ޚަބަރު

ޓްރީޓޮޕް ހޮސްޕިޓަލް - އަމާޒަކީ ބޭސް ފަރުވާއަށް ބޭރަށް ދިއުން ނިމުމަކަށް ގެނައުން


ރާއްޖޭގެ އެންމެ މަތީ ފަންތީގެ އެއް ހޮސްޕިޓަލްކަމަށްވާ ޓްރީޓޮޕް ހޮސްޕިޓަލްގެ އަމާޒަކީ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިވެހިން ކުރަންޖެހޭ ދަތުރުތައް ނުކޮށް ރާއްޖޭގައި ތިބެގެން ސިއްޙީ ފަރުވާ ހޯދޭ މިންވަރަށް ޚިދުމަތް ފުޅާކުރުންކަމަށް އެހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އެއަމާޒަށް ވާޞިލުވުމަށްޓަކައި ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއްކޮށް އޭގެ ނަތީޖާވެސް ފެންނަމުންދާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލަށް 3 އަހަރު ފުރުމާ ގުޅިގެން ހޮސްޕިޓަލުން ޙާސިލުކޮށްފައިވާ ކާމިޔާބީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓްރީޓޮޕް ހޮސްޕިޓަލްގެ ގެސްޓް ސަރވިސް މެނޭޖަރ މުޙައްމަދު ޒައުޝާން ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލުގެ އެންމެ ބޮޑު އަމާޒަކީ ދިވެހިން ރާއްޖެއިން ބޭރަށް ގޮސްގެން ހޯދަންޖެހޭ ފަރުވާ ރާއްޖޭގައި ތިބެގެން ހޯދޭނެ މަގު ފަހިކޮށްދިނުންކަމަށެވެ. އަދި ހޮސްޕިޓަލުން ޚިދުމަތްދޭން ފެށިތާ 3 އަހަރު ވެފައިވާއިރު މިވޭތުވެދިޔަ މުއްދަތުގެ ތެރޭގައި މިލަނޑުދަނޑި ޙާސިލުކުރުމަށް ރާއްޖެއިން ނުލިބޭ ޚިދުމަތްތައް ތަޢާރަފްކޮށް ފެންވަރު ރަނގަޅު ޚިދުމަތެއް ދެއްވަމުން ގެންދަވާކަމަށް ޒައުޝާން ވިދާޅުވިއެވެ.

ހަމައެއާއެކު އަތޮޅުތަކުން ޑޮކްޓަރަށް ދެއްކުމަށް އަންނަ މީހުންނަށް ޚާއްސަ ޕެކޭޖްތައް ތަޢާރަފްކޮށް އަވަސް ޚިދުމަތެއް ދިނުމަށް ހޮސްޕިޓަލުން އިސްކަންދެއްވާކަމަށް ޒައުޝާން ވިދާޅުވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ހޮސްޕިޓަލުން ޚިދުމަތް ހޯދަމުން އަންނަ މީހުން ދުވަހުންދުވަހަށް އިތުރުވަމުން އަންނަކަން ޒައުޝާން ފާހަގަކުރެއްވިއެވެ.

"ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚިދުމަތް ދިނުމަށް ފުރަތަމަ އަމާޒުކޮށްފައިވަނީ ބޭސްފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވާ ބޭފުޅުންނަށް، ރާއްޖޭގައި ތިއްބަވައިގެން ޢާއިލާއާ ދުރަށް ނުގޮސް ދުނިޔޭގެ ފެންވަރުގެ ޒަމާނީ އަދި ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރާ ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުން." ޒައުޝާން ވިދާޅުވިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ ޚިދުމަތްތަކާއި އެޕޮއިންޓްމަންޓް އުސޫލު އެކުލަވާލާފައިވަނީ ޚިދުމަތް ހޯދަން ދާ މީހުންގެ ގިނަ ވަގުތު ހޮސްޕިޓަލްގައި ތިބެންނުޖެހޭފަދަ ގޮތަކަށްކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. ޓްރީޓޮޕް ހޮސްޕިޓަލްގައި އަލަށް ތަޢާރަފްކޮށްފައިވާ ބައެއް ޚިދުމަތްތަކުގެ ތެރޭގައި އުރަމަތީގެ ޚާއްސަ ކްލިނިކް، ނިދި ޓެސްޓް ކުރުމުގެ ޚާއްސަ ކްލިނިކް، ޑްރަގް ޓެސްޓިންގް، އެރޯ މެޑިކަލް ޕެކޭޖްތަކާއި ހިޔަރިންގް އެއިޑްގެ ޚިދުމަތްތައް ހިމެނެއެވެ. އަދި މުޅި ރާއްޖެއަށް އާ ޚިދުމަތެއްކަމަށްވާ ޕެޗް ޓެސްޓިންގވެސް އެހޮސްޕިޓަލުންވަނީ ތަޢާރަފްކޮށްފައެވެ.

އަހަރީ ދުވަހާ ގުޅިގެން ޕެކޭޖްތަކުން ޑިސްކައުންޓް ދިނުމަށް ނިންމާފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. އެގޮތުން މިމާޗްމަހުގެ ނިޔަލަށް ހެލްތު ޗެކަޕް ހެދުމުގެ އެކި ޕެކޭޖްތަކުން ބޮޑެތި ޑިސްކައުންޓްތައް ލިބޭނެކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ވިދާޅުވެއެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ދަތިތައް ޓްރީޓޮޕް ހޮސްޕިޓަލަށްވެސް ވަނީ ކުރިމަތިވެފައެވެ. މިދަނޑިވަޅުގައި ސަރުކާރާ ގުޅިގެން ކޯވިޑް-19ގެ ނުރައްކަލުން އަރައިގަތުމަށް އެހޮސްޕިޓަލުން އަންނަނީ މަސައްކަތްކުރަމުންނެވެ. ރައްކާތެރިކަމަށް އެކި ފިޔަވަޅުތައް ހޮސްޕިޓަލްތެރޭގައި އަޅާފައިވާއިރު އެހޮސްޕިޓަލުން އަންނަނީ ޢުމުރުން 40 އަހަރުން މަތީގެ ޢުމުރުފުރައިގެ މީހުންނަށް ކޯވިޑް ވެކްސިންވެސް ދެމުންނެވެ.