ދުނިޔެ

ބައިޑަންގެ ސްޓިމިއުލަސް ޕެކޭޖަށް ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ ރުހުން


އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުށަހަޅުއްވާފައިވާ 1.9 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ކޯވިޑް-19 ސްޓިމިއުލަސް ޕެކޭޖަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއިން ރުހުން ދީފިއެވެ. މިއީ ރައީސް ބައިޑަންގެ ބިލެއް އެމެރިކާގެ ޤަނޫނުހަދާ މަޖިލީހުގެ ތިރިގެއިން ފާސްކުރި ފުރަތަމަ ފަހަރެވެ.

ޑިމޮކްރަޓުންގެ ހަނި އަޣުލަބިއްޔަތު އޮންނަ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގައި ބައިޑަންގެ ސްޓިމިއުލަސް ބިލު ފާސްކޮށްފައިވަނީ ޕާޓީ ލައިން ވޯޓަކުންނެވެ. އެގޮތުން އެ ބިލު ފާސްކުރުމަށް ވޯޓު ދީފައިވަނީ މަޖިލީހުގެ 219 މެންބަރުންނެވެ. ބިލާއި ދެކޮޅަށް ވޯޓު ދީފައިވަނީ 212 މެންބަރުންނެވެ.

ބައިޑަންގެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ކޯވިޑް-19 ވެކްސިނާއި އެހެނިހެން ޞިއްޙީ ސާމާނު ގަތުމަށް ޚަރަދުކުރާނެއެވެ. އަދި ގޭބިސީތަކަށާއި ކުދި ވިޔަފާރިތަކަށާއި ސްޓޭޓު ސަރުކާރުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެ ބިލުގައި ހިމެނޭ މުހިންމު ކަންކަމުގެ ތެރޭގައި ސީދާ ރައްޔިތުންނަށް ދޫކުރާ 1400 އެމެރިކާ ޑޮލަރުގެ ޗެކާއި، އޮގަސްޓުމަހުގެ ނިޔަލަށް ވަޒީފާ ނެތް މީހުންނަށް ކޮންމެ ހަފުތާއަކު ދޫކުރާ 400 އެމެރިކާ ޑޮލަރުގެ އެހީތެރިކަމާއި، ކުލި އަދި މޯގޭޖު ދެއްކުމުގައި ދަތިތަކާއި ކުރިމަތިލަމުންދާ މީހުންނަށް ފޯރުކޮށްދޭ އެހީތެރިކަން ހިމެނެއެވެ.

ބިލާއި ގުޅޭގޮތުން މަޖިލީހުގައި ވާހަކަދައްކަމުން ޑިމޮކްރަޓުން ބުނީ ބައިޑަން ހުށަހަޅުއްވާފައިވާ ޕެކޭޖަކީ އެ ބަލިމަޑުކަމުގެ ސަބަބުން އެމެރިކާގެ ބައި މިލިއަނަށްވުރެ ގިނަ މީހުން މަރުވެފައިވާ ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ކޮންމެހެން މުހިންމު ޕެކޭޖެއްކަމަށެވެ. ބިލާއިބެހޭ ގޮތުން އެ މަޖިލީހުގެ ރައީސާ ނެންސީ ޕެލޯސީ ވިދާޅުވީ އެމެރިކާގެ ރައްޔިތުންނާއިއެކު ޤައުމުގެ ސަރުކާރު ވާކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވަންޖެހޭކަމަށެވެ. އެމެރިކާގައި ހެދި ދިރާސާއަކުން ދައްކާގޮތުގައި އެމެރިކާގެ ރައްޔިތުންގެ ތެރެއިން 68 އިންސައްތަ މީހުން ބައިޑަންގެ ޕެކޭޖާއިމެދު ހިތްހަމަޖެހެއެވެ. އޭގެ ތެރޭގައި ރިޕަބްލިކަނުންގެ 47 އިންސައްތަ މީހުންވެސް ހިމެނޭކަމަށް ޑިމޮކްރަޓުން ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް އިދިކޮޅު ރިޕަބްލިކަނުން ބުނަމުން ދިޔައީ ބައިޑަންގެ ޕެކޭޖުގައި ހިމެނޭ ގިނަ ކަންކަމަކީ ބޭނުމެއް ނެތްކަންކަންކަމަށެވެ. ބިލުގައި ހިމެނޭ ފައިސާގެ ތެރެއިން ސީދާ ކޯވިޑް-19އާއި ދެކޮޅަށް މަސައްކަތްކުރުމަށް ކަނޑައަޅާފައިވަނީ ބިލުގެ އެންމެ 9 އިންސައްތަކަމަށް ރިޕަބްލިކަނުން ބުންޏެވެ. ރިޕަބްލިކަނުންގެ ހައުސް ލީޑަރު، ކެވިން މެކްކާތީ ވިދާޅުވީ ބައިޑަންގެ ޕެކޭޖުގައި ބެލުމެއްނެތި އަދި ޒިންމާދާރުކަން ކުޑަ ގޮތަށް އެކި ކަންކަމަށް ފައިސާ ކަނޑައަޅާފައިވާކަމަށެވެ.

ބިލު ފާސްކުރުމުން ރިޔާސީ އިދާރާ ވައިޓު ހައުސްގައި ހުންނަވާ ވާހަކަދައްކަވަމުން ރައީސް ބައިޑަން ވިދާޅުވީ ބިލު ފާސްކުރުމަށް ކުރެއްވި މަސައްކަތަށް ތިރިގޭގެ ރައީސާ ނެންސީ ޕެލޯސީއަށް އެމަނިކުފާނު ޝުކުރު ޢަދާކުރައްވާކަމަށެވެ. އަދި ޤާނޫނުހަދާ މަޖިލީހުގެ މަތިގެ، ސެނެޓުން ވީ އެންމެ އަވަހަށް ބިލުގެ ކަންކަން ނިންމުމަށް ބައިޑަން ގޮވާލެއްވިއެވެ. ޤައުމުގެ ރައްޔިތުން ދަތިތައް ތަހައްމަލުކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެކަން ފާހަގަކުރައްވަމުން ބައިޑަން ވިދާޅުވީ މި ޙާލަތުގައި އެއްވެސް ވަގުތެއް ބޭކަރުވިޔަ ދެވެން ނެތްކަމަށެވެ.

މާރިޗު މަހުގެ މެދުތެރޭގައި ބިލުގެ މަސައްކަތް ސެނެޓުގައި ނިންމާ، އެ ބިލު ޤާނޫނުގެ ތެރޭގައި ހިމެނުމަށް ޑިމޮކްރަޓުން ވަނީ އަމާޒު ހިފާފައެވެ. އެމެރިކާގެ ސަރުކާރުން މިހާރު ދޫކުރަމުންދާ އެހީތައް ދޭ މުއްދަތު މާރިޗުމަހުގެ ފަހު ކޮޅުގައި ހަމަވާނެއެވެ.