ޚަބަރު

ޖަމާޢަތުގައި ގައިދުރުކަމާއެކު ނަމާދުކުރުން ކުރިއަށްގެންދިޔުމަށް ނިންމަވައިފި


ކޯވިޑް-19އިގެ މިދަނޑިވަޅުގައި ޖަމާޢަތުގައި ގައިދުރުކަމާއެކު ނަމާދުކުރުން ކުރިއަށްގެންދިޔުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމަވައިފިއެވެ. އެމިނިސްޓްރީން ޢާއްމުކޮށްފައިވާ ނޫސްބަޔާނެއްގައިވަނީ މިހާރު އޮތް ކޯވިޑް-19ގެ ޙާލަތު ބަދަލުވެ ލުއި ލިބެންދެން މިގޮތަށް ޖަމާޢަތުގައި ނަމާދުކުރުމުގެ ކަންކަން މާލެ ސަރަޙައްދުގައި ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށެވެ.

ކޯވިޑް-19ގެ ކޭސްތައް މާލެ ސަރަޙައްދުގައި އިތުރުވުމުގެ ސަބަބުން އެކަމުގެ ކަންބޮޑުވުން ކަމާބެހޭ އިދާރާތަކުން އިސްލާމިކް މިނިސްޓްރީއާއި ހިއްސާކުރުމާއި ގުޅިގެން އެމިނިސްޓްރީންވަނީ ފަތުވާދޭ މަޖިލީހާއި ދީނީ ޢިލްމުވެރިންނާއި މަޝްވަރާކުރައްވާފައެވެ. މިމަޝްވަރާތަކުގެ ދަށުން މާޗްމަހުގެ އެއްވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ނަމާދުކުރުމުގައި ގައިދުރުކަން ކަށަވަރުކޮށް ރައްކާތެރިކަމަށްޓަކާ ބަލަންޖެހޭ ހުރިހާކަމެއް ކަށަވަރުކުރުމަށްފަހު ނަމާދުކުރުން ކުރިއަށްގެންދާގޮތަށްވަނީ ނިންމަވާފައެވެ.

އިސްލާމިކް މިނިސްޓްރީއިން ވިދާޅުވީ މިހާރު އޮތް ޙާލަތުގައި މިސްކިތްތައް ބަންދުކުރުމަކީ ރައްޔިތުންނަށް ލިބިގެންދާނެ އިތުރު ހިތްދަތިކަމެއްކަމުގައި ފަތުވާދޭ މަޖިލީހާއި ދީނީ ޢިލްމުވެރިން ފާހަގަކުރައްވާކަމަށެވެ. އަދި މިދަނޑިވަޅުގައި ކުރެވެން އޮތްކަމަކީ މިސްކިތްތައް ބަންދުކުރުމުގެ ބަދަލުގައި ރައްކާތެރިކަމަށް ފިޔަވަޅުތައް އެޅުންކަމަށް އެމަޖިލީހާއި ދީނީ ޢިލްމުވެރިން ލަފާދެއްވާފައިވާކަމަށެވެ. އެގޮތުން މިވަގުތު ގައިދުރުކަން ކަށަވަރުކޮށްގެން ޖަމާޢަތް ހެދުމަށް ފަތުވާ މަޖިލީހާއި ދީނީ ޢިލްމުވެރިން ލަފާދެއްވާފައިވާތީ އެގޮތަށް ނިންމެވީކަމަށެވެ. އަދި ކޯވިޑްގެ ޙާލަތު ރަނގަޅުވާން ފެށުމާއެކު ކުރިއެކޭ އެއްފަދައިން ނަމާދު ޖަމާޢަތްތައް ޤާއިމުކުރެވޭނެކަމަށްވެސް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއެވެ.

އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވަނީ މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް ފާހަގަކުރައްވާފައެވެ. އެގޮތުން މިސްކިތްތަކުގައި ކާޕެޓު ނެތުމާއި، ކޮންމެ ނަމާދެއްގެ ކުރިން މިސްކިތުގައި މޮޕްލައި ސާފުކުރުމާއި، ސައބޯނި ލައިގެން އަތްދޮވެވޭނެ އިންތިޒާމު ޤާއިމުކުރުމަށް ސިޓީ ކައުންސިލުން ސަމާލުކަން ދެއްވުމަށް މިނިސްޓްރީންވަނީ ދަންނަވާފައެވެ. އަދި ކޮންމެހެން ބޭނުންކުރަންޖެހޭ ޙާލަތުގައި ނޫނީ އެއަރކޯން ބޭނުން ނުކުރުމާއި، އެއަރކޯން ބޭނުންކުރާނަމަ މިސްކިތުގެ ދޮރުތައް ދޭތެރެދޭތެރެއިން ހުޅުވާ ވައި ބަދަލުވާނެ ގޮތް ހެދުމަށްވެސްވަނީ ދަންނަވާފައެވެ.

އަދި ބަންގިއަށްފަހު 5 މިނިޓުތެރޭގައި ޤަމަތްދީ ނަމާދު ފެށުމަށާއި އެއްވެސް ނަމާދެއް 7 މިނިޓަށްވުރެ ދިގުނުކުރުމަށްވަނީ އެދިވަޑައިގަންނަވާފައެވެ. އަދި ހުރިހާ ނަމާދެއްގައިވެސް ސޫރަތުލް ފާތިޙާއަށްފަހު ޟުޙާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުމަށްވަނީ މިސްކިތްތަކުގެ އިމާމުންނަށްވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން މިސްކިތްތަކަށް ނަމާދަށް ދާ މީހުން ސަމާލުކަންދޭންޖެހޭ ކަންކަންވެސް އިސްލާމިކް މިނިސްޓްރީންވަނީ އަންގަވާފައެވެ. އެގޮތުން ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިޔުމާއި، އަމިއްލަ މުސައްލަ ބޭނުންކުރުމާއި، މިސްކިތުގައި މާސްކު އެޅުމާއި، މިސްކިތަށް ވަނުމާއި ނުކުތުމުގައްޔާއި، ނަމާދަށް ސަފު ހެދުމުގައި ގައިދުރުކަން ޤާއިމުކުރުމަށްވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ފުއްޕާމޭގެ ބަލިތައް ހުންނަމީހުންނާއި ރޯގާގެ ޢަލާމަތްތައް ހުރި މީހުންނާއި ޢުމުރުން ދުވަސްވީ މީހުން ގޭގައި ނަމާދުކުރުމަށްވަނީ އިރުޝާދުދެއްވާފައެވެ. ހަމައެއާއެކު ނަމާދުކުރުމަށްފަހު މިސްކިތުގައި މަޑުނުކުރުމަށާއި މިސްކިތުގައި ހުންނަ ޚަތިމް ބޭނުން ނުކުރުމަށްވެސްވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިސްކިތާއި މިސްކިތުން ބޭރުގައިވެސް އަތާ އަތްޖޯޑުކޮށް ސަލާމްން ކުރުން ފަދަ ކަންކަމުން ދުރުހެލިވުމަށް ސަމާލުކަން ދިނުމަށްވެސް މިނިސްޓްރީންވަނީ އެދިވަޑައިގެންފައެވެ.

ކޯވިޑް-19ގެ ކޭސްތައް މާލެ ސަރަޙައްދުގައި އިތުރުވުމާ ގުޅިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މިދިޔަ އަހަރު މެދުކަނޑާލާފައިވެއެވެ. އެހެންނަމަވެސް ކޯވިޑްގެ ކޭސްތައް މަދުވުމާ ގުޅިގެން މިސްކިތްތައް އަލުން ހުޅުވާ ޖަމާޢަތުގައި ނަމާދުކުރަން ފެށިއެވެ.

ކޯވިޑް-19އިގެ ކޭސްތައް ކަންބޮޑުވާ މިންވަރަށް އިތުރުވުމާ ގުޅިގެން ޢާއްމުކޮށް މީހުން އެއްވާ ހުރިހާ ތަންތަނެއް ބަންދުކުރުމަށް އެޗްޕީއޭއިންވަނީ ނިންމާފައެވެ. އަދި ސްކޫލްތަކުގައި ގްރޭޑް 8 އަކުން ދަށުގެ ހުރިހާ ގުރޭޑެއްގައި ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދަންވެސްވަނީ ނިންމާފައެވެ.