ޚަބަރު

ޞިއްޙަތު ދުވަސް 2021 - އިންސާފުވެރި ދުޅަހެޔޮ ދުނިޔެއެއް ބިނާކުރުން


ސިއްޙީ ނިޒާމަކީ އެންމެންނަށް ހަމަހަމަ އުސޫލުން ހަރުދަނާ ގޮތެއްގައި ފޯރުކޮށްދެވޭ ޚިދުމަތަކަށް ހެދުމަށް ޤައުމުތަކާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އަބަދުވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. ގިނަ ގޮންޖެހުންތަކެއް ކުރިމަތިވީނަމަވެސް މުހިއްމު އެތައް މައްސަލައެއްގައި ޤައުމުތައް ހޭލުންތެރިކުރުވުމުގައި އެޖަމިއްޔާއިން އަންނަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއަށް 73 އަހަރުވެފައިވާއިރު ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އެތައް ބަލިތަކެއް ނައްތާލުމާއި ގިނަ ބަލިތަކަކަށް ވެކްސިން ހޯދާ ނުރައްކާތެރި ބަލިތަކާމެދު ހޭލުންތެރިކުރުވުމާއި ސިއްޙީ ގޮތުން ޤައުމުތަކަށް ބޭނުންވާ ވަޞީލަތްތަކާއި އިންސާނީ ވަޞީލަތް ފޯރުކޮށްދިނުމުގައި ސިއްޙަތު ޖަމިއްޔާއިން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.

ދުނިޔޭގެ ސިއްޙަތު ދުވަސް އޭޕްރީލްމަހުގެ 7 ވަނަ ދުވަހު ފާހަގަކުރަމުން އަންނައިރު ވޭތުވެދިޔަ އަހަރުގެ މިދުވަސް ދިމާވެފައިވަނީ މިވަގުތު މުޅި ދުނިޔޭގައި އޮތް ކޯވިޑްގެ ނުރައްކަލުގެ ޙާލަތާއެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި ޢާއްމުވި މިބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔޭގެ ސިއްޙީ ނިޒާމަށް އިންގިލާބީ ބޮޑު ދަތިކަމަކާ ވަނީ ކުރިމަތިވެފައެވެ. އަދި މީގެ ސަބަބުން ކޯވިޑް ނޫންބަލިތަކަށް ފަރުވާ ދިނުމުގައިވެސް އެތައް ގޮންޖެހުމެއްވަނީ ކުރިމަތިވެފައެވެ. ބަލީގެ ޝިކާރައަކަށް 131 މިލިއަނަށްވުރެ ގިނަ މީހުންވެފައިވާއިރު މިބަލީގައި 2.8 މިލިއަނަށްވުރެ ގިނަ މީހުންވަނީ މުޅި ދުނިޔެއިން މަރުވެފައެވެ.

ކޯވިޑްއިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިކަން ލިބުނު އިންސައްތަ އިތުރުވީނަމަވެސް ގައިންގަޔަށް ނާރާ ދާއިމީ ބޮޑެތި ބަލިތައް ދެނެގަތުމުގައި ލަސްވުމާއި ފަރުވާ މެދުކެނޑިގެންދިޔުމުގެ ސަބަބުން މިފަދަ ބަލީގެ ނުރައްކާވަނީ އިންތިހާއަށް އިތުރުވެފައިކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ މީގެކުރިން ހާމަކުރައްވާފައެވެ. ހަމައެއާއެކު ނަފްސާނީ ބަލިތައް އިތުރުވެ، ކޯވިޑްގެ ނުރައްކަލުން އަރައިގަނެވޭއިރު މުޅި ދުނިޔޭ ނަފްސާނީ ބަލީގެ ޕެންޑަމިކަކަށް ދިޔުމުގެ ފުރުސަތު ބޮޑުކަމަށްވެސް އެޖަމިއްޔާއިން ހާމަކުރައްވައެވެ.

ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރަމުން އަންނައިރު ވޭތުވެދިޔަ 2 އަހަރަކީ މުޅި ދުނިޔޭގައިވެސް ސިއްޙީ ޚިދުމަތްތެރިން އެއްވެސް ޗުއްޓީއެއް ނެތި މަސައްކަތްކުރި ވަރަށް ބުރަ ދެއަހަރެވެ. ކޯވިޑްގެ ބަލިމަޑުކަމުގައި އެތައް ސިއްޙީ ޚިދުމަތްތެރިންނެއް ދުނިޔެއާއި ވަކިވެގެން ގޮސްފައިވާއިރު އަދިވެސް މިބަލިމަޑުކަމުން އަރައިގަތުމުގައި ސިއްޙީ ނިޒާމު އެއްކޮށް ކޮންމެ ޤައުމެއްގައިވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

މިހާލަތުގައިވެސް މުޅި ދުނިޔެއިންވެސް ސިއްޙީ ދާއިރާއިން އެކިވަރުގެ ކުރިއެރުންތައް ހޯދަމުން އަންނައިރު ރާއްޖޭގެ ސިއްޙީ ނިޒާމުންވެސް ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ޙާސިލުކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ ސިއްޙީ ނިޒާމް ލާމަރުކަޒުކުރުމެވެ. މި އަމާޒަށް ވާޞިލްވުމަށްޓަކައި ސަރުކާރުން ވަނީ ރާއްޖޭގެ 5 ސަރަޙައްދެއްގައި އެކަށީގެންވާ ޚިދުމަތްތަކާއެކު ޓާޝަރީ ހޮސްޕިޓަލްތައް ޤާއިމްކޮށް މާލެއާ އެއްފެންވަރަކަށް ޚިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތް ފަށްޓަވާފައެވެ. މި މަސައްކަތް މިހާރުވެސް ހުއްޓުމެއް ނެތި ކުރަމުން އަންނައިރު މިހާރު ހުރި ރީޖަނަލް ހޮސްޕިޓާތަކުން ވަނީ މިއަދާ ހަމައަށް އައިރު މުޅިން އައު ޚިދުމަތްތަކެއްވެސް ފަށާފައެވެ.

ހަމައެއާއެކު ސިއްޙީ ދާއިރާއަށް ބޭނުންވާ އިންސާނީ ވަޞީލަތް ތަރައްޤީކޮށް އިތުރު ވަޞީލަތް އަތޮޅުތެރޭގައި ޤާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ވަނީ ބޮޑެތި ކާމިޔާބީތަކެއް ލިބިފައެވެ. އެގޮތުން އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައި މީގެ ކުރިން ކޮށްފައިނުވާ އެތައް އޮޕަރޭޝަންތަކެއް އަންނަނީ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޒަމާނުއްސުރެ ޚިދުމަތް ހޯދުމަށް އަތޮޅުތެރެއިން މާލެއަށް އަންނަ އައުން މިހާރުވަނީ ވަރަށް ބޮޑަށް މަދުވެފައިކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކޯވިޑްގެ މިބަލިމަޑުކަމުގެ ތެރޭގައި ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރަމުން އަންނައިރު މިދާއިރާގެ ހުރިހާ ޚިދުމަތްތެރިންނަށް ޝުކުރު ޙައްގެވެ. އަދި އެންމެނަށް އެކަށޭނެ ސިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހެއެވެ. މިއަހަރު ދުނިޔޭގެ ސިއްޙަތު ދުވަހުގެ ޝިޢާރެއްގެ ގޮތުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައިވަނީ "އިންސާފުވެރި ދުޅަހެޔޮ ދުނިޔެއެއް ބިނާކުރުން" މިޝިއާރެވެ. މީގެ ޝިއާރުގެ ދަށުން ސިއްޙީ ޚިދުމަތުގެ އަގުތައް އެންމެނަށް އަތްފޯރާފަށަށް ގެނެވި ދުނިޔޭގެ ޤައުމުތަކުން ޙާސިލުކުރުމަށް މަސައްކަތްކުރާ ދެމެހެއްޓެނިވި ލަނޑުދަނޑިތަކުގެ ތެރެއިން ސިއްޙީ ނިޒާމު އަދާހަމަކުރުމަށް ބާރުއެޅުމަކީވެސް އަމާޒެކެވެ.