ފަހުގެ ތާރީޚެއްގައި މުޅި ދުނިޔެއަށް ކުރިމަތިވި އެންމެ ވަރުގަދަ އެއް ކާރިސާކަމަށްވާ ކޯވިޑްގެ ހާލަތުގައި ސިއްޙީ ދާއިރާގައި ޙަރަކާތްތެރިވާ ބޭފުޅުން ކުރައްވަމުންގެންދަވާ މިންނެއް މަސައްކަތް ފާހަގަކުރައްވާ އެދާއިރާގެ ހުރިހާ ޚިދުމަތްތެރިންނަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ޝުކުރުއަދާކުރައްވައިފިއެވެ.
ދުނިޔޭގެ ސިއްޙަތު ދުވަހާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ރައިސުލްޖުމްހޫރިއްޔާ ވަނީ މިހާރު ކުރިމަތިވެފައިވާ ޢާއްމު ސިއްޙަތުގެ ބޮޑު ބަލިމަޑުކަމުގައި ޢާއްމުންގެ ރައްކާތެރިކަމަށްޓަކާ ޑޮކްޓަރުންނާއި ނަރުހުންނާއި މިދާއިރާގައި ޙަރަކާތްތެރިވާ އެހެން ހުރިހާ ޚިދުމަތްތެރިން ކޮށްދެއްވަމުން ގެންދަވާ މަތިވެރި ޚިދުމަތް ފާހަގަކުރައްވާފައެވެ. އަދި ކަންކަމުގައި އަބަދުވެސް ޝުކުރުވެރިވާ ޤައުމެއްގެ ހައިސިއްޔަތުން މުޅި ޤައުމާއި ދިވެހި ރައްޔިތުންގެ ނަމުގައި ސިއްޙީ ދާއިރާއަށް ރައިސުލްޖުމްހޫރިއްޔާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.
On #WorldHealthDay, I want to acknowledge the service and dedication of the many doctors, nurses and other professionals working to keep us in good health while tackling the worst public health crisis in living memory. On behalf of a grateful nation I extend our sincere thanks.
— Ibrahim Mohamed Solih (@ibusolih) April 7, 2021
މިއަހަރުގެ ސިއްޙަތު ދުވަހުގެ ޝިއާރަކީ "އިންސާފުވެރި ދުޅަހެޔޮ ދުނިޔެއެއް ބިނާކުރުން" މިޝިއާރެވެ. ސިއްހަތު ދުވަސް ފާހަގަކުރަމުން އަންނައިރު ސަރުކާރުން ގެންދަވަނީ ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްކުރައްވަމުންނެވެ. އެގޮތުން އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އިތުރު ވަޞީލަތްތައް ހަމަކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ. މީގެ އިތުރުން ސިއްޙީ ޚިދުމަތް ހޯދުމުގައި މާލެއަށް ބަރޯސާވުން ކުޑަކުރުމަށް 5 ސަރަޙައްދެއްގައި ޓަރޝިއަރީ ހޮސްޕިޓަލް ޤާއިމުކޮށް އަންނަނީ ތަރައްޤީކުރަމުންނެވެ.