ދިރާގު ދިވެހި ޕްރިމިއަރ ލީގްގެ ކުޅުން މިހާރު ފެށޭވަރުވާނެކަމަށް އުއްމީދު ކުރަނީ މިއަންނަ ހަފްތާގެ ފަހު ކޮޅުގައިކަމަށް އެފްއޭއެމުން ބުނެފިއެވެ. އެޗްޕީއޭއާއެކު ކުރިން ކުރެވުނު މަޝްވަރާތަކަށްފަހު މިމަހުގެ 20 އަދި 21 ހިސާބުގައި ލީގް ފެށުމަށް މަސައްކަތް ކުރިނަމަވެސް މާލޭގެ ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން މިހާރު ލީގް ފެށޭނެކަމަށް އުއްމީދު ކުރެވެނީ މިއަންނަ ހަފްތާގެ 25 ހިސާބުގައިކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ.
މާލޭގެ ކޯވިޑް-19ގެ ކޭސްތައް މިހަފްތާގެ ކުރީކޮޅުގައި 100އަށް ވުރެއް ދަށުގައި ހުރެފައި މިހާރު އަނެއްކާވެސްވަނީ 100އަށް ވުރެއް މައްޗަށް ކޭސްތަށް އަރާފައެވެ. އަދި މިކަމާއި ގުޅިގެން މާލޭ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އެޗްޕީއޭއިންވަނީ އިއްޔެގައި އަލުން އެއް ހަފްތާއަށް އިތުރުކޮށްފައެވެ. ގިނަ ކުޅިވަރުތައް ހުއްޓާލާފައިވާއިރު، އެކުވެނި ދުވާ ޓްރެކްވެސް މިފިޔަވަޅުތަކާއި ގުޅިގެން އެޗްޕީއޭގެ އެންގުމަށްވަނީ ބަންދުކޮށްފައެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިމަހުގެ 20 އަދި 21 ހިސާބުގައި ލީގު ފަށަން މަސައްކަތްކޮށް އެޗްޕީއޭއާއެކު މަޝްވަރާތައްވެސް ކުރެވުނުކަމަށެވެ. ނަމަވެސް އެޗްޕީއޭއިން ޓީމްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހުއްދަދިން ނަމަވެސް ލީގު ފަށަން ހުއްދަ ދީފައިނުވާކަމަށެވެ. އަދި އެޗްޕީއޭއާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ލީގު ފެށޭތޯ ކުރި މަސައްކަތް ކާމިޔާބުނުވީ މިހާރު މާލޭގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެންނެވެ. ބައްސާމް ވިދާޅުވީ ލީގް ފެށުމަށް މަޝްވަރާއަށް ދިއުން ދުވަސްކޮޅަކަށް މަޑުކޮށްލަން އެޗްޕީއޭއިން އެދިފައިވާކަމަށާއި މިހާރު އުއްމީދު ކުރަނީ މިއަންނަ ހަފްތާގެ ބުރާސްފަތި ހިސާބުގައި ހުއްދަ ލިބޭނެކަމަށެވެ. ނަމަވެސް ލީގް ފެށޭނީ ކޯވިޑް-19ގެ ކޭސްތަކުގެ އަދަދުތަކަށް ދަށްވެގެންކަމަށް ގަބޫލް ކުރާކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.
އޭއެފްސީ ކަޕްގެ ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ކުލަބް އީގްލަސް އާއި ބޫޓާންގެ ޗެންޕިއަން ތިމްޕޫ ސިޓީ މެޗް ކުޅުމަށް އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު މާލޭގައި ކުޅުމަށް ތާވަލްކޮށްފައިވާއިރު، މިމެޗާ ގުޅޭގޮތުން ބައްސާމް ވިދާޅުވީ ހަމައެކަނި ފަރިތަކުރުންތަކެއް ކުރިއަށް ގެންދިއުމަށްފަހު، ތިންޕޫ ސިޓީއާއި ކުރިމަތިލާން އީގަލްސްއަށްވެސް އުދަގޫވާނެކަމަށާއި ދިވެހި ފުޓްބޯޅައާއި ގުޅިފައި މިވާ މުހިންމު މެޗްގެ ކުރިން ލީގް ފެށުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. އެންމެ މަދުވެގެން ވާދަވެރި ދެ މެޗެއްވަރު ކުޅެން ކުލަބް އީގަލްސްއަށް ލިބުމަކީވެސް މިމެޗަށް ނިކުންނައިރު، އެޓީމަށް ލިބޭނެ ވަރަށް ބޮޑު ފައިދާއަކަށް ވާނެކަމެއްކަމަށްވެސް ބައްސާމް ވިދާޅުވި.
ތިންޕޫ ސީޓީއާ ވާދަކުރާ މިމެޗުން ކުލަބް އީގަލްސް މޮޅުވެއްޖެނަމަ، އެޓީމް ޕްރިލިމިނަރީ ދެވަނަ ބުރުގައި ވާދަކުރާނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އަދި މިމެޗުން ކުލަބް އީގަލްސް ކުރި ހޯދައިފިނަމަ، ޕްލޭއޯފް ބުރުގައި އީގަލްސް ވާދަކުރާނެކަމަށް އެންމެ ބޮޑަށް ލާފާކުރެވެނީ އިންޑިޔާގެ ބެންގަލޫރު އެފްސީއާއެވެ.
އޭއެފްސީކަޕްގެ ޕްރިލިމިނަރީ ދެވަނަ ބުރުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 14ވަނަ ދުވަހު އަދި ޕްލޭއޮފް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 21ވަނަ ދުވަހުއެވެ. ރާއްޖޭގެ އެންމެ ފަހުގެ ލީގް ޗެންޕިއަނުންގެ ގޮތުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންވަނީ ގުރޫޕް ސްޓޭޖުން ޖާގައެއް ކަށަވަރުކޮށްފައެވެ. މިގުރޫޕްގައި ދެން ހިމެނެނީ އިންޑިޔާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސްއެވެ. ގުރޫޕް ސްޓޭޖުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 14 އިން 20 އަށެވެ.