މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން އައުމަށް ބުކިންސް ލިބިފައިވާ ވަރަށްވުރެ 20 އިން ސައްތަ އިތުރަށް އަންނަ އަހަރަށް މިހާރުވެސް ބުކިންސް ހަދާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މިހާރު ލަންޑަންގައި ކުރިއަށްދާ ވަރލްޑް ޓްރެވަލް މާކެޓް ފެއަރގައި ޕީއެސް އެމަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28ވަނަ ދުވަހު ރައީސް އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޙަމަލާއާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އެކަމުގެ އެއްވެސް އަސަރެއް ކޮށްފައިނުވާކަމަށެވެ.ފަތުރުވެރިކަމަކީ ރާއްޖޭގެ ސިނާޢަތުގެ އެންމެ މުހިއްމު އެއް ދާއިރާއެވެ. އެހެންކަމުން ފަތުރުވެރިކަން ކުރިއަރުވާ އިތުރަށް މިސިނާޢަތުން މަންފާ ހޯދުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި މިއީ ރާއްޖޭގެ އިގްތިސާދު އެދާއިރާއަކަށް އެންމެ ބޮޑަށް ބަރޯސާވެފައިވާ އެއްދާއިރާކަމުން ރާއްޖޭގެ މަސްރަޙަށް އަންނަ ކޮންމެ ބަދަލަކީ ފަތުރުވެރިކަމަށް އޭގެ ސީދާ އަސަރުކުރާނެ ކަމެކެވެ. ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ފަތުރުވެރިކަން އިޝްތިހާރުކޮށް ރާއްޖެ ޕްރޮމޯޓްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު ދަށްވެގެންނުދާ ކަމަށެވެ. އަދި އަންނަ އަހަރުވެސް ރާއްޖެއަށް މިއަހަރަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށާއި ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކުގެ އަސަރެއް މި ސިނާޢަތަށް ނުކުރާ ކަމަށްވެސް ވިދާޅުވިއެވެ. '' އަޅުގަނޑުމެންގެ ޓީމްތަކުން ކުރަމުންދާ މަސައްކަތުގެ ސަބަބުން ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކުގެ އަސަރު ފަތުރުވެރިކަމަށް ކުރަމުންދާ ކަމަކަށް ނުދައްކާ. ބައެއް ޓުއަރ އޮޕަރޭޓަރުންނާ މިދާއިރާގެ އެހެނިހެން ފަރާތްތަކުން ލިބޭ މަޢްލޫމާތު ތަކަށް ބަލާއިރު މިހިނގަމުންދާ އަހަރަށްވުރެ އިތުރަށް %20 ބުކިންސް މިހާރުވެސް ލިބިފައިވާކަމަށް އެބަދައްކާ."ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކާބެހޭ ގޮތުން މިނިސްޓަރ ވިދާޅުވީ 2016 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ އަހަރަކަށް ވާނެ ކަމުގައެވެ. އަންނަ އަހަރަކީ ވިޒިޓް މޯލްޑިވްސް ޔިއަރގެ ގޮތުގައި ފާހަގަކުރެވޭ އަހަރުކަމަށްވާތީ އެކަމަށްޓަކައި ޚާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދަން ރާއްވަވާފައިވާ ކަމަށް ވިދާޅުވިއެވެ. އެއަރޕޯރޓް ތަރައްޤީ ކުރުމާއި ފަތުުރވެރިކަމުގެ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތްޕުޅުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު ކުރިއަށްއޮތް ދެތިން އަހަރުގެ ތެރޭގައި ގިނަ ކުރިއެރުންތަކެއް ޙާސިލްކުރާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. "އެއަރޕޯޓް ތަރައްޤީ ކުރުމާ އިތުރު ރިސޯޓްތައް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތް، އެއީ އަދި އިންފްރާސްޓްރަކްޗަރ. މީގެ އިތުރުން މާކެޓިން ސައިޑުން ބަލައިފި ކަމަށްވަންޏާ އެމްއެމްޕީއާރްސީއާ ޓުއަރ އޮޕަރޭޓަރުން ގުޅިގެން މިކުރާ މަސައްކަތް. މިސާލަކަށް އަޅުގަނޑުމެން ބައެއް އެއަރލައިންތަކާއެކުވެސް ވާހަކަ ދައްކަމުން މިދަނީ ފްލައިޓް އިތުރުކުރުމަށްވެސް. ބްރިޓިޝް އެއަރވޭސްއާވެސް ވާހަކަ ދައްކަމުން މިދަނީ." މިނިސްޓަރ އިތުރަށް ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ތެރޭގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތާއެކު އެއާގުޅިގެން ކުރިއަށްގެންދާ މާކެޓިން މަސައްކަތުގެ ސަބަބުން އިކޮނޮމީއަށް އޭގެ ރަނގަޅު ފައިދާ ކުރާނެ ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓްގައި ހިމެނިގެން ފަތުރުވެރިކަމުގެ އާ މޮޑެލްތައް ތަފާތުގޮތަކަށް ގެނައުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖެ އިޝްތިހާރުކުރުމަށް ބައިވެރިވަމުންދާ ފެއަރތަކާއި އެކިއެކި ރޯޑްޝޯވތަކުގެ ސަބަބުން މިދާއިރާ އިތުރަށް ކުރިއަށްދާނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށްވިދާޅުވިއެވެ.