ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް ރައްކާކުރުމުގައި ފުލުހުންގެ ޒިންމާ ބޮޑުކަމަށާއި އެކަންކުރުމަށް ޒަމާނީ އުކުޅުތަކާއި ޤާބިލް ފުލުހުންގެ ފައުޖެއް އޮތުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ. އިކޮނޮމިކް މިނިސްޓަރވަނީ އެކިއެކި ކުށުގެ ބާވަތްތަކުން އިޤްތިޞާދަށް އަންނަ ލޮޅުންތަކުން ސަލާމަތްވުމަށް އެފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުންނަށް އިލްތިމާސްކުރައްވާފައެވެ.
ދ.ވާނީގައި ބޭއްވި 32 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ ދަސްވެނިވި ފުލުހުންނާ މުޚާތަބްކުރައްވާ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާޢީލް ވިދާޅުވީ ބަދަލުވަމުން އަންނަ ދުނިޔޭގައި އިޤްތިޞާދު ބަދަލުކުރުމަށް ބޭނުންކުރަނީ އިންޓަނެޓްގެ އެކި ވަޞީލަތްތައްކަމަށެވެ. އެހެންކަމުން އެކަންކަމުން ރާއްޖޭގެ އިޤްތިޞާދު ރައްކާކުރެވޭނީ ކުށުގެ ވެށީގައި ބޭނުންކުރަމުން އަންނަ އުކުޅުތަކަށް އަހުލުވެރިވެ ހުރިހާ ގޮތަކުންވެސް ޤާބިލް ފުލުހުންގެ ފައުޖެއް އޮވެގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އިޤްތިޞާދަށް ލޮޅުން އަންނަ އެކި ކުށްތައް ހުއްޓުވާ ރައްޔިތުން ބޭނުންވާ ތަރައްޤީ ހޯދައިދިނުމުގައި ފުލުހުންގެ ދައުރު ވަރަށް މުހިއްމުކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.
"ޖިނާޢީ އެކި ކުށްތައް، ޚާއްސަކޮށް އިކޮނޮމިކް ކްރައިމްއާއި ގުޅުންހުރި ކަންތައްތަކަށް ސަމާލުވެ ސާބިތުކަމާއެކު އެކަންކަމާ ޓެކަލްކުރެވޭނެ ޕޮލިސް ފޯސްއެއް އޮތުމަކީ ކޮންމެހެން މުހިއްމުކަމެއް."އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވިއެވެ.
އަލަށް ރެކްރޫޓްވި ފުލުހުން ކުރިމަތިލީ ގޮންޖެހުން ބޮޑު ވަރުގަދަ ޒިންމާއަކާއިކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ތަރައްޤީ ޤާއިމުކުރުމަށް ހަމަޖެހުން ޤާއިމުކުރުމަކީ ކޮންމެހެން ބޭނުން ކަމަކަށްވާއިރު އެކަން ކުރެވޭނީ ރައްޔިތުންގެ އިތުބާރު ހޯދައިގެންކަމަށެވެ. އެގޮތުން ޤާނޫނު ތަންފީޒުކުރުމުގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވީނަމަވެސް ރައްޔިތުންގެ ކުރިމަތީގައި ވިސްނުންތެރިކަމާއި ހިތްތިރިކަމާއެކު ޢަމަލުތައް ބެހެއްޓުމަށް މިނިސްޓަރ ފައްޔާޒްވަނީ ނަސޭޙަތްތެރިވެވަޑައިގެންފައެވެ.
"ރާއްޖޭގައި ޢަދުލު އިންސާފު ޤާއިމުވުމުގެ އެންމެ ފުރަތަމަ މަރުޙަލާއަކީ ފުލުހުން."އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވިއެވެ
ފުލުހުންގެ ޒިންމާ އަދާކުރުމުގައި އަބަދުވެސް ދީނުގެ އުސޫލުތަކަށް އިސްކަންދިނުމަށްވެސް މިނިސްޓަރވަނީ އިލްތިމާސްކުރައްވާފައެވެ.
ފުލުހުންގެ ޚިދުމަތް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ރައްޔިތުންގެ އިތުބާރު ފުލުހުންގެ މުއައްސަސާއަށް ހޯދުމަށް ޤާނޫނާއި ގަވާއިދުގެ ތެރެއިން ފުލުހުންގެ މުއައްސަސާ ރީފޯމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.