ޚަބަރު

ނަޞްރުގެ ދުވަހުގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު


ނަޞްރުގެ ދުވަހުގެ
މުނާޞަބަތުގައި މާލޭގައި މާދަމާ ޝަރަފުގެ ހިނގާލުމެއް އޮންނާނެކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ހާމަކުރައްވައިފިއެވެ. 



މިއަހަރުގެ ނަޞްރުގެ ދުވަސް ފާހަގަ ކުރުމުގެ
ގޮތުން ބާއްވާ ޝަރަފުގެ ހިނގާލުން އޮންނާނީ މާދަމާ ހަވީރު 16:15 ގައިކަމަށާއި، މިހިނގާލުން މާލޭގެ ބޮޑެތި މަގުތަކުން ކުރިއަށްދާނޭކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މިހިނގާލުން ކުރިއަށްދާނީ ކަޅުތުއްކަލާކޮށީ އުތުރު
ގޭޓުން ނުކުމެގެން ހަނދުވަރީ ހިނގުމުން އުތުރަށް ގޮސް އަމީނީމަގުން އިރަށް، އަދި
ބޮޑުތަކުރުފާނު  މަގުން ހުޅަނގަށެވެ. އަދި ބޮޑުތަކުރުފާނު މަގުން، ދަރުބާރުގެ ކައިރީގައި
މަޑުކޮށް ސިފައިންގެ ބޭންޑުގައި ރާގު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިހިނގާލުން
ނިންމާލާނީ ބޮޑުތަކުރުފާނު މަގުން ހުޅަނގަށް، ކަޅުތުއްކަލާކޮށީ ދެކުނު ގޭޓަށްކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. 



ޝަރަފުގެ ހިނގާލުމުގެ އިތުރުން ނަޞްރުގެ ދުވަހާއި ގުޅިގެން އެމްއެންޑީއެފުން ކުރިއަށްގެންދާ އެހެން ހަރަކާތްތަކުގެ ތެރޭގައި އެމްއެންޑީއެފްގެ
ހުރިހާ އޭރިއާތަކެއްގައި ޖަމާޢަތުގެ ފަތިސް ނަމާދު ކުރުމާއި، މާލޭގައި ނޮވެންބަރު
ތިންވަނަ ދުވަހުގެ ހެނދުނު 06:30 ގައި ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާގައި ދިދަ
އަދި ގާޑް މައުންޓް ކުރުން ހިމެނެއެވެ. 



ނަޞްރުގެ ދުވަހާއި ގުޅިގެން އެމްއެންޑީއެފް
ސެންޓްރަލް އޭރިއާ އާއި އެމްއެންޑީއެފް ނޮދަން އޭރިއާގެ އިތުރުން އެމްއެންޑީއެފް
ސަދަން އޭރިއާގެ ސިފައިން، "ވިކްޓްރީ ރަން" ނަމުގައި އޭރިއާތަކުގައި
ހެނދުނު 08:00 ގައި ދުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.



އަދި ނޮވެމްބަރު ތިންވަނަ ދުވަހު
އެމްއެންޑީއެފް ނޮދަން އޭރިއާގެ ކުޅުދުއްފުށީގައި ސައިލެންޓް ޑްރިލްއެއް
ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނަޞްރުގެ ދުވަހާއި ގުޅުވައިގެން
އެމްއެންޑީއެފް ސަދަން އޭރިއާގެ ހިތަދޫ ބަނދަރު ސަރަހައްދުގައި އާންމުކޮށް
ހުޅުވާލައިގެން  "އޯޕަން ޑޭ" ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ނޮވެމްބަރު 3 ވަނަ ދުވަހު
16:00 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަވީރުގައި އެމްއެންޑީއެފް ކޯސްޓްގާޑް
ޝިޕް ޝަހީދު ޢަލީ އާންމުކޮށް ދައްކާލުމާއި ސިފައިންގެ ބައެއް ޔުނީފޯމާއިއެކު ފޮޓޯ
ނެގުމުގެ ފުރުޞަތު ހުޅުވާލުމުގެ އިތުރުން ސިފައިން ބޭނުންކުރާ ބައެއް ވެހިކަލްތައް
ދައްކާލުން އޮންނާނެކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.