ރާއްޖޭގައި ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނިފައިވަނީ މިދިޔަ އަހަރުގެ މާޗްމަހުގެ 7 ވަނަ ދުވަހުގައެވެ. އޭގެ ކުރިންވެސް ރާއްޖެއިން އައީ ބަލިން ރައްކާތެރިވުމުގެ ތައްޔާރީތައްވަމުންނެވެ. ތަޖުރިބާކާރުން ވިދާޅުވާގޮތުގައި ރާއްޖެ ފަދަ ފަތުރުވެރިކަމަށް ހުޅުވާލެވިފައިވާ ޤައުމަކަށް ބަލިއައުން ލަސްކުރެވުނީ އެޅުނު ފިޔަވަޅުތަކުގެ ސަބަބުންނެވެ.
ރާއްޖެއިން ބަލިފެނުނުތާ އެއްމަހާއި އެކާވީސް ދުވަސްފަހުން ފުރަތަމަ މީހަކު މިބަލިމަޑުކަމުގައި ނިޔާވީ މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 29 ވަނަ ދުވަހުގައެވެ. މިއީ ކޯވިޑް-19ގައި ދިވެހިންނަށް ކުއްލި ސިހުން ލިބިގެން ދިޔަ ދުވަހެކެވެ. އެހެންނަމަވެސް މިހާރު ރާއްޖޭގައި ބަލި ފެތުރެން ފެށިތާ ގާތްގަނޑަކަށް އަހަރެއްވުމާއި ގާތްވެފައިވާއިރު މިހާރު މިވަނީ މަންޒަރު މުޅިން ބަދަލުވެފައެވެ.
މިބަލިމަޑުކަމުގައި ދިރިއުޅޭތާ 12 މަސްދުވަސްވީއިރު މިހިނގާ ފެބްރުއަރީމަހަކީ މިބަލީގެ ނުރައްކާ އެންމެ ބޮޑުވި މަހެވެ. މިބަލިމަޑުކަމުގައި މިހާތަނަށް ރާއްޖެއިން 62 މީހަކު ނިޔާވެފައިވާއިރު މިމަހު އެކަނިވެސް 10 މީހަކު މިބަލީގައި ރާއްޖެއިން ނިޔާވެއްޖެއެވެ. މިއީ ރާއްޖޭގައި ވޭތުވެދިޔަ 12 މަސްދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު މިބަލީގައި ނިޔާވީ މީހުންގެ 16 އިންސައްތައެވެ. ޑޮކްޓަރުންގެ ކަންބޮޑުވުމާއި އެބޭފުޅުން ދެއްވި އިންޒާރު ލޯކުރިމަތިން ހަގީގަތަކަށް މިއަންނަނީ ބަދަލުވަމުންނެވެ.
My mistake
— Dr. Mohamed Ali (@Moxamedalu) February 28, 2021
62 deaths
16% deaths in February 2021 https://t.co/q5bsvtJ5P8
އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ކަމާބެހޭ ފަރާތްތަކުން ހާމަކުރައްވަމުންގެންދެވީ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވުމަކީ ބަލީގައި ނުރައްކާވާ ކެޓަގަރީތަކަށް ނިސްބަތްވާ ފަރާތްތައް ބައްޔަށް ހުށައެޅުމަށް އޮތް ފުރުސަތުތަކެއްކަމަށެވެ. އެގޮތުން އުމުރުން ދުވަސްވެ ދިފާޢީ ނިޒާމު ބަލިކަށި މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ފުރާނައަށް އޮތް ނުރައްކާ ބޮޑުވާނެކަމުގެ އިންޒާރު ޑޮކްޓަރުން ދެއްވިއެވެ. އަދި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަންޖެހޭ މީހުންގެ ޢަދަދު އިތުރުވުމަކީ ބައްޔަށް ފަރުވާ ދޭންޖެހޭ ހުރިހާ މީހުންނަށް ފަރުވާ ދިނުމުގައިވެސް ހުރަސްތަކެއް ކުރިމަތިވާނެކަމެއްކަމަށް ޑޮކްޓަރުން އައީ ވިދާޅުވަމުންނެވެ. އެގޮތުން އެނދުތަކުގެ ކެޕޭސިޓީ ފުރޭތީ މިދިޔަ ފެބްރުއަރީމަހު ރާއްޖޭގައި މިބަލި ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާދޭ މީހުން ކަނޑައަޅާ ކްރައިޓީރިއާ ނުވަތަ މިންގަނޑުވެސް ވަނީ ބަދަލުކުރަންޖެހިފައެވެ.
މިހާރު މިބަލީގެ ތިންވަނަ ރާޅެއްގެ ބިރުވެރިކަމުގެ ވާހަކަ ޕްރެސް ކޮންފަރެންސްތަކުގައި ޑޮކްޓަރުން ތަކުރާރުކުރައްވަމުން ގެންދަވާއިރުވެސް އެކަމުގެ ބިރުވެރިކަން ޢާއްމުންގެ ތެރޭގައި ވަޒަންކުރެވޭ ހެނެއް ހިއެއްނުވެއެވެ. މިއަހަރު ފެށުނުފަހުން ބައްޔަށް ޕޮޒިޓިވްވަމުން އަންނަ މީހުންގެ ނިސްބަތް އުޅެނީ މުޅިންވެސް 100 އިން މަތީގައެވެ. މިކަމާއިވެސް ހާސްވާމީހަކު އުޅޭހެނެއް ފެންނަ މަންޒަރުތަކުން ނުފެނެއެވެ.
ރައްޖެއިން ފުރަތަމަ ކޭސް ފެނުނުތާ 358 ދުވަސްވެފައިވާއިރު މިހާތަނަށް 19597 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މިބަލީގައި ރާއްޖެއިން 62 މީހުން ނިޔާވެފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 54 ދިވެހިންނާއި 8 ބިދޭސީއިންނެވެ. އަދި މިވަގުތުވެސް ރާއްޖޭގައި 2300 އަށްވުރެ ގިނަ މީހުން ބަލިޖެހިގެން އެކަހެރިކޮށްފައިވާއިރު މީގެތެރެއިން 170 މީހުންނަށް އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ.