ޚަބަރު

މޭޔަރުކަމަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުންނަށް ރައީސް މަރުޙަބާ ދަންނަވައިފި


ރާއްޖޭގައި އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މޭޔަރުކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މަރުޙަބާ ދަންނަވައިފިއެވެ.

ރާއްޖޭގައި އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލެ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރުންގެ މަޤާމަށް ވަނީ ބޭފުޅުން އިންތިޚާބުކޮށްފައެވެ..

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކާމިޔާބީ ހޯއްދެވި ހުރިހާ މޭޔަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ފޯނުން ގުޅުއްވައި މަރުޙަބާ ވިދާޅުވިކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން މޭޔަރުންނަށް ދެއްވިކަމަށް މަބްރޫކް ވިދާޅުވިއެވެ.



ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ހޮވިވަޑައިގެންނެވިއެވެ. އަނެއް 3 ސިޓީގެ މޭޔަރުގެ މަޤާމު ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓުންނެވެ. މިގޮތުން އައްޑޫ ސިޓީގެ މޭޔަރުކަމަށް އަލީ ނިޒާރު، ފުވައްމުލައް ސިޓީގެ މޭޔަރުގެ މަޤާމަށް އިސްމާއިލް ރަފީގް އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމުގެ މަޤާމަށް މުހައްމަދު އާތިފް ވަނީ ހޮވިވަޑައިގެންފައެވެ.