މޫސުމަށް އަންނަ ބަދަލުތަކާއި
ގުޅިގެން ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ފައިސާ އިތުރުކުރަން ޖެހޭ
ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް
ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޠާރިގު މިހެން
ވިދާޅުވީ ފްރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ މޫސުމަށް އަންނަ
ބަދަލުތަކާއި ބެހޭ މުއާހަދާގެ ބައިވެރިންގެ 21 ވަނަ ބައްދަލުވުމަށް ތައްޔާރުވުމުގެ
ގޮތުން ބާއްވާ ޕްރީ ކޮޕް ބައްދަލުވުމުގައި
އެލަޔަންސް އޮފް ސްމޯލް އައިލޭންޑް ސްޓޭޓްސް (އެއޯސިސް)ގެ މި ދައުރުގެ ރިޔާސަތު
ބަލަހައްޓާ ގައުމުގެ ފަރާތުން ވާހަކަފުޅުދައްކަވަމުންނެވެ.
69 ޤައުމަކުން
72 އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާ މި ބައްދަލުވުމުގައި
ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޠާރިޤް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަށް
ހޭނުމަށް ލިބޭ ހިލޭ އެހީ އިތުރުކުރުމަކީ ކުދި ގައުމުތަކުގެ ދިރިދެމި އޮތުމަށް
ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ.
ދުނިޔޭގެ ފިނިހޫނުމިން
އިތުރުވަމުންދާ މިންވަރު 1.5 ޑިގްރީގައި ހިފަހެއްޓުމަށް ފުޅާދާއިރާއެއްގައި
މަސައްކަތް ކުރުމަށް ވެސް މިނިސްޓަރ ޠާރިޤް ވަނީ އެ ބައްދަލުވުމުގައި
އިލްތިމާސްކުރައްވާފައެވެ.
ކުދި ޖަޒީރާ ގައުމުތަކުގެ
އިއްތިހާދު، އެލަޔަންސް އޮފް ސްމޯލް އައިލޭންޑް ސްޓޭޓްސް (އެއޯސިސް)ގެ ރިޔާސަތު މީހާރު
ބަލަހައްޓަމުން ދަނީ ރާއްޖޭންނެވެ. އެހެންކަމުން ކުދި ޖަޒީރާ ގައުމުތަކުގެ ޙައްޤުގައި
އަޑު އުފުލައި، ކުދި ޖަޒީރާ ގައުމުތަކުގެ ކަންބޮޑުވުންތައް ހާމަކޮށް މޫސުމާގުޅޭ
މައްސަލަތަކަށް ޙައްލެއް ހޯދުމަށް ރާއްޖޭން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ނޮވެމްބަރު މަހުގެ 30 –
ޑިސެމްބަރު 11 އަށް ފަރަންސޭސިވިލާތުގެ ޕެރިހުގައި ބޭއްވުމަށް ހަމަޖެހިފައިވާ
މޫސުމަށްއަންނަ ބަދަލުތަކުގެ މުޢާހަދާގެ ބައިވެރިންގެ 21 ބައްދަލުވުން
ހިމެނިގެންދާނީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މިހާތަނަށް ބޭއްވޭ އެންމެ
ބޮޑު ބައްދަލުވުމުގެ ގޮތުގައެވެ.