ކޯވިޑް-19އިން ރައްކާތެރިވުމަށް ދޭ ވެކްސިން ޢުމުރުން 20 އަހަރުން މަތީގެ މީހުންނަށް ދޭން ފަށައިފިއެވެ. އެޗްޕީއޭއިން ވިދާޅުވީ މިޢުމުރުފުރާއަށް ވެކްސިން ދެމުން ގެންދާނީ ހަމައެކަނި މާލެ ސަރަޙައްދުގައިކަމަށެވެ. ރާއްޖޭގައި ކޯވިޑް-19އަށް ހުށައެޅެމުންދާ ޒުވާނުންގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު މިބަލީގައި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ޒުވާނުންގެ ޢަދަދުވެސް އިތުރުވަމުން އަންނަ ކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. އެހެންކަމުން ޒުވާނުންގެ ތެރެއިން ވީހާވެސް ގިނަބަޔަކު ވެކްސިން ޖެހުމަށް އިސްކަން ދިނުމަށް އެޗްއީއޯސީން އިލްތިމާސްކުރައްވައެވެ.
ފެބުރުއަރީމަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި ވެކްސިންދޭން ފަށާފައިވާއިރު މިވީ އެއްމަސްދުވަހުގެ ތެރޭގައި އާބާދީގެ 111415 މީހުންނަށްވަނީ ވެކްސިން ޖަހާފައެވެ. މީގެތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަޙައްދުން ވެކްސިން ޖެހި 75163 މީހުންނާއި އަތޮޅުތެރޭގައި ވެކްސިން ޖެހި 36252 މީހުންނެވެ.
މިވަގުތު ރާއްޖޭގައި ވެކްސިން ޖަހަމުން އަންނަ ކެޓަގަރީތަކަށްބަލާއިރު އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ އުމުރުފުރާގައި ހިމެނޭ ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނާއި، އުމުރުން 50 އަހަރުން މަތީގެ ހައިރިސް މީހުންނާއި 60 އަހަރުން މަތީގެ ހުރިހާ މީހުންނަށްވަނީ ވެކްސިން ދީފައެވެ.
މާލޭ ސަރަޙައްދުގައި ވެކްސިންދޭ ތަންތަނާއި ގަޑިތަކަށް ބަލާއިރު ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާ ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގައި ހެނދުނު 09:00އިން ފެށިގެން 16:30އަށް ވެކްސިން ދިނުން ކުރިއަށްދާނެއެވެ. ރައްޔިތުންގެ މަޖިލީހާއި ޓްރީޓޮޕްގައި ވެކްސިން ދެމުންދަނީ ހެނދުނު 09:00އިން 12:00އަށެވެ. އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ހެނދުނު 09:00އިން 13:00 އަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާނެއެވެ.
މިހާރު ހޯދިފައިވާ ވެކްސިން އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންނަށާއި މާބަނޑު މީހުންނަށް ދިނުމުގެ ހުއްދައެއް އަދި ޑަބްލިއުއެޗްއޯއިން ނުދެއެވެ. މިފަރާތްތަކަށް ވެކްސިން ދިނުމަށްޓަކާ މިވަގުތު ލެބޯޓްރީތަކުގައި ޓެސްޓުކުރަމުން އަންނައިރު މި ދެކެޓެގަރީއަށް ވެކްސިން ދޭންފެށޭނެ ކަމަށް ސިއްޙީ މާހިރުން ލަފާކުރައްވަނީ މިއަހަރުގެ ފަހު ކުއާޓަރގައެވެ. އެހެންކަމުން މުޅި މުޖުތަމަޢުގެ ރައްކާތެރިކަމަށްޓަކާ، ވެކްސިން ޖެހޭ އުމުރުފުރާގެ އެންމެން ވީހާވެސް އަވަހަށް ވެކްސިން ޖެހުމަށް އެޗްއީއޯސީން އިލްތިމާސްކުރައްވައެވެ.