ޚަބަރު

ކޯވިޑް-19 : ކުޅުދުއްފުށިން އިތުރު 2 މީހުން ޕޮޒިޓިވްވެއްޖެ


ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް ބަލި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ ކުޅުދުއްފުށީގައި ކޯވިޑް-19 ފެތުރިދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ.

ކުޅުދުއްފުށިން 4 މީހަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވި ހަތަރު މީހުންނަކީވެސް ނައިފަރުން ކުޅުދުއްފުށްޓަށް ގޮސްފައިވާ މީހުން ކަމަށް މަޢުލޫމާތު ލިބެއެވެ. މީގެ ތެރެއިން ތިން މީހުންނަކީ ނައިފަރު ހޮސްޕިޓަލުން އިތުރު ފަރުވާއަށް ކުޅުދުއްފުށީ ހޮސްޕިޓަލަށް ބަދަލު ކުރި މީހަކާއި އޭނާގެ ދެއެހީތެރިންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން 3 މީހުންވަނީ ކުޅުދުއްފުށީ ކަރަންޓީން ފެސިލިޓީއަށް ބަދަލުކޮށްފައެވެ. އަދި އަނެއްމީހާ ހުރީ ގެއެއްގައި ކަރަންޓީން ކޮށްފައި ކަމަށް މަޢުލޫމާތުލިބިފައިވެއެވެ.

ކުޅުދުއްފުށިން ކޯވިޑުގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަ ކަމަށާއި މިމީހުންނާ ގުޅުން ހުރި 3 ގެއަކުން 20 މީހަކު ކަރަންޓީންކޮށްފައިވާ ކަމަށްވެސް މަޢުލޫމާތުލިބިފައިވެއެވެ.

ކުޅުދުއްފުށީ ކޯވިޑަށް ޕޮޒިޓިވް ވި މީހުން ހޮސްޕިޓަލުގައި އުޅުނު ދުވަސްތަކުގައި ކެއުމުގެ ކަންކަން ހަމަޖައްސަމުން ގޮސްފައިވަނީ ހޮސްޕިޓަލް ސަރަހައްދުގައި ހުރި ރެސްޓޯރެންޓްތަކުން ކަމަށާއި އެމީހުން ރަށުގެ ބައެއް ފިހާރަތަކަށްވެސް ގޮސްފައިވެއެވެ. މީގެ އިތުރުން އެ މީހުންނާ ގުޅުން ހުރެގެން ކަރަންޓީނު ކުރި ގެތަކުގެ މީހުންވެސް ރަށުގެ އެކި ތަންތަނަށް ގޮސްފައިވާތީ ރަށުތެރޭގައި ކޯވިޑް-19 ފެތުރިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ކޮންޓެކްޓް ޓްރޭސިންއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ހޮސްޕިޓަލުގެ ކޯވިޑް ހޮޓްލައިން 7606688 އާ ގުޅުމަށް ނުވަތަ މެސެޖް ކުރުމަށް ކޭއާރުއެޗުން އިލްތިމާސްކުރެއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުންވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ފަހުން ހޮސްޕިޓަލަށް ޒިޔާރަތް ކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ހޮސްޕިޓަލާ ހިއްސާ ކުރެއްވުމަށް އެދިފައެވެ.

ކޯވިޑްގެ ކޭސްތައް ފެނުމާއި ގުޅިގެން ކުޅުދުއްފުށި ސިޓީވަނީ މޮނިޓަރިންއަށް ލާފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ބޮޑު ތިލަދުންމަތީގެ ރަށްރަށުގެ މީހުންގެ އިތުރުން އެހެން އަތޮޅުތަކުންވެސް ގިނަބަޔަކު ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ.