އާބާދީގެ 60 އިންސައްތައަށް ވެކްސިން ޖަހާފައިވާނަމަ ކަރަންޓީންވުމަކާ ނުލާ ރަށްރަށަށް ދަތުރުކުރެވޭނެ އުސޫލެއް އެޗްޕީއޭއިން ޢާއްމުކުރައްވައިފިއެވެ.
މިއުސޫލަށް ޢަމަލުކުރަން ފަށާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
މިއުސޫލުގެ ދަށުން އާބާދީގެ 60 އިންސައްތައަށް ކޯވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާނަމަ އަދި އެރަށެއްގައި ބަލި އުޅޭ ނިސްބަތް 5 އިންސައްތަ އަށްވުރެ ދަށުގައި އުޅޭ ރަށްރަށުން ޕީސީއާރް ޓެސްޓުކުރުމެއްނެތި ދަތުރުކުރެވޭނެއެވެ. އެހެންނަމަވެސް އެރަށެއްގައި ބައްޔަށް ޕޮޒިޓިވްވާ ނިސްބަތް 5 އިންސައްތަ އަށްވުރެ މަތީގައި އުޅޭ ރަށްރަށުން އެނޫން ރަށަކަށް ދާނަމަ ދަތުރުކުރެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކުގައިކަމަށް ވަނީ މިއުސޫލުގައި ކަނޑައަޅާފައެވެ.
އެހެންނަމަވެސް ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދިންނަށްވެސް މިއުސޫލުގެ ދަށުން ދަތުރުކުރެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓު ނަތީޖާއާއެކުގައެވެ. އަލަށް އެޗްޕީއޭއިން ޢާއްމުކުރި އުސޫލުގެ ދަށުން ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ ފަތުރުވެރިންވެސް ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާނަމަ ކަރަންޓީން ވުމަކާނުލައި އަދި ނެގަޓިވް ޕީސީއާރް ޓެސްޓު ނަތީޖާއާއި ނުލާވެސް ރާއްޖެއަށް ދަތުރުކުރެވޭނެއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ޢާއްމުކުރެއްވި މިއުސޫލުގެ ދަށުން އިސްތިސްނާވާ ޙާލަތްތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން ރާއްޖެއިން ބޭރުން އަންނަ ސިއްޙީ ޚިދުމަތްތެރިންނާއި ޑޭކެއަރ ސެންޓަރުތަކާއި ސްކޫލްތަކާއި ރެޒިޑެންޝަލް ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތަކުން ރާއްޖެ އަންނައިރު ނެގެޓިވް ޕީސީއާރް ޓެސްޓު އޮންނަންޖެހޭގޮތަށް ވަނީ ކަނޑައަޅާފައެވެ.
އެޗްޕީއޭއިން މިފަދައިން އުސޫލު ޢާއްމުކޮށްފައިވާއިރު ކޯވިޑް ވެކްސިންގެ 2 ޑޯޒް ޖެހުމަށްފަހު 2 ހަފްތާ ވެފައިވާ ފަރާތްތަކަށް ރަށްރަށަށް ޒިޔާރަތްކުރުމަށް ހުރަހެއް ނޯންނަގޮތަށް ކަންކަން އިންތިޒާމްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުވެސް ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން ކޯވިޑް ކޭސްތައް ފެނި މާލެ ލޮކްޑައުން ކުރުމައި ގުޅިގެން މާލެއިން ރަށްރަށް ދިޔުމުގައި ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން ނެގެޓިވް ޕީސީއާރް ޓެސްޓު ނަތީޖާއާއެކު ރަށްރަށް ގޮސް ހޯމް ކަރަންޓީނުގައި ވަކި މުއްދަތެއް ހޭދަކުރަންޖެހެއެވެ.