ދުނިޔެ

ކޯވިޑް ބަލީގައި ބުރެޒިލުން މަރުވި މީހުންގެ ޢަދަދު 250،000 މައްޗަށް


ބުރެޒިލުން ކޯވިޑް-19 ފެނުނުތާ އަހަރެއް ފަހުން އެ ޤައުމުގައި އެ ބަލި ޖެހިގެން މަރުވި މީހުންގެ ޢަދަދު 250،000 ހުރަސްކޮށްފިއެވެ. މެދުތެރޭ އެމެރިކާގެ އެންމެ ބޮޑު ޤައުމުކަމުގައިވާ ބުރެޒިލުގައި ކޯވިޑަށް ވެކްސިން ދޭން ފަށާފައިވީ ނަމަވެސް އެ ޤައުމުގައި އަދިވެސް ދަނީ ހަލުވިކަމާއިއެކު ބަލި ފެތުރެމުންނެވެ.

ބުރެޒިލުގައި ކޯވިޑް ފެތުރެން ފެށުމުން އެ ޤައުމުގެ ރައީސް، ޖައީޚް ބޮލްސޮނާރޯ އެދެވޭ ފިޔަވަޅުތައް އަޅުއްވާފައިވާ ނުވާކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެއާއިއެކު އެ ޤައުމުގެ ސަރުކާރަށްވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ. ކޯވިޑަކީ އާދައިގެ ރޯގާއެއްކަމަށް ފެށުނީއްސުރެ ސިފަކުރައްވަމުންދާ ބޮލްސޮނާރޯވަނީ ބައްޔާއި ދެކޮޅަށް ދޭ ވެކްސިން އެމަނިކުފާނު ބޭނުން ނުކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ.

އެމެރިކާއަށްފަހު ކޯވިޑް ޖެހިގެން ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ޤައުމުގެ ގޮތުގައި އޮތީ ބުރެޒިލެވެ. އެ ޤައުމުގައި މިހާތަނަށް 10.3 މިލިއަނަށްވުރެ ގިނަ މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއީ އެމެރިކާއާއި އިންޑިޔާއަށްފަހު ތިންވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް ޖެހިފައިވާ ޤައުމެވެ.

ކޯވިޑް ޖެހިގެން ބުރެޒިލުގައި މިހާތަނަށް 251،498 މީންވަނީ މަރުވެފައެވެ. އޭގެ ތެރެއިން 1،541 މީހުން މަރުވެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައެވެ. ބަލިޖައްސާ ވައިރަހުގެ އައު ވައްތަރެއް ބުރެޒިލުން ފެނުނު ފަހުން އެ ޤައުމުގެ ޙާލަތުދަނީ އިތުރަށް ގޯސްވަމުންނެވެ.

ބުރެޒިލުގައި ކޯވިޑް ފެތުރެން ފެށި ފަހުން އެ ޤައުމުގައި އެވަރެޖުކޮށް ދުވާލެއްގެ މައްޗަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވަނީ ފާއިތުވި 2 ހަފުތާގެ ތެރޭގައެވެ. އެއީ ދުވާލެއްގެ މައްޗަށް ގާތްގަނޑަށް 1،100 މަރެވެ.

ބުރެޒިލުގައި އެސްޓްރަޒެނެކާގެ ވެކްސިން ތައްޔާރުކުރަމުންދާ ފަޔޯކުރުޒް ބަޔޯމެޑިކަލް އިންސްޓިޓިއުޓުގެ ފަރާތުން ވާހަކަދެއްކެވި ކްރިސްތޮވަމް ބާސެލޮސް ވިދާޅުވީ ބުރެޒިލުގައި މި ވަގުތު ވައިރަސް ދައުރުވަމުންދަނީ އެއްވެސް ކޮންޓްރޯލެއް ނެތިކަމަށެވެ. އަދި އެ ޤައުމުގައި މިވަގުތު ފެތުރެމުންދަނީ ބަލިމަޑުކަމުގެ އައު ރާޅެއް ނޫންކަމަށާއި، ދުވާލަކު 1،000 މީހުން މަރުވަމުންދާތާ ފަސް ހަފުތާއެއްހާ ދުވަސްވެފައިވާކަމަށެވެ.

210 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބުރެޒިލުގައި މިހާތަނަށް 7.5 މިލިއަން މީހުންނަށްވަނީ ކޯވިޑް ވެކްސިން ދީފައެވެ. ވެކްސިން ދިނުމުގެ މަޝްރޫޢު އެ ޤައުމުގައި ކުރިއަށްދަނީ ވަރަށް ލަސް ދުވެއްޔެއްގައެވެ. އަދި ބޭނުންވާ މިންވަރަށް ވެކްސިން ހޯދުމުގައި ބުރެޒިލުންދަނީ ދަތިތަކާއި ކުރިމަތިލަމުންނެވެ. ބުރެޒިލަށް މިހާތަނަށް ލިބިފައިވަނީ ވެކްސިންގެ 16 މިލިއަން ޑޯޒެވެ.