ކުޅިވަރު

ލިވަޕޫލް އާއި ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގު ކުއާޓަރ ފައިނަލްގައި ނިކުންނަނީ


2018ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލްގައި ވާދަކުރި ލިވަޕޫލް އާއި ރެއާލް މެޑްރިޑް މިސީޒަންގައި ޗެމްޕިއަންސް ލީގު ކުއާޓަރ ފައިނަލްގައި ވާދަކުރަން ޖެހިއްޖެއެވެ.

ގިނަ ކަންތައްތަކެއް ފެނިގެންދިޔަ އެފަހަރުގެ ފައިނަލް ކާމިޔާބުކުރީ ރެއާލް މެޑްރިޑެވެ. އެމެޗުގައި އެންމެ ފާހަގަވެގެންދިޔައީ ފުރަތަމަ ހާފްގައި ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ލިވަޕޫލްގެ އެންމެ މުހިންމު ފޯވާޑް މުހައްމަދު ސަލާޙް އަތުން ބޯޅަހޯދަން އުޅުމުގެ ތެރޭގައި ސަލާޙުއަށް ލިބުނު ހާނިއްކައާއެކު އޭނާ މެޗު ކުރިއަށް ނުގެންދެވުނުކަމެވެ. ލިވަޕޫލްގެ ސަޕޯޓަރުން އެކަން އަދިވެސް ހަނދާން ނުނެތޭނެކަން ވަނީ ފާހަގަކޮށްފައެވެ. އިއްޔެ ނެގި ޑްރޯގައި ޗެމްޕިއަންސް ލީގުގައި ކުއާޓަރ ފައިނަލްގައި ލިވަޕޫލާއި ރެއާލް މެޑްރިޑް ޖެހުމުން ދެޓީމުގެ ސަޕޯޓަރުންވެސް ވަނީ މިއީ ރަނގަޅު ޑްރޯއެއް ކަމަށް ބުނެފައެވެ.

ރެއާލްގެ ސަޕޯޓަރުން ބުނަމުންދަނީ ލިވަޕޫލަށް ދިމާވެފައިވާ އިންޖަރީގެ މައްސަލަތަކާއެކު އެޓީމު އޮތީ އެހާ ރަނގަޅު ހާލަތެއްގައި ނޫންކަމަށާއި ލިވަޕޫލް ބަލިކުރެވޭނެކަމަށެވެ. އަނެއްކޮޅުން ލިވަޕޫލްގެ ސަޕޯޓަރުން ބުނަމުންދަނީ 2018 ވަނަ އަހަރުގެ ފައިނަލްގައި ސަލާޙު މެޗުން ބޭރުވާން ޖެހުނީ ރާމޯސް ގަސްތުގައި ދިން ހަމަލާއެކު ކަމަށާއި މިއީ އޭގެ ބަދަލުހިފަން ލިބުނު ރަނގަޅު ފުރުސަތެއްކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލަށް ރެއާލް މެޑްރިޑް ދަތުރުކުރީ ދެވަނަ ބުރުގެ މެޗުގައި އިޓަލީގެ އެޓަލާންޓާ ބަލިކޮށްގެންނެވެ. އަދި ލިވަޕޫލް ކުއާޓަރއިން ޖާގަ ހޯދީ ދެވަނަ ބުރުގެ މެޗުގައި ޖަރުމަންގެ އާރްބީ ލިޕްޒިގްގެ މައްޗަށް ކުރިހޯދައިގެންނެވެ.
މިތަނުން މޮޅުވާ ޓީމެއް މުބާރާތުގެ ސެމީފައިނަލްގައި ވާދަކުރާނީ ޗެލްސީ އާއި ޕޯޓޯ ބައްދަލުކުރި މެޗުން މޮޅުވާ ޓީމަކާއެވެ.
ރެއާލް އާއި ލިވަޕޫލް ބައްދަލުކުރާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އޭޕްރިލް މަހުގެ ހަތްވަނަ ދުވަހު ރެއާލް މެޑްރިޑްގެ ދަނޑުގައެވެ.