ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮއްވައި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވުމާ ގުޅިގެން އެރަށިން ނެގި 70 ސާމްޕަލްވެސް ނެގެޓިވްވެފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނިކޮށް ބަލި ޖެހިފައިވާކަން އެނގުނީ ނައިފަރު ހޮސްޕިޓަލުން އިތުރު ފަރުވާއަށް ކުޅުދުއްފުއްޓަށް ފޮނުވި މީހެކެވެ. އަދި އޭނާގެ ދެ އެހީތެރިންވެސް ވަނީ ޕޮޒިޓިވްވެފައެވެ. މިމީހުންވަނީ މިހާރު ކަރަންޓީން ފެސިލިޓީގައި ކަރަންޓީން ކޮށްފައެވެ.
ރޭ ޕޮޒިޓިވްވިކަން އެނގުނު 4ވަނަ މީހަކީވެސް ނައިފަރުން އިތުރު ފަރުވާއަށް ދިޔަ މީހެއްގެ ފިރިމީހާއެވެ. އެމީހަކީ ފެލިވަރުގައި މަސައްކަތްކުރާ މީހެކެވެ. އެ މީހުން ކުޅުދުއްފުއްޓަށް ގޮސްފައިވަނީ މިމަހު 21ވަނަ ދުވަހުއެވެ. މިމީހުން ހިމެނޭ ކްލަސްޓާއަކީ ރ.އުނގޫފާރާ ގުޅުން ހުރި ކްލަސްޓާއެކެވެ.
މިކަމާ ގުޅިގެން އެ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ބަލައި 70 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އެ ހުރިހާ ސާމްޕަލެއްވެސް ނެގެޓިވްވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއްވައެވެ.
މިހާތަނަށް ނެގި ސާމްޕަލްތައް ނެގެޓިވްވިކަމުގައިވިޔަސް ބަލި ފެތުރުމުގެ ބިރު ކުޑަނުވާކަމަށާއި ހުރިހާ އެންމެންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާވޫދު އިލްތިމާސްކުރެއްވިއެވެ.
ސާމްޕަލްތައް ނެގެޓިވްވިޔަސް ކަރަންޓީނުކޮށްފައިވާ މީހުން ކަރަންޓީނު ފުރިހަމަ ކުރަން ޖެހެއެވެ. އަދި އިތުރު ސާމްޕަލް ނެގުމަށްވެސް ނިންމާފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއްވައެވެ.