އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މުބާރާތްތައް ކުރިއަށް ގެންދިއުމަށް ގައިޑްލައިނެއް ހަދާ އެޗްޕީއޭއާއެކު ހިއްސާކޮށްފައިވާނެކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.
މާލޭގެ ކޯވިޑް ކޭސްތައް އިތުރުވުމާއި ގުޅިގެން އެޗްޕީއޭއިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެކަނި ކުރެވޭ ކަސްރަތު ނޫން އެހެން ހުރިހާ ކުޅިވަރެއް މިދިޔަ މަހުގެ ތިންވަނަ ދުވަހުން ފެށިގެން ހުއްޓާލަން ވަނީ އަންގާފައެވެ. އަދި އެއަށްފަހު މިދޔަ ހަފްތާގައިވަނީ އެކުވެނި ދުވާ ޓްރެކްވެސް ބަންދުކޮށްފައެވެ. އެންމެ ފުރަތަމަ އެޗްޕީއޭއިން ދުވާ ޓްރެކް ބަންދުކޮށްފައިވަނީ އެއް ހަފްތާއަށެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އެޗްޕީއޭއިންވަނީ އިތުރު ހަފްތާއަކަށް މާލޭގައި އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓާފައެވެ.
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިމަހުގައި ބާއްވަން ތާވަލްކުރި ޖޫނިއަރ ޗެންޕިއަންޝިޕް އެތުލެޓިކްސް މުބާރާތް ކޯވިޑް-19 އާއި ގުޅިގެން މިހާރުވަނީ ފަސްކޮށްފައެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އަހުމަދު މުންތަގިމް ވިދާޅުވީ އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެސޯސިއޭޝަން ޗެންޕިއަންޝިޕް މިހާރު ތާވަލްކޮށްފައިވާކަމަށާއި އުއްމީދަކީ މިމުބާރާތް މިއަންނަ މަހުގެ ތެރޭގައި ބޭއްވޭނެ އިންތިޒާމުހަމަޖެހިގެން ދިއުންކަމަށެވެ. މާލޭގައި ކުޅިވަރު މުބާރާތްތަކާއި ފަރިތަކުރުންތައް ކުރިއަށް ނުގެންދެވުނަސް، މިހާރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެތުލެޓިކްސްގެ ފަރިތަކުރުންތަކާއި ތަމްރީންތައް ކުރިއަށްދާކަމީ އުފަލާއެކު ފާހަގަކުރާ ކަމެއްކަމަށާއި މިހާލަތުގައިވެސް އެތުލީޓުން ކުރަމުންދާ މަސައްކަތް އެސޯސިއޭޝަނުން ވަރަށް ބޮޑަށް ބަލައިގަންނަކަމަށް އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އަހުމަދު މުންތަގިމް ވިދާޅުވިއެވެ. މާލޭގައި އެތްލެޓިކްސްގެ މުބާރާތްތައް ކުރިއަށް ގެންދިއުމަށް އެޗްޕީއޭއާއިއެކު ހިއްސާކޮށްފައިވާ ގައިޑްލައިނަކީ ވޯލްޑް އެތުލެޓިކްސް ފެޑެރޭޝަނާއެކު ހިއްސާ ކުރެވިފައިވާ ގައިޑްލައިނެއްކަމަށާއި މިހާރު އިންތިޒާރު ކުރަނީ އެޗްޕީއޭއިން ހުއްދަ ދެއވާނެ ދުވަހަކަށްކަމަށް މުންތަގިމް ވިދާޅުވި.