ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި ތިން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
މިމީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން ނެގި ރިލީޒް ސާމްޕަލުން ކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ.
ޕޮޒިޓިވްވި މި 3 މީހުންގެ ތެރޭގައި ހައިރިސްކު މީހެއް ހިމެނޭ ކަމަށް އެ އަތޮޅު ހޮސްޕިޓަލުންވަނީ ބުނެފައެވެ. އަދި އެމީހާ މިހާރު ށ. އަތޮޅު ފުނަދޫގައި ހުންނަ ކޯވިޑް ފެސިލިޓީއަށް ބަދަލު ކުރުމަށް އިރުޝާދު ލިބިފައިވާ ކަމަށްވެސް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ދިއްދޫއިން މިދިޔަ އަންގާރަ ދުވަހުވެސް ވަނީ ކޯވިޑް-19އަށް މީހަކު ޕޮޒިޓިވްވެފައެވެ. އަދި މިދިޔަ ހަފްތާގައިވެސް އުމުރުން ދުވަސްވީ މީހަކު ޕޮޒިޓިވްވެ އެމީހާވެސް ވަނީ ށ. އަތޮޅު ކޯވިޑް ފެސިލިޓީއަށް ބަދަލުކޮށްފައެވެ.
ދިއްދޫން މިމަހު ކޯވިޑް ޕޮޒިޓިވް ފަސް ކޭސް ފެނިފައިވާއިރު، ހުސްވި ޖެނުއަރީ މަހުވެސް އެރަށުން ވަނީ ކޯވިޑް ޕޮޒިޓިވް ދެ ކޭސް ފެނިފައެވެ. އެ އެންމެންނަކީވެސް ހޯމް ކަރަންޓީނު ފުރިހަމަކޮށް ނެގި ރިލީޒް ސާމްޕަލުން ޕޮޒިޓިވްވި މީހުންނެވެ. މީގެ ކުރިންވެސް އެ ރަށުން ވަނީ ކޯވިޑްގެ ޕޮޒިޓިވް ކޭސް ތަކެއް ފެނިފައެވެ. އެ އެންމެން ވެސް މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.