ޚަބަރު

"ހަމަލާގައި ބައިވެރިވާ އެންމެނަށް ހަރުކަށި އަދަބު ދޭންޖެހޭ"


ރައީސުލްޖުމުހޫރިއްޔާ
އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގާއި ޝަރީއަތް އަވަސްކޮށް، އެ އަމަލު ހިންގި
މީހުންނަށް ޤާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ޕީޕީއެމާއި އެމްޑީއޭ
އަދި ޖުމްހޫރީ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގޮވާލާފިއެވެ. 



ޕީޕީއެމް، އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީން މިކަމަށް ގޮވާލީ، އެތިން ޕާޓީން ނެރުނު ގުޅިފައިވާ ނޫސް ބަޔާނުގައެވެ. 

މިބަޔާނުގައި، ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު މަގަކުން އެހީތެރިވެ ދިނުމަށް ތިން
ޕާޓީގެ ޕީޖީ ގުރޫޕުން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައިވެއެވެ. އަދި ބ. ހިބަޅިދޫން އިއްޔެ ފެނުނު ހަތިޔާރުގެ މައްސަލާާގައި
ކުށްވެރިވާ މީހުންނަށް ހައްގު އަދަބު ދޭނެ ކަމާ ދޭތެރޭ ޝައްކު ނުކުރާ ކަމަށާއި އެ ހަތިޔާރާ
ރައީސްގެ ލޯންޗުކޮޅުގައި ގޮއްވާލި ހާދިސާ އާ ގުޅުން ހުރި ކަމަށް ފުލުހުން ބުނެފައި
ވާތީ، އެ ނުރައްކާތެރި އަމަލު ހިންގިި މީހުންނަށް ހައްގު އަދަބު ދިނުމަށް ވެސް
ގޮވާލާފައިވެއެވެ. 

 މި ނުރައްކާތެރި ހަމަލާއަކީ މުޅި ދިވެހި ހުރިހާ ރައްޔިތުންނަށް
ދީފައިވާ އުދުވާނީ ހަމަލާއެއްގެ ގޮތުގައިވެސް ދެކޭކަމަށްވެސް ބަޔާނުގައި
ބުނެފައިވެއެވެ. 



މުލިއާގޭގައި މިކަމަށްޓަކައި ބޭއްވި ބައްދަލުވުމުގައި ޕީޕީއެމްގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ، މިބަޔާނަކީ ޕީޕީއެމް އެމްޑީއޭ
އަދި ޖުމުހޫރީ ޕާޓީގެ ފަސްދޮޅަސް މަޖިލިސް މެމްބަރުން ތަމްސީލްވާގޮތަށް ނެރެފައިވާ
ބަޔާނެއްކަމަށެވެ.

މިބައްދަލުވުމުގައި ތިން ޕާޓީގެ ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންނާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަތެވެ.