ޚަބަރު

ކާނިވާ ސަރަޙައްދުގައި ހުރި ގުދަންތަކާއި ބިންތަކުގެ ގިނަ މައްސަލަތަކެއް އޭސީސީއަށް


ކާނިވާ ސަރަޙައްދުގައި ހުރި ގުދަންތަކާއި ބައެއް ބިންތައް ދޫކޮށްފައިހުރީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށްކަމަށާ އެކަންކަން އޭސީސީއަށް ހުށައަޅަން ނިންމާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. ސިޓީ ކައުންސިލުން ވިދާޅުވީ ކާނިވާ ސަރަޙައްދުގައި ހުރި ގުދަންތަކުގެ ތެރެއިން އެއްވެސް ތަނެއްގައި ސައްޙަ ލިޔެކިޔުމެއް ނެތްކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީގެ މޭޔަރު ސިފާ މުޙައްމަދު ވިދާޅުވީ މާލޭގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ކާނިވާ ސަރަޙައްދު ތަރައްޤީކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިހާރު ދޫކޮށްފައިވާ ހުއްދަތަކުގެ މުއްދަތު އިތުރު ނުކޮށް އެތަން ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން މިމަސައްކަތުގެ ދަށުން ބެލިބެލުމުން އެސަރަޙައްދުގައި ހުރި ގުދަންތަކާއި އެތަނުން ދީފައިވާ ބިންތަކާ ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މޭޔަރ ސިފާ ވިދާޅުވީ މިސަރަޙައްދުގައި ހުރި ގުދަންތަކާއި ބިންތަކުގެ އެއްބަސްވުންތަކާއި ބެހޭގޮތުން މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގެ އެންޑް އިންފްރާސްޓްރަކްޗަރއާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާގައި ހުރި މަޢުލޫމާތު ދިމާނުވާކަމަށެވެ. އަދި ބޮޑެތި ޢަދަދުތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބި ހުރިކަން މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މިފަދަ 3 ގުދަނެއް އެސަރަޙައްދުގައި ހުރިކަމަށް މޭޔަރު ވިދާޅުވިއެވެ.

" އަޅުގަނޑުމެންވާނީ މިހާރު ނިންމާފައި ކާނިވާގެ އެއްބަސްވުންތަކުގައި ހުރި މައްސަލަތައް އޭސީސީއަށް ފޮނުވަން. އެމަސައްކަތް އެބަދޭ ކުރިއަށް. ހަމައެއާއެކު މިމައްސަލަ އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހަށްވެސް ހުށއަޅަންވަނީ ނިންމާފައި." ސިފާ ވިދާޅުވިއެވެ.

ކާނިވާ ސަރަޙައްދަކީ ބިމުގެ ދަތިކަން އޮތް މާލެ ސިޓީއަށް މުހިއްމު ސަރަޙައްދެއްކަން ފާހަގަކުރައްވަމުން މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ ފުލުހުންނާއި ޢާއްމުންގެ ފަރާތުންވެސް މިތަނާ ގުޅޭ ޝަކުވާތައް ލިބެމުން އަންނަކަމަށެވެ. އެގޮތުން ކާނިވާ ސަރަޙައްދުގައި ހުރި ގުދަންތަކާއި ބިންތަކުގައި މަސްތުވާ ތަކެތީގެ ވިޔަފާރި ހިންގަމުން އަންކަމަށާއި އެކަން ހުއްޓުވުމަށް މިސަރަޙައްދު ސާފުކުރަންޖެހޭކަމަށް މޭޔަރު ވިދާޅުވިއެވެ.

"ކާނިވާ ސަރަޙައްދުގެ ލޭންޑް ޔޫސްޕްލޭނެއް އެބައޮތް، ވޭތުވެދިޔަ ސަރުކާރުތަކުން އެކުލަވާލަމުން އައިސްފައި. އެއަށް އިތުރު އުނިއިތުރެއް ގެންނަވާނީ ރައްޔިތުންގެ މަޝްވަރާއާއެކު ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ. އަދި އެގޮތުގެ މަތިން އެތަން ތަރައްޤީކުރުމުގެ މަސައްކަތް އަޅުގނޑު ޤަބޫލުކުރަނީ ދެން އަންނަ ކައުންސިލަކުން ކުރައްވާނެކަމަށް. މިހާރު އޮތް ކައުންސިލަކަށް މިހާރު މިތަނަށް ތަރައްޤީގެ އެއްވެސް ބަދަލެއް ނުގެނެވޭނެ." ސިފާ ވިދާޅުވިއެވެ.

މި ސަރަޙައްދުގައި ހުރި ގުދަންތަކާއި އެތަނުން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ އެއްބަސްވުމުގައި ގިނަ މައްސަލަތަކެއް ހުރިއިރު ކުރީ ސަރުކާރުން އެއްބަސްވުން ބާތިލްކޮށްފައިވާ ބައެއް ތަންތަނުން މިހާރު ގެއްލުމުގެ ބަދަލު ހޯދުމަށް މަސައްކަތްކުރާކަން ފާހަގަކުރައްވައި މާލެ ސިޓީގެ މޭޔަރވަނީ އޭގެ ގެއްލުން ލިބިގެން އަންނަނީ ސިޓީ ކައުންސިލަށާއި ރައްޔިތުންނަށްކަމަށް ވިދާޅުވެފައެވެ. އެގޮތުން 2010ވަނަ އަހަރާއި 2016ވަނަ އަހަރާ ދެމެދު އެކުލަވާލާފައިވާ އެކި އެއްބަސްވުންތަކުގައި ހުރި ގިނަ މައްސަލަތަކެއް ސިޓީކައުންސިލުން ވަނީފާހަގަކޮށްފައެވެ.

ކާނިވާ ސަރަޙައްދުގެ އެއްބަސްވުންތަކާއި ގުޅުންހުރި ކަންކަން ބެލެހެއްޓުން ޙަވާލުކޮށްފައިވަނީ ސިޓީ ކައުންސިލާއެވެ. އެހެންނަމަވެސް މީގެ ކުރިން އެކަން ބަލަހައްޓަމުން އައިސްފައިވަނީ ހައުސިންގ މިނިސްޓްރީގެ ދަށުންނެވެ.