ޚަބަރު

ކޯވިޑް-19ގެ ޠޫފާނުގައި އަހަރެއް، އަދިވެސް ސަލާމަތެއް ނެތް!


ކޯވިޑް-19އަކީ މިޖީލު ދުށް އެންމެ ނުރައްކާތެރި އެއް ބަލިމަޑުކަމެވެ. ކުޑަކުޑަ ވައިރަހެއްގެ ކުރިމަތީ މުޅި ދުނިޔެ ކުޑަކަކޫ ޖަހަން މަޖުބޫރުކުރިވި ބޮޑު ބަލިމަޑުކަމެކެވެ. މިބަލި އެންމެ ފުރަތަމަ ޗައިނާގެ ވޫހާން ސިޓީއިން ފެނުމާއެކު ދުނިޔޭގެ ގިނަ ޤައުމުތަކުންވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ފަށާފައެވެ. އެހެންނަމަވެސް ލޮލަށް ނުފެންނަ މި ކުޑަކުޑަ ވައިރަހުން ރައްކާތެރިވުމަށް ކުރެވުނު މާބޮޑުކަމެއް ނެތި މަދުދުވަސްކޮޅެއްގެ ތެރޭގައި މިބަލި ދުނިޔޭގެ ހަތަރު ބިތަށް ފެތުރިގެންދިޔައެވެ.

މިބަލިން ރައްކާތެރިވުމަށް ރާއްޖެއިންވެސްވަނީ ދުރާލައި މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 2019ވަނަ އަހަރުގެ ޑިސެމްބަރު މަހު ޢާއްމުވި މިބަލި ރާއްޖެއަށް އައުމަށް ގާތްގަނޑަކަށް ތިންމަސް ވިއެވެ. މިމުއްދަތުގައި މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ފުރުސަތު ލިބުނެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅީ ބަލި ރާއްޖެއަށް އަންނާނެކަން އެނގިތިބެއެވެ. ކޯވިޑްގެ ނުރައްކާތެރި ބަލިމަޑުކަމުގެ ފުރަތަމަ ރާޅު ރާއްޖެއަށް ބިންދާލައި، ބަލީގެ ފުރަތަމަ ކޭސް ފެނުނީ މީގެ އެއް އަހަރު ކުރިންނެވެ. އެއީ 2020ވަނަ އަހަރުގެ މާޗް މަހުގެ 7ވަނަ ދުވަހެވެ.

އޭރު ސިއްޙީ ދާއިރާއިންވަނީ ބަލި ރާއްޖެއަށް އައުމާއެކު ކަންތައް ކުރާނެގޮތުގެ އުސޫލުތައް ކަނޑައަޅާފައެވެ. އެކި ޙާލަތްތަކުގައި ޢަމަލުކުރާނެ ގައިޑްލައިންތައް ހަދާފައެވެ. މިބަލިމަޑުކަމާ ދެކޮޅަށް ސީދާ ހަނގުރާމަކުރާނެގޮތް އެނގުނުކަމުގައިވީނަމަވެސް ބަލިން ދިފާޢުވުމަށް ސީދާ މަސައްކަތްކުރެވޭނެ އިންތިޒާމުތައް ހުރީ މުޅިން ތައްޔާރީ ޙާލަތުގައެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން އެކަމަށް ބޭނުންވާ ވަގުތު ހޯދުމަށް ދިވެހި ޑޮކްޓަރުންގެ ޓީމުގެ ސީދާ އިރުޝާދުގެ ދަށުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް ވައިރަސް ރާއްޖެ ވަނުން ކޮންޓްރޯލްކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅިއެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް ދުވަސްވަރަކީ ރާއްޖޭގެ ތާރީޚުގައިވެސް އިޤްތިޞާދީގޮތުން މިޖީލު ދުށް އެންމެ ދަތި ދުވަސްތަކެވެ. ވަޒީފާތައް ގެއްލި ރާއްޖެއަށް ޑޮލަރު ވަންނަ ހުރިހާ ދޮރާޓެއް ބަންދުވިއެވެ. އެތައް ދުވަހެއް ވަންދެން ބިނާކުރި ދިރިއުޅުންތައް ހުއްޓުމަކަށް އައިސް ބައެއް މީހުން ދިރިއުޅުން އަލުން ފަށަންވެސް ޖެހެއެވެ. އެހެންނަމަވެސް އެދުވަސްތައް ވެގެންދިޔައީ ކޯވިޑްގެ ބަލިމަޑުކަމާއި ދެކޮޅަށް ދިވެހި ސިއްޙީ ނިޒާމު ތެދުވަން ލިބުނު ހަނިނަމަވެސް މުހިންމު ފުރުސަތަކަށެވެ.

އެދުވަސްތަކުގައި ރާއްޖެއަށް ބޭނުންވާ ވަޞީލަތްތައް ހޯދުމާއި ބަލި މީހުން އެޑްމިޓްކުރާނެ މަރުކަޒުތަކާއި ޓެސްޓުކުރެވޭނެ ކެޕޭސިޓީ އިތުރުކުރުމާއި، މިފަދަ ނުރައްކާތެރި ބައްޔަކާ ދެކޮޅަށް ކުރީސަފުގައި މަސައްކަތްކުރައްވާނެ ޑޮކްޓަރުންނާއި ނަރުހުންނާއި ބަލިޖެހޭ މީހުންގެ ޚިދުމަތުގައި ތިބެންޖެހޭ ހުރިހާ ފަރާތެއް ތަމްރީނުކޮށް ރާއްޖެވަނީ ތައްޔާރީ ޙާލަތަކަށް ގެނެސްފައެވެ.

ފުރަތަމަ 2 ރާޅާއެކު މިޙާލަތު ކޮންޓޯލްކުރުމުގައި ކުރިއެރުންތަކެއް ލިބުނެވެ. މިހާރުގެ ޙާލަތަށް ބަލާއިރު ބަލީގެ ނުރައްކާ އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ޕޮޒިޓިވް ވަމުން އަންނަ މީހުންގެ ސިއްޙީ ޙާލަތަށްވެސް ބަދަލުތައް އަންނަމުންދާއިރު ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައްވަނީ ވަރުގަދަކޮށްފައެވެ. ބަލީގައި އެންމެ ނުރައްކާ ޙާލަތެއްގައި އަދިވެސް އޮތީ ވެރިރަށް މާލެއެވެ.

ބަލިޖެހޭ މީހުން ފަސޭހަ ވެގެން ގެއަށްދާނެ ފުރުސަތު ލިބުނުނަމަވެސް ބަލިން އެއްކޮށް އަރައިނުގަނެވޭނަމަ މިބައްޔާ ދެކޮޅަށް މަސައްކަތްކުރާ މީހުންނަށް ގެއަށް ދެވޭކަށް ނެތެވެ. އެފަރާތްތަކުގެ ޢާއިލާތަކާއެކު ވަގުތު ހޭދަކުރެވޭކަށްވެސް ނެތެވެ. އެހެންކަމުން މިޙާތަލު ބަދަލުކޮށްދެއްވުމަށް ޢާއްމުންގެ އެއްބާރުލުމަށް، ކޯވިޑް އޮޕަރޭޝަންގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތަކުންވެސް އެދެއެވެ.

ކޯވިޑް-19ގެ ބިރުވެރިކަމުގައި ރާއްޖެ އޮންނަތާ އެއް އަހަރުވީއިރު ރާއްޖޭގެ އާބާދީގެ ކޮންމެ 24 މީހަކުން އެކަކުވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މިވަގުތު ރާއްޖޭގައި މިއޮތީ މިބަލީގެ އެންމެ ބިރުވެރި ޙާލަތްކަމުގައިވާ ބަލީގެ 3ވަނަ ރާޅުކަމަށް މިހާލަތުގައި އެންމެ ކުރީސަފުގައި މަސައްކަތްކުރައްވާ ޑޮކްޓަރުން އަންނަނީ ވިދާޅުވަމުންނެވެ.

ބައްޔާއެކު އަހަރެއްވީއިރު މިބައްޔަށް ވިހިހާސް ހަސަތޭކައަށްވުރެ ގިނަ މީހުންވަނީ ޕޮޒިޓިވްވެފައެވެ. އަދި ބަލި ޖެހި ބަލިން ރަނގަޅުވީ މީހުންގެ ޢަދަދު އުޅެނީ ސަތާރަހާސް ނުވަސަތޭކައިގައެވެ. މިބަލީގައި ނިޔާވި މީހުންގެ ޢަދަދުވަނީ 64އަށް އަރާފައެވެ.

ބައްޔަށް އެއްއަހަރުވީއިރު ބައްޔާ ދެކޮޅަށް މަސައްކަތްކުރާނެ ދިފާޢެއްގެ ގޮތުގައި ވެކްސިން ބޭނުންކުރަންވަނީ ފަށާފައެވެ. އެހެންނަމަވެސް ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަދިވެސް ވަގުތު ބޭނުންވެއެވެ.

މިފަދަ ނާޒުކު ޙާލަތަކަށް ޤައުމު ވެއްޓިފައިވާއިރު މިކަމުން އަރައިގަތުމަށް ހުރިހާ ބޭފުޅުން ގުޅިގެން މަސައްކަތްކުރައްންޖެހެއެވެ. ނުވަތަ ލޯކުރިމަތިން ފެނިގެންދާނީ މިބަލީގައި އެތައް ބަޔަކު މިފަސްގަނޑުން އަޅުގަނޑުމެނާ ވަކިވެގެންދާ މަންޒަރެވެ. އެކަކު އަނެކަކަށްޓަކައި އޯގާތެރިކަމާއެކު ވިސްނާލަމާތޯއެވެ. ޙާލަތު ބަދަލުކުރުމަށްޓަކާ ސިއްޙީ ޚިދުމަތްތެރިންގެ ބަސް ޤަބޫލުކުރަމާތޯއެވެ.