މިދިޔަ
ސެޕްޓެމްބަރމަހު ޗައިނާ އަދި ޔޫރަޕުން ރާއްޖެއަށް
ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށަށް ގޮސްފިއެވެ.
އެހެން
ނަމަވެސް ސެޕްޓެމްބަރ މަހު މެދު އިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި
ފަތުރުވެރިންގެ އަދަދު އިތުރުވެފައިވެއެވެ. ޔޫރަޕްގެ ގިނަ ގައުމުތަކާއި ޗައިނާއިން
އަންނަ ފަތުރުވެރިންގެ ނިސްބަތް ދަށްވިނަމަވެސް ރާއްޖެއަށް ސެޕްޓެމްބަރ މަހު
ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް ކުރީ އަހަރުގެ ސެޕްޓެމްބަރ މަހަށްވުރެ
އިތުރުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ޓޫރިޒަމް
މިނިސްޓަރީގެ ތަފާސް ހިސާބްތައް ދައްކާގޮތުން ރާއްޖެއަށް އެއްމެ ގިނައިން
ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމްކަމަށްވާ ޗައިނާ އިން މިދިޔަ ސެޕްޓެމްބަރމަހު ރާއްޖެއަށް
ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހާ
އަޅާ ބަލާއިރު %6.5 ދަށަށް ގޮސްފައެވެ. ޗައިނާއިން ބައްތިރީސް ހާސް ފަތުރުވެރިން
މިދިޔަ މަހު އައިސްފައިވެއެވެ. ޗައިނާއިން އެކަނި ބައްތިރީސް ހާސް ފަތުރުވެރިން
އައިސްފައިވާއިރު މިއީ މުޅި ޔޫރަޕުން ރާއްޖެއައިސްފައިވާ ފަތުރުވެރިންނާއި ދާދި
އެއްވަރުގެ އަދަދެކެވެ. ޔޫރަޕްގެ ހުރިހައި ސަރަހައްދަކުން މިދިޔަ މަހު
އައިސްފައިވަނީ ތިރީސް ހަތަރު ހާސް ފަތުރުވެރިންނެވެ.
ޔޫރަޕްގެ މާކެޓްތަކަށްބަލާއިރު
ސްޕެއިނާއި އިޓަލީފިޔަވައި މޭޖަރ ހުރިހައި މާކެޓްތަކުން އައި ފަތުރުވެރިންގެ އަދަދުވެސް ވަނީ ދަށްވެފައެވެ. އެކަމަކު ފާހަގަކުރެވޭކަމަކީ މެދުއިރުމަތިންނާއި އިންޑިޔާއިން ރާއްޖެ
އަންނަ ފަތުރުވެރިން ވަރަށް ބޮޑަށް އިތުރުވަމުންދާކަމެވެ. ޚާއްސަގޮތެއްގައި ސައޫދީ
އަރަބިއްޔާއިން އަންނަ ފަތުރުވެރިން ހަތްދިހަ އަށް ޕަސެންޓަށް އިތުރުވެފައިވުމަކީ ވަރަށް
ބޮޑު ކުރިއެރުމެކެވެ. މިދިޔަ މަހު ފަރަންސޭސިވިލާތުން އައި ފަތުރުވެރިންނަށްވުރެ
ސައޫދީ އަރަބިއްޔާއިން އައި ފަތުރުވެރިންގެ ނިސްބަތް އިތުރު. ތުރުކީން އައި
ފަތުރުވެރިންވެސް ފަންސާސް އިންސައްތަ އިތުރުވެފައިވެއެވެ. އަދި އެމެރިކާއިން އަންނަ
ފަތުރުވެރިންވެސް އިތުރުވެފައިވެއެވެ.
ޖަރުމަނާއި
އިގިރޭސިވިލާތުން އައި ފަތުރުވެރިން ދަށްވެފައިވަނީ ވަރަށް ކުޑަ ނިސްބަތަކުންނެވެ.
ތަފާސް ހިސާބްތައް ދައްކާގޮތުން މިދިޔަ ސެޕްޓެމްބަރމަހު ރާއްޖެއަށް 95،511 ފަތުރުވެރިން
ޒިޔާރަތްކޮށްފައިވެއެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ރާއްޖެއަށް 9
ލައްކަ 19 ހާސް ދުއިސައްތަ ހަތްދިހަ ހަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު މިއީ
މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު %2.0 އިތުރު އަދަދެކެވެ.