ޚަބަރު

ރައީސް އަވަހާރަކޮށްލަން 3 ހަމަލާއެއް ރާވާފައިވޭ- ހޯމް މިނިސްޓަރ


ވޭތުވެދިޔަ ސާޅީހަކަށް ދުވަހުގެ ތެރޭގައި ރައިސުލްޖުމްހޫރިއްޔާ
އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް އަވަހާރަކޮށްލުމަށް ތިން ފަހަރެއްގެ މަތިން ތިން
ހަމަލާއެއް ރާވާފައިވާކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. 



 ހޯމް މިނިސްޓަރ ވިދާޅުވެފައިވާ ގޮތުން
ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ދިން ފުރަތަމަ ހަމަލާއަކީ އަށާވިސް
ސެޕްޓެމްބަރުގައި އެމަނިކުފާނު ދަތުރުފުޅުކުރެއްވި ފިނިފެންމާ ލޯންޗުކޮޅުގައި
ބޮމެއް ގޮއްވާލައިގެން ދެވުނު ހަމަލާއެވެ. ދެވަނަ ހަމަލާއަކީ ސްނައިޕަރެއް ނުވަތަ އަމާޒަށް
ބަޑިޖަހާ މީހަކު ހަތިޔާރުގެ ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް
ރާވާފައިވާ ހަމަލާއެކެވެ. މިހަމަލާ ދިނުމަށް މަސައްކަތްކޮށްފައިވާ މީހާ
ހައްޔަރުކޮށްފައިވަނީ ސައުވީސް އޮކްޓޫބަރުގައެވެ. އެދުވަހަކީ ރައީސުލްޖުމްހޫރިއްޔާގެ
ނައިބުގެ މަޤާމުގައި އޭރު ހުންނެވި އަހުމަދު އަދީބް ޗައިނާއަށް އެންމެފަހުން
ކުރެއްވި ދަތުރު ނިންމާލުމަށްފަހު މާލެ ވަޑައިގަތް ދުވަސް. އެދުވަހު މާލޭގެ
މަގުތަކަށް ޒުވާނުން އެއްކުރުމަށްވެސް ބަޔަކު ވަނީ މަސައްކަތްކޮށްފައެވެ. 

ތިންވަނަ ހަމަލާއަކީ
މިމަހުގެ ދެވަނަ ދުވަހު ރައީސްގެ ގިނަ ބައްދަލުވުންތަކެއް ބާއްވަމުންދާ މުލިއާގޭ
ކައިރީގައި އެއްޗެއް ގޮއްވާލައިގެން ރައީސް އަވަހާރަކޮށްލުމަށް ރޭވި ހަމަލާއެކެވެ. މިހަމަލާއަކީ
ގިނައަދަދެއްގެ ބަޔެއްގެ ފުރާނައަށް އެއްފަހަރާ ގެއްލުންވާގޮތަށް ރާވާފައިވާ
ހަމަލާއެކެވެ. އެހެންނަމަވެސް ބޮން ގޮއްވާލުމުގެ ކުރިން އެކަން އެގިގެން ސަލާމަތީ
ބާރުތަކުންވަނީ އެބޮން ނޮގޮވާގޮތަށް ހަދާފައެވެ.



ރައީސުލްޖުމްހޫރިއްޔާ
އަވަހާރަކޮށްލުމަށް ނުރައްކާތެރި ހަމާލާތަކެއް ބަޔަކު ރާވަމުންދާއިރު،
އެފަރާތްތައް ހޯދުމަށް ސަލާމަތީ ބާރުތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ފުލުހުންގެ އިންޓެލިޖެންސަށް ލިބޭ މައުލޫމާތުގެ މައްޗަށް ބިނާ ކޮށް
ތަންތަން ޗެކްކުރަމުންދާއިރު، ނުރައްކާތެރި ހަތިޔާރާއި، ގޮވާތަކެތި ހެދުމަށް
ބޭނުންކުރާ އާލާތްތައްވެސް ދަނީ ފެންނަމުންނެވެ. އަދި އެކަމާއި ގުޅިގެން ބައެއް
ފަރާތްތައް ފުލުހުން ހައްޔަރުކޮށްފައިވާއިރު، ތުހުމަތުކުރެވޭ އިތުރުފަރާތްތަކެއް
ފުލުހުންދަނީ ހޯދަމުން. އެއްބަޔަކުވަނީ ފިލައިގެން ރާއްޖެއިން
ބޭރަށްގޮސްފައިކަމަށްވެސް ފުލުހުންބުނެއެވެ.