އިންސާނީ ވަގުފާރި ހުއްޓުވައި
ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް
އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް އިން ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން
މަޝްވަރާކޮށްފައިވަނީ، އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ފަރާތުން މޯލްޑިވްސް
ޕޮލިސް ސަރވިސްއަށް ކަނޑައަޅާފައިވާ ލިއޭޒާން އޮފިސަރުންނާއެކު ފުލުސް އޮފީސް
ހިންގެވުމާއި ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް އިއްޔެ ޝަހީދު
ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި
މަޝްވަރާކޮށްފައި ވަނީ، ކުށްކޮށްގެން ފައިސާ ހޯދުމާއި އެ ފައިސާއިން ތަކެތި ހޯދުމާ
ދެކޮޅަށް މަސައްކަތް ކުރުމަށް ތަފާތު އޭޖެންސީތައް ގުޅިގެން ޤާއިމްކޮށްފައިވާ
ޕްރޮފެޝަނަލުންގެ ވިއުގައެއްގެ ގޮތުގައި މަސައްކަތްކޮށް ކުށްވެރިން ނަހަމަގޮތުގައި
ފައިދާ ހޯދުން ހުއްޓުވުމަށް މި ވިއުގާގައި ބައިވެރިވާ ޤައުމުތަކުންކުރާ
މަސައްކަތްތަކުގެ ނަތީޖާ ރަނގަޅުކުރުމަށް މި ނޮވެމްބަރ 2 އިން 4 އަށް ސިޑްނީގައި ބޭއްވުމަށް ހަމަޖެހިފައިވާ
“އެސެޓް ރިކަވަރީ އިންޓަރ އޭޖެންސީ ނެޓްވޯކް” ގެ އަހަރީ ބައްދަލުވުމާ ބެހޭގޮތުންނެވެ.
އޭގެ އިތުރުން، މި
ބައްދަލުވުމަގައި އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް އިން ވަނީ، އެ އޭޖެންސީގެ
މެދުކެނޑުމެއްނެތް ޢަމަލީ އަދި ފަންނީ އެހީތެރިކަން، ގުޅުން ހުރި ދާއިރާތަކުން
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންދާނެކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި ދެ
ޤައުމުގެ މަސްލަހަތު ހިމެނޭ ކުށްތަކާ ދެކޮޅަށް މަަސައްކަތްކުރުމުގައި ދެ
މުއައްސަސާގެ ގުޅުން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް
މަސައްކަތްކުރައްވާނެކަމަށްވެސް އޭއެފްޕީގެ އޭޖެންޓުން ވިދާޅުވިއެވެ.
އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ
ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެލެއްވީ ސީނިއަރ އޭއެފްޕީ ލިއޭޒާން
އޮފިސަރ، ފެޑެރަލް އޭޖެންޓް ކްރިސްޓޮފަރ ވުޑްސް އާއި އޭއެފްޕީ ލިއޭޒާން އޮފިސަރ
ފެޑެރަލް އޭޖެންޓް ޑޭނިއަލް އެވަންޒް އެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެލެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް
އަޙްމަދު ޢަރީފްގެ އިތުރުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން
ޔޫޞުފާއި ޑެޕިއުޓީ ޗީފް ސިވިލް އޮފިސަރ ރަނާ ވަޙީދެވެ.
ދެ ޤައުމުގެ މަސްލަހަތު
ރައްކާތެރިކުރުން ހިމެނޭ ކަންކަމާއި ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށާއި ދެ
މުއައްސާގެ ދެމެދުގައި ގުޅުން ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތްކުރުމަށް
އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު
މެމޯރަންޑަމް އޮފް އަންޑަރސްޓޭޑިންގ އެއްގައި 2011 ވަނަ އަހަރު
ސޮއިކުރެވިފައިވެއެވެ.