ބެޑްމިންޓަން އެސޯސިއޭޝަން ކުރިއަށް އޮތް ދެ އަހަރުގެ ދުވަހުގެ ތެރޭގައި ފެޑެރެޝަނަކަށް ބަދަލް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މުސާ ނާޝިދު ވިދާޅުވެއްޖެއެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ އަމާޒަކީ ބެޑްމިންޓަން އެސޯސިއޭޝަންގެ ނެޓްވޯކް އަތޮޅު ތެރެއަށް ފުޅާކޮށް ފެޑެރޭޝަނަކަށް ބަދަލްކުރުމެވެ. ބެޑްމިންޓަން މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ މަސައްކަތް އެސޯސިއޭޝަންއިން ފަށާފައިވަނީ ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައެވެ. އެއާއެކު މިހާރު ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ފެންވަރު ރަގަނޅު ބެޑްމިންޓަން ކޯޓްތަކާއި ބެޑްމިންޓަން މުބާރާތްތައް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މުސާ ނާޝިދު ވިދާޅުވީ އެސޯސިއޭޝަން ފެޑެރޭޝަންއަކަށް ބަދަލްކުރުމަށް އެންމެ ބޮޑު ބާރެއް ލިބިގެންދިޔައީ 2013ވަނަ އަހަރު ވުޖޫދު ވި ކުޅިވަރުގެ ގާނޫނުގެ ސަބަބުންނެވެ. މިގާނޫނާއެކު އެސޯސިއޭޝަނަށް ލިބިގެންދިޔަ ބާރާއެކު ފެޑެރޭޝަނަކަށް ބަދަލް ކުރުމަށް އިތުރު ހިތްވަރެއްވެސް ލިބިގެންދިޔަކަމަށް މުސާ ނާޝިދު ވިދާޅުވިއެވެ. އަދި މުޅި ރާއްޖެއަށް ބެޑްމިންޓަން ފުޅާކުރުމަށް ކުރި މަސައްކަތުގެ ސަބަބުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބެޑްމިންޓަންގެ ސްޓޭކްހޯލްޑަރުން ތިބުމަކީވެސް ފެޑެރޭޝަނަކަށް އެސޯސިއޭޝަން ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއްކަމަށްވެސް މޫސަ ވިދާޅުވިއެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ އެސޯސިއޭޝަނަކަށްވުރެ ބޮޑަށް ފެޑެރޭޝަނަކަށް ވުމުން ބައިނަލަގްވާމީ ޕްލެޓް ފޯމްގައި ލިބޭ ފުރުޞަތުތައް ބޮޑުވެގެންދެނެކަމަށާއި ފެޑެރޭޝަނެއްގެ ދަށުން އެންމެ މަދުވެގެން ތިން އެސޯސިއޭޝަން ގާއިމް ކުރަންޖެހޭކަމަށެވެ. އެސޯސިއޭޝަންގެ ވިސްނުންހުރީ ލާމަރުކަޒީ އުސޫލުން ބަހާލެވިފައިވާ ފަސް ޒޯނަށް ބަލައިގެން ފަސް އެސޯސިއޭޝަން އުފެއްދުންކަމަށްވެސް ބެޑްމިންޓަން އެސޯސިއޭޝަނުން މާއުލޫމާތުދެއެވެ. ބެޑްމިންޓަން އެސޯސިއޭޝަން ފެޑެރޭޝަނަކަށް ބަދަލު ކުރުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި ފެޑެރޭޝަން އުފެދިގެން ދިއުމާއެކު މިހާރަށްވުރެ ބޮޑަށް ބެޑްމިންޓަން ކުރިއެރުވުމަށްވެސް ފުރުސަތު ލިބިގެންދާނެކަމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މުސާ ނާޝިދު ވިދާޅުވިއެވެ.