގެނައި ބަދަލާއެކު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޢާއްމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުމަކީވެސް މަޖުބޫރު ކަމެއްގެ ގޮތުގައި މިހާރުވަނީ ކަނޑައަޅާފައެވެ. ވަކިގޮތެއް އަންގަންދެން، ރަށްރަށުގައި ގެއިން ބޭރުގައި އުޅޭއިރު، އަނގަޔާއި ނޭފަތާއި ދަތްދޮޅި ނިވައިވާ ގޮތަށް މާސްކު އެޅުމަށް، އަންގަވާފައިވަނީ 7 ފެބުރުވަރީ އިން ފެށިގެންނެވެ.
ޢާންމުކޮށް ޚާއްޞަ ހުއްދައިގެ ދަށުން ޟަރޫރީ ބޭނުންތަކަށް މާލެ ސަރަޙައްދުން ރަށްރަށަށް ދާ މީހުން، 72 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ނެގެޓިވް ޕީ.ސީ.އާރު ޓެސްޓެއްވެސް އޮންނަން ޖެހެއެވެ. މީގެ އިތުރުން ޕްރީ ސްކޫލްތަކާއި ނާރސަރީތަކާއި ޑޭކެއަރ ޚިދުމަތް ބަންދުކުރަން ނިންމާފައިވާއިރު ޔުނިވަރސިޓީއާއި ކޮލެޖްފަދަ ތަންތަނުގެ ކިޔަވައިދިނުން، ކުރިއަށް އޮތް 2 ހަފްތާގައި އޮންލައިކޮށް ކުރިއަށް ގެންދިއުމަށް ވެސް ވަނީ އަންގަވާފައެވެ.
މި ފިޔަވަޅުތަކުގެ އިތުރުން ކުރިއަށް އޮތް 2 ހަފްތާގައި ޕާކުތަކާއި މައިދާންތަކަށް ޒިޔާރަތްކުރުން ހުއްޓާލުމަށްވެސް ވަނީ އަންގަވާފައެވެ. އަދި އެކަނި ކުރާ ކަސްރަތުފިޔަވައި، އެހެން ހުރިހާ ކުޅިވަރު ޙަރަކާތަކާއި ކަސްރަތުގެ ޙަރަކާތްތައް ކުރިއަށް އޮތް 2 ހަފްތާއަށް ހުއްޓާލުމަށްވެސް ވަނީ އަންގަވާފައެވެ. މިގޮތަށް ނިންމާފައިވީނަމަވެސް ޢުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއެކު ކަސްރަތުކުރުމުގައި އެމީހަކާ އެކުގައި ދިރިއުޅޭ އެހެން މީހަކަށް ބައިވެރިވެވިދާނެކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތައް ވަރުގަދަކޮށްފައި މިވަނީ ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައެވެ. ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވުމާއެކު ރައްކާތެރިކަމުގެ ގޮތުން އެޅި ބައެއް ފިޔަވަޅުތަކަށް ލުއި ދީފައިވަނީ އާންމުންނަށް އެކަންކަމުގެ ސަބަބުން ދިމާވަމުންދިޔަ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުންނެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑް-19ޖެހުނު މީހުންގެ ޢަދަދުވަނީ 17 ހާހަށްވުރެ ގިނަވެފައެވެ.